ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝައުގުވެރި، އަދި ފޯރިގަދަ ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ފަހު މަރުހަލާއަށް ތައްޔާރު ވެއްޖެއެވެ. އަތޮޅުތަކުގެ ޗެމްޕިއަނުން ކަނޑައެޅި، ޒޯނުގެ ޗެމްޕިނުންގެ ޝަރަފު ހޯދި ޓީމުތައްވެސް އެނގިގެން ހިނގައްޖެއެވެ. ތަށީގެ އުފާފާޅުކުރުންތައް، ރަށުގެ އަދި އަތޮޅުގެ ޝަރަފުގައި އުފާވެރި ނަމަވެސް، އެ އުފާފާޅުކުރުންތަކުން ނުކުމެ، ދެން އަނެއްކާވެސް އޮތީ އެންމެ "ސީރިއަސް" މެޗުތަކަށް ނުކުތުމެވެ. ބަލިވެއްޖެ ނަމަ، ދެން ދެވަނަ ފުރުސަތެއް ވެސް ނޯންނާއެވެ. "ޑޫ އޯ ޑައި" ގެ ސްޓޭޖަށް މަރުހަބާ ކިޔަން ޖެހިއްޖެއެވެ.

  • ޒޯން އެކެއް: ހދ. ނައިވާދޫ
  • ޒޯން ދޭއް: ރ. އިނގުރައިދޫ
  • ޒޯން ތިނެއް: ކ. ގާފަރު
  • ޒޯން ހަތަރެއް: މ. ދިއްގަރު
  • ޒޯން ފަހެއް: ދ. ކުޑަހުވަދޫ
  • ޒޯން ހައެއް: ގދ. ވާދޫ
  • ޒޯން ހަތެއް: ދަނޑިމަގު/ ފުވައްމުލަށް ސިޓީ
  • ޒޯން އަށެއް: މާފަންނު/ މާލެ ސިޓީ

ޒޯން ބުރުގެ މެޗުތައް ފެނުނީ އަތޮޅުގެ ލޯބި، އަތޮޅުގެ ޖަޒުބާތުތައް ގެނުވި ބުރެއްގެ ގޮތުގައެވެ. ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެން ދިޔަ އިރު، ޒޯންގެ ފައިނަލަށް ދިޔުންވީ ޓީމުތަކުގެ އެންމެ ބޮޑު ޓާގެޓަށެވެ. އެއީ ޒޯންގެ ފައިނަލަކީ ގަދަ 16 ގެ ފުރުސަތަށް އޮތް ހަމައެކަނި މަގަށްވީތީއެވެ. ޒޯންގެ ޗެމްޕިއަނުން ގަދަ 16 ގައި ނުކުންނާނީ ރަނަރަޕް ޓީމުތަކާ ދެކޮޅަށެވެ. އެ މެޗުތައް މިރޭ ފަށާ އިރު، ޓީމުތައް ތަމްސީލުކުރަނީ ޒޯނެވެ. ޒޯނުގެ ހުރިހާ ރަށެކެވެ. ހުރިހާ އަތޮޅުކެވެ. އެ ޕްރެޝަރު މިރޭގެ މެޗުތަކުން ފެނިގެންދާނެކަން ޔަގީނެވެ.

ހަމަ ޔަގީނުންވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16 އަށް އަންނަ އެއްވެސް ޓީމަކީ "އަންޑައެސްޓިމޭޓް" ކުރެވޭނެ ޓީމެއް ނޫނެވެ. ޒޯން އެކެއްގެ ޗެމްޕިއަނުން ގޮތުގައި އައި ނައިވާދުއަކީ ހދ. އަތޮޅުގެވެސް ޗެމްޕިއަނުންނެވެ. މިހާތަނަށް މުބާރާތުގައި ގިނަ މެޗުތަކެއް ކުޅެފައިވާ ނައިވާދޫގެ ތަރިންގެ ލިސްޓްވެސް ބޮޑެވެ. އަބްދުﷲ ޝާފިއު (ޝާއްޕެ) ގެ ފުޓްސަލް ތައާރަފެއް އަލުން ބޭނުމެއް ނުވާނެއެވެ. ޔާމީން މުހައްމަދު (ޔާންޓެ)ގެ އިތުރުން އަހުމަދު ހަމީދު (އައްމަޑޭ)ގެ ނުރައްކާވެސް ނައިވާދޫން ފާހަގަކޮށްލެވިފައިވާ އިރު، އެޓީމުގެ ގޯލް ބަލަހައްޓަމުން އަންނަ އަބްދުﷲ ސާމިން މިހާތަނަށް މުބާރާތުގައި ދައްކާފައިވަނީ އުންމީދީ ކުޅުމެކެވެ.

