ޒޯން ހަތަރެއްގެ އިތުރުން މ. އަތޮޅުގެ ތަށްޓާއެކު ދިއްގަރުން މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖަށް މުހިއްމު ސިގްނަލެއް ދީފިއެވެ. އެޓީމަކީ ފަހަތަށް ޖައްސާލަން އުނދަގޫ، ދުވަހެއް ދުވަހަކަށް ކުރިއަށްދާނެ ޓީމެއްކަން ފެނިގެން ހިނގައްޖެއެވެ. ޓީމުގެ މުހިއްމު ކުޅުންތެރިންގެ ވިސްނުން، ތަޖުރިބާ، އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވި، ޓީމު މުބާރާތަށް ހޭނެމުން އަންނަތަން ފެނިއްޖެއެވެ. ޒޯން ހަތަރެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދިއްގަރުގެ މުހައްމަދު އަލީގެ ނަޒަރުގައިވެސް ދިއްގަރުން ފެނުނު އެންމެ މުހިއްމު ކަމަކީ ކުރިއެރުމެވެ.
"އަހަރެމެންނަކީ މާ ބޮޑު ފަރިތަކުރުންތަކެއް ކޮށްގެން މިކޮޅަށް އައި ޓީމެއް ނޫން. މި ކޮޅަށް އައިސް ތަމްރީނުތައް ފަށައި، މިހާ ހިސާބަށް އައިއިރު ޓީމު އައީ ކުރިއަރަމުން. އެ އިމްޕްރޫވްމަންޓާއެކު ވަރަށް ބޮޑު، ޝަރަފުވެރި ކާމިޔާބީއެއް މި ލިބުނީ. މިއީ ދިއްގަރަށް ފަހުރުވެރި ކާމިޔާބީއެއް،" ޒޯން ފައިނަލަށްފަހު، މުހައްމަދު އަލީ "ވަން" އަށް ބުންޏެވެ.
ފަހުރުވެރި ޒޯންގެ ތަށްޓާއެކު ދިއްގަރަށް އުފާވެރި ރެޔެއް ފެނިގެން ދިޔަ އިރު، މުހައްމަދު އަލީގެ ނަޒަރުގައި ހާއްސަ ޝުކުރެއް އަދާކުރަން ޖެހެނީ ރައްޔިތުންނަށެވެ. އިހުލާސްތެރި ސަޕޯޓަރުންނަށެވެ.
"ދިއްގަރު ސަޕޯޓަރުންނަކީ އެވަރެއް ނެތް ބައެއް. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ބެސްޓް ސަޕޯޓަރުންގެ މަގާމުވެސް ހޯދި ސަޕޯޓަރުންތަކެއް. އެކަން ފެނިގެން އެބަދޭ މިހާރުވެސް އެއީ ވަރަށް ވަރަށް ހިތްވަރުގަދަ ސަޕޯޓަރުންގެ ޓީމެއް. މި ކާމިޔާބީއާއެކުވެސް އެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން ބޭނުންވޭ،" މުހައްމަދު އަލީ ބުންޏެވެ.
ދިއްގަރު ޓީމަށް އޮތް ސަޕޯޓަރުންގެ ލޯތްބާއެކު، މުހައްމަދު އަލީގެ ވިސްނުންވެސް ހުރީ ކުރިއަށެވެ. ދިއްގަރުން މިރޭ ގަދަ 16 ގެ މެޗަށް ނުކުންނަ ނުކުތުމުގައި، އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހޭކަށް އޭނާގެ ވިސްނުމުގައެއް ނެތެވެ.
"ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މަޑުޖެހުމަކަށް ވިސްނާނެ ޖާގައެއް ނޯންނާނެ. އެހެންވީމަ ޓާގެޓަކީ ހަމަ ކޮންމެ ޓީމަކާ ދެކޮޅަށް ނުކުންނަ ނަމަވެސް، ކުރިއަށް ދިއުން. ދެން އޮތީ މަޖުބޫރުވާނެ މެޗުތަކެއް. އެހެންވީމާ ކުރިއަށްދިއުން ނޫން ގޮތެއް ނުވެސް އޮންނާނެކަން އެނގޭ،" ދ. މާއެނބޫދޫއަށް އުފަން މުހައްމަދު އަލީ ފާހަގަކުރިއެވެ.
ދިއްގަރުން ގަދަ 16ގައި މިރޭ ނުކުންނާނީ ލ. ގަމާ ދެކޮޅަށެވެ. މެޗު އޮންނާނީ 9:00 ގައެވެ.