މިދިޔަ އަހަރު އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގެ ރޭންކިން މެޗުގައި ޕެނަލްޓީގައި މޮންގޯލިއާ ބަލިކޮށް ރާއްޖޭން ހޯދި ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އޮތް، އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ކުޅުންތެރިޔަކީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ފުޓްސަލްގައި އިތުރު ތައާރަފަކަށް ބޭނުންވާނެ ކުޅުންތެރިއެއް ނޫނެވެ. ފުޓުބޯޅައިގައިވެސް ހުނަރުވެރި، އަބަދުވެސް އެއް ފަންތިއެއްގައި ކުޅެމުން އަންނަ ހަލުވި ނެއްޓުންތަކުގެ ކުޅުންތެރިއެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި ނައިވާދޫން އަތޮޅުގެ ރަސްކަން ހޯދައި، ޒޯންގެ ޗެމްޕިއަން ތަށި އުފުލައިލުމުގައިވެސް އެންމެ އިސް މޭސްތެރިޔަކީ ޓީމުގެ ހުނަރުވެރި ލީޑަރު ޝާއްޕެ އެވެ.
ފުޓުބޯޅައާއި ފުޓްސަލްއަށް ހުރި ޝައުގުވެރިކަމެއްގެ ތެރެއިން ފުޓްސަލްއިން ވިދާލައި، ކްލަބު މޯލްޑިވްސް ފަދަ ބޮޑެތި އެތައް މުބާރާތެއްގައިވެސް ފެންވަރު ދައްކަމުން އައިސް، މިހާރު ޝާއްޕެ ހުރީ އަތޮޅާއި ރަށް ތަމްސީލުކުރުމުގެ ހިތްވަރުގައެވެ. ނައިވާދޫގެ އަޒުމުގައި، ޝާއްޕެގެ އަޒުމުގައި ރަށަށް ތަށި ގެންދިއުން ނޫން ވިސްނުމެއް ނެތްކަން ސާފެވެ. އެކަމަށް އޮތް ފުރަތަމަ މަރުހަލާއަކި މިރޭގެ ގަދަ 16ގެ މެޗެވެ. ނައިވާދޫން ނުކުންނާނީ ވިލިމާލެއާ ދެކޮޅަށެވެ.
"ޓާގެޓަކީ ގަދަ 16 އަށް ދިއުން. އަނިޔާގެ މައްސަލަތައް އެބަހުރި. އެއީ އޮތް ގޮންޖެހުމެއް ނަމަވެސް ސަޕޯޓަރުންގެ އެހީއާއެކު ކާމިޔާބުކުރެވޭނެ. ސަޕޯޓަރުންގެ ސަޕޯޓް ވަރަށް ފުރިހަމަ. މިގޮތަށް މިކަން ގަދަ 16ގައިވެސް އޮންނާނެކަމަށް މި އުންމީދުކުރަނީ،" ޒޯން ބުރަށްފަހު "ވަން" އާ ވާހަކަ ދައްކަމުން ޝާއްޕެ ބުންޏެވެ.
ނައިވާދޫގެ ސަޕޯޓަރުންގެ ފުރިހަމަކަން މިހާތަނަށް މުބާރާތުން ފެނިގެން ގޮސްފައިވާ އިރު، ޒޯން ތަށި ދިން ވަގުތުވެސް މުޅި ދަނޑު އޮތީ ފުރާލައިފައެވެ. މާފަތިތައް ކުޅުންތެރިންގެ ކަރަށް މަހާލައި، ނެށުމާއެކު އާއިލާތަކުން އުފާފާޅުކުރަމުން ދިޔަ ދިޔުމުން ރަށު ރޫހު ދައްކުވައިދިނެވެ.
"މިއީ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް. މި ތަށި ރަށަށް ގެންދިއުން ވެފައި އޮންނާނީ އަބަދުވެސް ޓާގެޓަކަށް. މިއާއި ކްލަބު މޯލްޑިވްސް ހޯދުންކަންނޭނގެ ފުޓްސަލްގައި މިހާރު އެންމެ ބޮޑު ޓާގެޓަކަށް އޮންނާނީ. އެހެންވީމަ ތަށި ބޭނުންވަނީ. އެކަމަކު ފުރަތަމަ ހަމަ ގަދަ 16 އަށް ވިސްނުން އެންމެ މުހިއްމީ،" ޝާއްޕެ ބުންޏެވެ.
ޝާއްޕެގެ ނަޒަރުގައި ގޯލްޑަންގެ އިންތިޒާމަކީ ފުރިހަމަ އިންތިޒާމެކެވެ. މުބާރާތުގެ ފެންވަރުން، ރަނގަޅު ރޫހެއްގައި ތަށި ހޯދުމަށް ޓީމުތަކުން ކުރާ މަސައްކަތް ބޮޑުވެއެވެ. ހާއްސަކޮށް ރާއްޖޭގެ ފުޓްސަލްގެ ރަސްކަން ހޯދަން ގޯލްޑަން ފުޓްސަލް ޗެލެންޖަކީ އެންމެ ވަރުގަދަ ޕްލެޓްފޯމް ކަމަށް ޝާއްޕެ ދެކެއެވެ.
ނައިވާދޫން ގަދަ 16 ގައި ވިލިމާލެއާ ދެކޮޅަށް ނުކުންނަ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.