އަނެއްކޮޅުން ނުކުންނަ ވިލިމާލެ މުބާރާތުގެ ޒޯން ބުރުން ފެށިގެން ވާދަކޮށް، ޒޯން އަށެއްގެ ފައިނަލަށް ދިޔައީ ތަފާތު ނަތީޖާތަކެއް ނެރެމުންނެވެ. ފުޓްސަލްގެ ތަރިންގެ ލިސްޓްގައި ގުނާލެވޭ އަބްދުﷲ ޝައްފާން (ޝާކާ) ގެ ގޯލު ޖެހުމުގެ ހުނަރު ނުރައްކަލެއްގެ ގޮތުގައި އަބަދުވެސް ފާހަގަކޮށްލެވުނު އިރު، ގަދަ 16 ގެ މެޗުގައި ނައިވާދޫން އިސްމާއީލް ވަޖީހު (ވައްޖެ) ގެ އިތުރުން އަލީ ޝިޔާހަށް ސަމާލުވާން ޖެހޭނެކަން އޮތީ ފެނިފައެވެ.

އިނގުރައިދޫ ގަދަ 16 އަށް ދިޔައީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަންވެސް ހޯދައި، އެޓީމުގެ ފެންވަރު ސާބިކޮށްދީފައެވެ. ޓީމުގެ ކެޕްޓަން އަލީ ހާފިޒް (ހާއްޕެ) ހުރީ ޔަގީނުންވެސް ރަށަށް ރާއްޖޭގެ ފުޓްސަލް ރަސްކަން ގެންގޮސް ދިނުމުގެ ވަރުގަދަ އަޒުމެއްގައިކަން މިހާތަނަށް ދެއްކި ކުޅުމުން ސާފުވެއެވެ. ހާއްޕެގެ ކުޅުމަކީ ޓީމުން އެންމެ ބޮޑަށް ބަރޯސާވާނެ ކުޅުންކަން ޔަގީނެވެ. ހާއްޕެގެ ބުރަ މަސައްކަތަށް އިނގުރައިދޫން ފުރިހަމަކަން ގެނެސްދެނީ އަހުމަދު އައިހަމް (އައިހު) އާއި މުހައްމަދު ޖުމާން ފަދަ ކުޅުންތެރިންނެވެ. ރާއްޖޭގެ ފުޓްސަލްގައި އެންމެ ކުޅަދާނަ ކޯޗު އަހުމަދު ވިސާލް (އަންދު) އާއެކު އިނގުރައިދުއަކީ ފެވަރިޓެއްވެސް މެއެވެ. އަންދުގެ ސިކުނޑިއަކީ ފުޓްސަލް ދަނޑަށް ލޯ ހުޅުވިފައިވާ ސިކުނޑިއެއްކަން އޭނާ ވަނީ ތަފާތު އެކި ފަހަރު މަތިން ސާބިތުކޮށްދީފައެވެ.

ފޭދޫއަށް ޒޯން ހަތެއްގެ ތަށި ގެއްލުނު ނަމަވެސް އެޓީމުގައި ތިބި ކުޅުންތެރިންނާއެކު އަބަދުވެސް ނުރައްކާވާނެއެވެ. އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ގެ އިތުރުން އަލީ ނާފިއުގެ ތަޖުރިބާ ފޭދޫއަށް މުހިއްމުވާ އިރު، އެޓީމުގެ ފަހަތުން ހުސައިން ގައްސާން ލަބީބު (ހުސީ) މިހާތަނަށް މުބާރާތުގައި ފެނުނީ ފިޒިކަލީ ވަރުގަދަ އިދިކޮޅު ޓީމުތަކަށް ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައެވެ،

ދިއްގަރަކީ މ. އަތޮޅާއި އެ ޒޯންގެ ވެސް ޗެމްޕިއަން ޓީމެވެ. މުބާރާތުގައި މެޗަކަށްފަހު މެޗެއްގައި ފޯމު ރަނގަޅުކުރަމުން އަންނަ ދިއްގަރުގެ ޓީމް-ވޯކަކީ އެޓީމުގެ އެންމެ ބޮޑު 'ސްޓްރެންތެވެ.' ޒޯން ފައިނަލް މެޗުގައި ކެޕްޓަން އިބްރާހީމް ރިއްފަތު (ރިއްޕެ) އާ ނުލައި ދިއްގަރުން ނުކުތް ނަމަވެސް، މިރޭ އެންމެ މުހިއްމު ކުޅުންތެރިޔަކަށްވާނީ އޭނާއެވެ. އޭގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އަހުމަދު މިދުހަތު މަހުމޫދާއި އަލީ މުހައްމަދަކީ ދިއްގަރުން މިހާތަނަށް ފާހަގަކޮށްލެވުނު ހުނަރުވެރި ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ ފޯމު ރަނގަޅުވުން ވެގެންދާނީ ގަމަށް އެންމެ ބޮޑު ޗެލެންޖަށެވެ.

