ރ. އިނގުރައިދޫން މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖަށް ނުކުތީ މިދިޔަ އަހަރުގެ ހިތްދަތިކަން ހަނދާން ނައްތާލުމަށެވެ. ރަށުގެ ހުނަރުވެރި އެތައް ކުޅުންތެރިންނެއްގެ ފެންވަރު ސާބިތުކޮށްދިނުމަށެވެ. މުހިއްމު ބައެއް ކުޅުންތެރިންނާ ނުލައި މިދިޔަ އަހަރު ކުޅެން ޖެހުނު މެޗުތަކުން ލިބުނު މާޔޫސްކަން އުފާވެރިކަމަށް ބަދަލުކޮށްލުމަށެވެ. އެ ދަތުރުގައި އެ ރަށުން މިފަހަރު އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދައި، ރައްޔިތުންނަށް އުންމީދު ގެނެސްދީފިއެވެ. ޒޯން ދޭއްގެ ޗެމްޕިއަންކަން ރ. އިނގުރައިދޫއަށް ހޯދައިދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ޒޯނުގެ މޮޅު ކުޅުންތެރިޔަކީ އުމުރުން 24 އަހަރުގެ އަހުމަދު އައިހަމް (އައިހު) އެވެ.
އެންމެ ކުޑައިރުން ފެށިގެންވެސް ގޭ ތެރެއިން، އާއިލާ ތެރެއިން ފުޓްސަލްއާއި ފުޓުބޯޅައަށް ލޯބި ޖެހިގެން އައި އައިހަމް، ރާއްޖޭގެ ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަންގައިވެސް ހުނަރުވެރިކަން ސާބިތުކޮށްދީފައިވާ އިރު، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި، ރަށަށް ގެންދިޔުން އެއީ އޭނާގެ އެންމެ ބޮޑު އެއް އުންމީދެވެ.
"އާއިލާގެ ފަރާތުން ފުޓްސަލްއާއި ފުޓުބޯޅަވެސް އައިސްފަ މިވަނީ. ބޮޑު ފުޓުބޯޅައަށް ފޯކަސް ހުރި ނަމަވެސް ރަށުގެ ނަމަށްޓަކައި ގޯލްޑަން ފުޓްސަލް ޗެލެންޖަށް ނުކުމެ މިހުރީ. ރަށަށްޓަކައި މިކަން ކުރުން އެންމެ މުހިއްމީ،" އައިހަމް ބުންޏެވެ.
އައިހަމްގެ ނަޒަރުގައި މި އަހަރުގެ މުބާރާތަށް އިނގުރައިދޫން ހައްލުކުރި އެތައް ކަމެއް އެބައޮތެވެ. ރަނގަޅު ކޯޗެއް ކަމަށްވާ އަހުމަދު ވިސާލް (އަންދު)ގެ އިރުޝާދު ޓީމަށް ލިބުމަކީ ހިތްވަރެއް ކަމަށް އައިހަމް ދެކޭ އިރު، އެންމެ ބޮޑު ވިސްނުމަކީ މެޗަކަށްފަހު މެޗަކަށް ފޯކަސް ކުރުން ކަމަށް އައިހަމް ދެކެއެވެ.
"މިދިޔަ އަހަރުގެ ގޯސްތައް ބަލައިގެން މިއަހަރު މިނުކުތީ. ގޯސްތައް ރަނގަޅުކުރުން މިއީ މުބާރާތަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ. ހާއްސަކޮށް ގޯލްކީޕަރުވެސް ރަނގަޅު ފޯމެއްގައި މިހާރު މިހުރީ. އެއީ ރަނގަޅު ޓްރެއިނަރަކާއެކު މަސައްކަތް ކުރަމުންވެސް ދާތީ. މިހާ ހިސާބުން އަމާޒަކީ ގަދަ 16. ސީދާ ތަށްޓަކަށް ނުދާނަން. މެޗަކަށްފަހު މެޗެއް ދާނީ،" ޒޯން ފައިނަލަށްފަހު "ވަން" އަށް އައިހަމް ބުންޏެވެ.
އައިހަމްގެ ވިސްނުމުގައި އިނގުރައިދޫ ޓީމަކީ އެއް ރޫހެއް އޮތް ޓީމެކެވެ. އޭނާގެ ނަޒަރުގައި އިނގުރައިދޫ ބަލިވާނީވެސް އެކުގައި، އަދި މޮޅުވާނީވެސް އެކުގައެވެ.
"ޓީމެއްގެ ގޮތުގައި ކުޅުން މިއީ އެންމެ މުހިއްމު ކަމަކީ. ހާއްސަކޮށް ކޯޗު ދައްކާ ވާހަކަ ދަނޑުމަތީގައި ދެއްކުން އެއީ އެންމެ މުހިއްމު ކަމަކީ. ވަކިވަކި ކުޅުންތެރިންނަށް ކޮށްދޭ ކަމެއްގެ ގޮތުގައެއް ނޫން މިކަން މިކުރަނީ. ޓީމު މޮޅުވާނީ ޓީމެއްގެ ގޮތުގައި. ބަލިވާނީވެސް ޓީމެއްގެ ގޮތުގައި،" އައިހަމް ބުންޏެވެ.
އިނގުރައިދޫން ގަދަ 16 ގައި މިރޭ ނުކުންނާނީ ސ. ފޭދުއާ ދެކޮޅަށެވެ.