މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ޒޯން ހަތެއްގެ ޗެމްޕިއަން ޓީމަކީ ފުވައްމުލަކު ދަޑިމަގެވެ. ސ. ފޭދޫ ބަލިކޮށް އެޓީމުން ތަށި ނެގީ ޒޯނުގައި ދެމެޗު ކުޅެގެންނެވެ. މިހާތަނަށް ފުވައްމުލަކުން މުބާރާތުގައި ގިނަ މެޗުތަކެއް ނުކުޅެ އޮތް ނަމަވެސް، ކެޕްޓަން މުހައްމަދު ސާދު ނިޒާރުގެ ވިސްނުމުގައި ޓީމުގެ ނަތީޖާތައް ރަނގަޅެވެ.

"މިކަމަށް ތައްޔާރުވާތާ ދުވަސްކޮޅެއް ވެދާނެ. އެކުގައި ކުރެވުނީ 10 ވަރަކަށް ޕްރެކްޓިސް ނަމަވެސް ނަތީޖާ ހިތްހަމަ ޖެހޭ. މި ކާމިޔާބުކުރެވުނީ ހަމަ ވަރުގަދަ ފައިނަލެއް،" ޒޯން ފައިނަލަށް ފަހު ސާދު "ވަން" އަށް ބުންޏެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ޓީސީ ސްޕޯޓްސް ކްލަބުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުނަރުވެރި ތަރި ސާދުގެ ފޯކަސް މިހާރު ފުޓްސަލްއަށް ބޮޑަށް ހުރި އިރު، އޭނާގެ ވިސްނުމުގައި މިވަގުތު ތަމްސީލުކުރަމުން އަންނަނީ މުޅި ފުވައްމުލަކެވެ. ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި ފުވައްމުލަކަށް ރީތި ނަމެއް ހޯދައިދިނުމަކީ ސާދުގެ ވިސްނުމެވެ. އެއީ މިވަގުތު ހަމައެކަނި ފޯކަސްވެސް މެއެވެ.

"ދަޑިމަގަކީ ހަމައެކަނި ދަޑިމަގުގެ އެކަނި ޓީމެއް ނޫން. މިއީ ހުރިހާ އަވަށަކުންވެސް ކުޅުންތެރިން ތިބި މުޅި ފުވައްމުލައް ތަމްސީލުކުރަމުން އަންނަ ޓީމެއް. ވަރަށް އެކަތިގަނޑެއްގެ ގޮތުގައި އޮތް ޓީމެއް. ތަމްސީލުކުރަނީ މުޅި ފުވައްމުލައް. މިއީ ފުވައްމުލަކުގެ ޝަރަފުގައި ކުޅެމުން އަންނަ ޓީމެއް. އެ ރޫހު މުޅި ސިޓީންވެސް މި ޓީމަށް ގެނުވާނެ،" ސާދު ފާހަގަކުރިއެވެ.

ދަޑިމަގުން މިރޭ ގަދަ 16 ގައި ބ. އޭދަފުއްޓާ ދެކޮޅަށް ނުކުންނަ އިރު، ޓީމުގެ އެންމެ މުހިއްމު އަމާޒަކީ ކޯޗުގެ އިރުޝާދު ދަނޑުމަތިން ދެއްކުމެވެ. ކޯޗު މުހައްމަދު އަޝްރަފުގެ ވިސްނުމަށް އިތުބާރުކޮށްގެން މިރޭގެ މެޗު ނެގުމުގެ އުންމީދު ދަޑިމަގަށް އޮތް ކަމަށްވެސް ސާދު ފާހަގަކުރިއެވެ.

"ކޯޗު ކޮންމެ މެޗަކަށްވެސް ޓެކްޓިކްސް ރާވާނެ. އެ ރޭވުން މި އަންނަ ދުވަސްތަކުގައި ގަދަ 16 އަށް ތައްޔާރުކުރާނީ. އެ ޓެކްޓިކްސް ކުޅުމުގައި މާސްޓާ ކުރުން ދެން އޮންނާނީ. އެއީ ކުރިއަށް އޮތް މެޗު ނަގަން ކޮންމެހެން މުހިއްމު ކަމެއް. އުނދަގޫވާނެ. ކޮންމެ ގޮތެއްވިޔަސް ވަރުގަދަ މެޗަކާ ކުރިމަތިލާން މި ޖެހެނީ. އެހެންވީމާ އެ ޗެލެންޖަށް ތައްޔާރުވާން ޖެހޭނެ،" ސާދު ބުންޏެވެ.

ދަޑިމަގާއި ބ. އޭދަފުށި ވާދަކުރާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ގަދަ 16 ގެ މެޗު އޮންނާނީ މިރޭ 11:00 ގައެވެ.