ލ. ގަމުގެ ސުޕަ ސްޓާރަކީ ޔަގީނުންވެސް ހުސައިން ޝަރީފް (އޮންލީ) އެވެ. އޮންލީގެ ލީޑާޝިޕަކީ މިހާތަނަށް ގަމަށް އެންމެ މުހިއްމު ހަތިޔާރެވެ. ޓީމުގެ ރޭވުންތެރިކަން ބިނާވެފައި އޮންނަނީ އޮންލީގެ އަތްމައްޗަށެވެ. ޒޯންގެ ފައިނަލުން ބަލިވި ބަލިވުން ހަނދާން ނައްތާލުމަށް ގަމަށް މިރޭގެ މެޗު މުހިއްމުވެއެވެ. އަލީ ޝާމިސް (ތޮއްޕެ) އާއި އަހުމަދު ހަލީމް (އަންމަޑޭ)ގެ ގޯލު ޖެހުމުގެ ފޯމު ރަނގަޅަށް އޮތުމަކީ ގަމަށް ލިބޭނެ ހިތްވަރެކެވެ. އޭގެ އިތުރުންވެސް އަބްދުﷲ ޖުނައިދު (ޖޭއްނޭ) އާއި ހުސައިން ނާޝިދު (ނާއްޓޯ)އަކީ ގަމުން ފާހަގަވާ މުހިއްމު ކުޅުންތެރިންނެވެ.

މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި ވާދަކުރި ދެޓީމެވެ. މިއަހަރު ޗެރިޓީ ޝީލްޑް މެޗުގައި ގަދަ ހިފުމަކަށް ނުކުތް ދެޓީމެވެ. ގަދަ 16 ގެ އެންމެ ވަރުގަދަ ކުރިމަތިލުންކަމަށް ގިނަ ބަޔަކު ދެކޭ މެޗުވެސް މެއެވެ. މެޗު ހާއްސަވާ އެތައް ސަބަބެއް އެބައޮތެވެ. ދެޓީމުގައިވެސް ތިބީ ފުޓްސަލްގައި ދެވަނައެއް ނެތް ތަރިންނެވެ. މިދިޔަ އަހަރު ފައިނަލްގައި ގާފަރު ބަލިކޮށް ތިމަރަފުށިން ތަށި ނެގިއެވެ. އޭގެ ބަދަލަށް ގާފަރުން ޗެރިޓީ ޝީލްޑް މެޗުގައި ތިމަރަފުށި ބަލިކުރިއެވެ. މިރޭގެ މެޗަކީ ޔަގީނުންވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތާރީހުގައި ގަދަ ބާރެއް މުބާރާތުން އަލްވަދާއު ކިޔަން ޖެހޭނެ ރެއެކެވެ.

އަލީ ފަހުމީގެ ކޯޗުކަމުގައި ނުކުންނަ ތިމަރަފުއްޓަށް އޮތީ އާ ހިތްވަރެއް ލާން ޖެހިފައެވެ. އަތޮޅު ތަށްޓާއި ޒޯން ތަށި އެޓީމަށް ގެއްލުންވެފައި ވަނީ މާޔޫސް ކަމަކަށް ނަމަވެސް ތިމަރަފުއްޓަށް ފޯމު ރަނގަޅު ކުރެވިދާނެ ކަމަށް ސުވާލު އުފައްދާނެ ބަޔަކު މަދުވާނެއެވެ. އަލީ ސިނާހް (ސިނާ) އާއި އިބްރާހީމް އަސްވަދު (ގަބޭ)ގެ އިތުރުން އިބްރާހީމް ހަމްދާން (ހަމްދެ)، އާދަމް ނާސިހު (އާދަންނާ) ފަދަ ކުޅުންތެރިންނަކީ ފުޓްސަލްގައި ނަގައިކިޔައިލެވޭނެ ތަރިންނެވެ. އެ ތަރިންގެ އެންމެ މޮޅު ރެއެއްގައި ފެންވަރު ދައްކާލެވޭނެ ހުނަރުވެރި ކުޅުންތެރިންނެވެ.

