ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ އަންހެން މެންބަރުންގެ އަދަދު އިތުރުކުރުމަށްޓަކައި ގާނޫއަސާސީ އިސްލާހު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، މިއީ މި އަހަރުގެ އަންހެނުންގެ ދުވަސްކަން ފާހަގަކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެންމެ ހަތަަރު އަންހެން ބޭފުޅުން ކަމަށާއި އެހެންކަމުން އެ ރޮނގުގައި ދުނިޔޭގެ ރޭންކުގައި ރާއްޖެ އޮތީ 180 ވަނައިގައި ކަމަށެވެ.

ނަމަވެސް މި ވަގުތު ރާއްޖޭގެ ޑިޕްލޮމެޓިކް ސާވިސްގައި އެމްބެސެޑަރުންގެ ގޮތުގައި ވަޒީފާ އަދާކުރާ މީހުންގެ ދެބައިކުޅަ އެއްބަޔާއި ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބައި ބޭފުޅުންނަކީ އަންހެން ބޭފުޅުންކަން މަޖިލިސް ރައީސް ފާހަގަކުރެއްވިއެވެ.

"އޭގެ ތެރެއިން ގިނަ އަންހެން ބޭފުޅުންނަކީ ރާއްޖޭގެ ސިޔާސީ ހަޔާތް ޑިމޮކްރެޓިކް ނިޒާމަށް ބަދަލުކުރުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާފައިވާ އަންހެން ބޭފުޅުން، އެ ބޭފުޅުންގެ ގަދަ ހިތްވަރާއި އެ ބޭފުޅުންގެ ހީވާގި މަސައްކަތް އެއީ އަޅުގަނޑުމެން އެންމެންވެސް ބަލައިގަންނަ މަސައްކަތެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މަޖިލީހުން ކުރިއަށް ގެންދާ ޕްރެކްޓިސް ޕާލަމަންޓް ފޯ ވިމެންގައި އަންހެނުންނަށް މަޖިލީހުގައި ގޮނޑި ތަމްސީލު ކުރެވޭނެ އިތުރު ފުރުސަތުތަކެއް އެބަ އޮންނަންޖެހޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށް ގާނޫނަށް ގެނައި ބަދަލާއެކު ސިޔާސީ ކަންކަމުގައި އަންހެން ބޭފުޅުންގެ ބައިވެރިވުން އިތުރުވެެގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ކައުންސިލްތަކުގައި 33 ޕަސެންޓް އަންހެނުންނަށް ގޮނޑި ހާއްސަ ކުރެވިއްޖެ، އޭގެ ރަނގަޅުކަން އެބަ މާބޮޑަށް ފާހަގަވޭ، ރާއްޖޭގެ ރަށްރަށުގައާއި ރަށްވެހިކަމުގެ ކަންކަން ނިންމުމުގައި، ހިންގުމުގައި އަންހެނުން ބައިވެރިވާ މިންވަރު ކުރިއަށްވުރެ މާބޮޑުތަނުން އިތުރު ވެގެން ހިނގައްޖެ، އަދި ގޮނޑި ރިޒާވް ކުރެވިގެން އެ ގޮނޑިތަކަށް އިންތިހާބުވި އަންހެން ބޭފުޅުންނަށް ސިޔާސީ ހަޔާތުގައި ފުރުސަތު ފަހިވެގެންދާކަން އެއީ ފާހަގަކުރެވޭ ނުކުތާއެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގައި އަންހެން ބޭފުޅުން ހިމެނިގެންދާނެ ގޮތާގުޅޭ ގޮތުން ރާއްޖޭގެ ރައްޔިތުން މިއަދު ފުންކޮށް ވިސްނާނެ ކަމެއް ކަމަށެވެ.

"އެހެންކަމުން މަޖިލިސް އެކުލެވިގެންވާ ގޮތް ބަަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާއަކަށް ވާންޖެހޭނެ، މި މަޖިލީހުގައި މެންބަރުން ތަމުސީލުވާއިރު އަންހެނުންނަށް ހާއްސަ ފަހިކަމެއް، ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މިއަދު އަޅުގަނޑުމެން އެންމެންވެސް އަނެއްކާވެސް ނިޔަތްގަނެ އަޒުމު ކަނޑައަޅާންވީ މަސައްކަތެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.