ހދ. ނޮޅިވަރަމަށް އުފަން، އުމުރުން 74 އަހަރުވެފައިވާ ސިއްތިއަށް ދިމާވީ އެ އުމުރުގެ އަންހެނުންނަށް އާންމުކޮށް ދިމާވާ ކަމެއް ނަމަވެސް އެއީ ސިއްތިއަށް އާ ކަމެކެވެ. އިއްދައިން ކެނޑިފައި އިން ނަމަވެސް ގަދަޔަށް ބަނޑުގައި ރިއްސުމަށްފަހު ލޭ އައުން މިއީ ބައްޔެއްގެ ފެށުންކަން ސިއްތިއަށް އިހުސާސްވިއެވެ. އެކަމަކު މިއީ ކިހާ ބޮޑު ބައްޔެއް ކަމާއި މިބަލި ޖެހުމުން ދެން ވާނެ ގޮތަކާއި، ބައްޔާ ގުޅޭ އެއްވެސް މައުލޫމާތެއް ސިއްތިއަކަށް ނޭނގެއެވެ.
އުފަން ދަރިޔަކު ނެތް ސިއްތިގެ ކަންކަން ބަލަހައްޓަނީ އެނާގެ ދޮންދަރިއެކެވެ. ސިއްތިގެ ވާހަކަ "ވަން"އާ ހިއްސާކުރަމުން އޭނާގެ ދޮން ދަރި ނާހިދު ހަސަން ބުނީ، ސިއްތިއަށް އުނދަގޫތަކެއް ވާންފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. ގިނަ ޓެސްޓުތަކެއް ހެދި ކަމަށާއި ބޮޑުބައްޔެއް ހުރިކަން އެނގުނީ އެ ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ކަމަށެވެ.
"މަންމަ ޑޮކްޓަރަށް ދައްކައި ހުރިހާ ކަމެއް މި ކުރަނީ އަޅުގަނޑު. ހިއެއް ނުކުރަން މާބޮޑު ބައްޔެއް ހުރެދާނެ ކަމަށްވެސް. ޓެސްޓުތައް ހަދައި އޭގެ ނަތީޖާ އައިއިރު މަންމައަށް މިހުރީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުޖެހިފަ. ހުރީ ސްޓޭޖް 2ގަ." ސިއްތިގެ ބަލި ދެނެގަނެވުނު ގޮތް ހިއްސާ ކުރަމުން އޭނާ ބުންޏެވެ.
ނާހިދު ބުނީ ސިއްތިގެ ހާލު ދުވަހެއް ދުވަހަކަށް ދަށަށް ދާކަމަށެވެ. ލޭމަނާ ނުވެގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭން ޖެހޭ ދުވަސްތައް އަންނަ ކަމަށާއި މިހާރު ބާރުގަދަ އިންޖެކްޝަނާއި ބޭސްދީގެން ލޭ މަނާކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ވީހާވެސް އަވަހަކަށް އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އާސަންދައާއި އެންސްޕާގެ އެހީތެރިކަން މިހާރު ލިބިފައިވީނަމަވެސް ސިއްތި ގޮވައިގެން އިންޑިއާގައި އެކަނި އުޅުން ނާހިދުއަށް ދަތިކަމަކަށްވާތީ އާއި ނާހިދަކީ ފިރިހެނެއް ކަމުން ސިއްތިގެ ފިރިމީހާ (ނާހިދުގެ ބައްޕަ) ގޮވައިގެން ދިއުމަށް ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ އާއިލާއަކީ ތަނަވަސް އާއިލާއެއް ނޫން ކަމަށާއި އިންޑިއާގައި މަދުވެގެންވެސް ދޮޅުމަސް ހޭދަވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ ހުރުމާއި ކެއުންފަދަ ކަންކަމަށް ބޮޑު ހަރަދެއްދާނެ ކަމަށް އޭނާ ބުންޏެވެ.
"އޮޕަރޭޝަން ކުރަންޖެހުނަސް އެނގޭނީ އިންޑިއާއަށް ގޮސްފަ. ފަރުވާތައް ވީހާވެސް އަވަހަށް ފަށަން މިކޮޅުން ޑޮކްޓަރު ލަފާދެއްވީ. މަންމަ އާއި ބައްޕައަށް ލިބޭނީ 65 އަހަރުވީމަ ލިބޭ އެލަވަންސް އެކަނި. އިތުރަކަށް އާމްދަނީ ލިބޭނެ ވަސީލަތެއް ނެތް. ދެން އަޅުގަނޑަކީވެސް އެހާ ތަނަވަސް މީހަކަށް ނުވުމުން އެދެނީ އާންމުންގެ އެހީއަކަށް. ބޭސްފަރުވާގެ ކަންކަން އާސަންދައިން ހަމަޖެއްސިޔަސް އެކޮޅުގައި ހުރުމާއި ކެއުންފަދަ ކަންކަމަށް ބޮޑު ހަރަދެއް ދާނެ." އޭނާ ބުންޏެވެ.
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ނުވަތަ "ސާވިކަލް ކެންސަރު"އަކީ ރަހިމުގެ ދޮރުގެ ސެލްތަކަށް އަންނަ ބަދަލަކުން ޖެހޭ ކެންސަރެކެވެ. ދިވެހިރާއްޖޭގައި އާންމުކޮށް ފެންނަ 10 ބާވަތުގެ ކެންސަރުގެ ތެރޭގައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ހިމެނެއެވެ.
ރަހިމުގެ ދޮރުގެ ކެންސަރު ޖެހެނީ އެހިސާބުގައި ހުންނަ ސެލްތަކަށް ބަދަލުތަކެއް އައިސް ދުވަސްތަކެއް ވަންދެން ހުރުމަށް ފަހުގައެވެ. މިވައްތަރުގެ ކެންސަރު ޖެހޭ މީހުންނަށް އޭގެ އަސަރު ފެންނަނީ ބަލި ޖެހުމަށްފަހު ގިނަ ދުވަސްވެ، ރަހިމުގެ ބޮޑު ބަޔަކަށާއި އަދި އެހެނިހެން ގުނަވަންތަކަށް ބަލީގެ އަސަރު ފޯރާ ފަހުންނެވެ.
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ދެވޭ ފަރުވާ ބިނާވެގެންވަނީ ބަލީގެ މަރުހަލާ އަށެވެ. މިކެންސަރުގެ ހަތަރު މަރުހަލާއެއް ވެއެވެ. އެއީ ފުރަތަމަ، ދެވަނަ، ތިންވަނަ، އަދި ހަތަރުވަނަ މަރުހަލާ އެވެ. އެކި މަރުހަލާތަކުގައި ދެވޭ ފަރުވާ ތަފާތު ވާނެއެވެ. މިބަލީގެ ނުރައްކާތެރިކަން ފެށެނީ ދެވަނަ މަރުހަލާއާއި ހިސާބުންނެވެ. އެއީ ރަހިމުގެ ދޮރުން ބޭރަށް ކެންސަރުގެ އަސަރުކުރަން ފަށާ ހިސާބެވެ.
ސިއްތި އަށް އެހީވާން ބޭނުންވާ ފަރާތްތަކުން 7713451648101 ނާހިދު ހަސަންގެ އެކައުންޓަށް ފައިސާ ފޮނުވުމަށް ވަނީ އެދިފައެވެ.