އަނެއްކޮޅުން ނުކުންނަ ގާފަރަކީވެސް ރާއްޖޭގެ ފުޓްސަލްގައި ތަރިން އުފައްދަމުން އަންނަ، ތަރިންތަކެއް މިހާރުވެސް ނިސްބަތްވާ ވަރުގަދަ ރަށެކެވެ. ކެޕްޓަން ސާމިން މުހައްމަދު ނަސީރާއި އަލީ މާއިސް (މައްޓު)ގެ އިތުރުން ނާއިހު މުފީދު އަދި ގޯލްކީޕަރު ފައްޔާޒު ފަޔާޒްގެ ނަން ފާހަގަކޮށްލެވޭ އިރު، ގާފަރުން މުބާރާތަށް ނުކުތީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކޯޗުކަންކުރި އަބްދުﷲ ނަސީރު (އަބޯ)ގެ ކޯޗުކަމުގައެވެ. އަތޮޅު ތަށި ގެއްލުނު ނަމަވެސް ޒޯން ތަށްޓާއެކު އަބޯގެ ގާފަރު މިރޭ ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން ކަޓުވައިލުމުގެ އަޒުމުގައިކަން ޔަގީނެވެ.

މާފަންނަކީ ޒޯން އަށެއްގެ ޗެމްޕިއަން ޓީމެވެ. މާފަންނަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އަބަދުވެސް ފެންވަރު ރަނގަޅުކޮށް ފެނިފައިވާ ޓީމެކެވެ. މާފަންނުގެ ފެންވަރު ސާބިތުކޮށްދޭނެ ނަންތައް މިހާތަނަށް އައިއިރުވެސް ވަނީ ޕާފޯމްކޮށް، ނަތީޖާ ނެރެފައެވެ. ހުސައިން އަފްސަލް (އޮޒިލް)އާއި ގޯލްކީޕަރު އިބްރާހީން ނާޖިހުގެ އިތުރުން ހުސައިން ސުހައިލް (ސޮކޭ) އާއި ކެޕްޓަން މުހައްމަދު ޔަފާއުގެ ކުޅުން މިހާތަނަށް ފާހަގަވެގެން ގޮސްފައިވާ އިރު، މިރޭގެ މެޗުގައިވެސް އެ ކުޅުންތެރިން ތަފާތު ފެންނާނެކަން ޔަގީނެވެ. ބޮޑުފޮޅުދުއަށް އުނދަގޫވާނެ ޗެލެންޖެއްކަން ޔަގީންކޮށްދެނީ މިހާތަނަށް އައިއިރު، އެ ކުޅުންތެރިން ދެއްކި ކުޅުމުންނެވެ.

އއ. އަތޮޅު ޗެމްޕިއަން ބޮޑުފޮޅުދޫއަށް ޒޯން ތިނެއްގެ ޗެމްޕިއަންކަން ގެއްލުނީ ގާފަރު ކައިރިން ހަނިގޮތަކަށް ބަލިވެގެންނެވެ. ގާފަރު ހިފަހައްޓަން ބޮޑުފޮޅުދޫން ކުރި މަސައްކަތް ފާހަގަވެގެން ގޮސްފައިވާ އިރު، އެޓީމަކީ އެންމެ ވޯކް ރޭޓް މަތިކޮށް ފެނުނު އެއް ޓީމުވެސް މެއެވެ. ކެޕްޓަން އަހުމަދު ރިޔުޝާނަކީ ޓީމުން އެންމެ ބޮޑަށް ބާރޯސާވާ ޓީމުގެ ތަރިއެވެ. ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ރިޔުޝާން ކުޅެމުން ދިޔުމަކީ ބޮޑުފޮޅުދޫއަށް މަޔޫސްކަމެއް ނަމަވެސް، ގޯލްކީޕަރު އަލީ ޒިޔާމާއި ރުހުޝާން ޖަމީލް ފަދަ ކުޅުންތެރިން ޓީމަށް އުންމީދު ގެނެސްދެއެވެ.

ވާދޫއަކީ މުބާރާތަށް އެންމެ ފުރިހަމައަށް ތައްޔާރުވި އެއް ޓީމެވެ. ފުޓްސަލްގެ ތަރިންތަކެއް ނިސްބަތްވާ ވާދޫގެ ސަޕޯޓަރުންނަކީ ޓީމުގެ އެންމެ ބޮޑު ހިތްވަރަށް ވެފައި އޮތް އިރު، އަޔާޒް އަހުމަދު (އަޔާ) އަކީ ޓީމުގެ ތަނބެވެ. އަޔާއަކީ ޓީމު އެ ކުޅުންތެރިޔަކަށް ބަރޯސާވާނެ ކުޅުންތެރިޔާއެވެ. ރާއްޖޭގެ ފުޓްސަލްގައި ފެނުނު އެންމެ ހުނަރުވެރި، ޝައުގުވެރި އެއް ކުޅުންތެރިއެއްގެ ގޮތުގައި އަޔާ ފާހަގަކުރެވިފައިވާ އިރު، ވާދޫގެ ކެޕްޓަން އަޔާއަކީ ޓީމުގެ ލީޑަރެވެ. ޒައިދާން އަހުމަދު (އަސޫ) ބަލަހައްޓަމުން އަންނަ ގޯލެއް ފޫއަޅުވައިލުމަކީ އަބަދުވެސް އުނދަގޫކަމަކަށް ވެފައި އޮންނަ އިރު، ވާދޫގެ މުސައްނިފް މުހައްމަދުގެ އިތުރުން އިބްރާހީމް ޝައުފު އަދި މުހައްމަދު އިޔާދު އަލީ ފަދަ ކުޅުންތެރިން ވަނީ މުބާރާތުގައި ޖޯޝުގައި ކުޅެފައެވެ. އެ ކުޅުންތެރިން ހުއްޓުވަން އުނދަގޫވާނެކަން، ޒޯން ހައެއްގެ ތަށްޓާއެކު ވާދޫން ވަނީ ޔަގީން ކޮށްދީފައެވެ.

އދ. މާމިގިއްޔަށް ޒޯން ތަށި ގެއްލުނީ ޕެނަލްޓީގައި ދިއްގަރު ކައިރިން ބަލިވެގެންނެވެ. އެ މާޔޫސްކަން ހަނދާން ނައްތާލުމަށް ކެޕްޓަން އިބްރާހީމް މައިސާން (މައި) އާއި ހިސާމް ސަލީމް(ކޮކީ)ގެ އިތުރުން އަހުމަދު ނިޒާމް (ނިޒާމްބެ) އަދި އިބްރާހީމް ރިޒުހާން (ރިޒްކޮ)ގެ ތަޖުރިބާ މިރޭ މާމިގިއްޔަށް މުހިއްމު ވާނެއެވެ. ލިސްޓް ކޮށްލެވުނު ކޮންމެ ކުޅުންތެރިޔަކީވެސް މެޗެއްގެ ނަތީޖާ ނެރުމަށް މުހިއްމު ވާނެ ފަދަ "ޑިފަރެންސް މޭކިން" ކުޅުންތެރިންތަކެކެވެ.

ދ. ކުޑަހުވަދޫން މުބާރާތުގެ އަތޮޅު ބުރު ފެށީ ބައްޔަކުން ނަމަވެސް، އެއީ އެޓީމުގެ ފެންވަރު ވަޒަންކުރަން ޖެހޭ މެޗު ނޫންކަން މިހާތަނަށް ވަނީ ސާބިތުކޮށްދީފައެވެ. އަތޮޅު ތަށި ނަގައި، ޒޯން ފަހެއްގެ ޗެމްޕިއަންކަން ކުޑަހުވަދޫން ހޯދީ ފައިނަލްގައި އެންމެފަހުން ދެއަހަރުގެ ޗެމްޕިއަން ތ. ތިމަރަފުށި ބަލިކޮށްފައެވެ. އެ މޮޅާއެކު ގަދަ 16 އަށް ކުޑަހުވަދޫ ނުކުންނާނީ ޔަގީންކަމަކާ އެކުގައެވެ. ކޯޗު އަހުމަދު ރިލުވާން (ރިލޭ) ގެ ޓެކްޓިކަލް ވިސްނުން މެޗުތަކުން ފާހަގަވެފައިވާ އިރު، ޖުމައިލް ޖަމީލް (ޖުމްބެ) އަންނަނީ މިއަހަރުވެސް އޭނާގެ ފެންވަރު ސާބިތުކޮށްދެމުންނެވެ. ހާރޫން އިބްރާހީމް (ހާންޑޯ)ގެ ފޯމުވެސް ތަފާތު ރަނގަޅަށް ފެނިގެންދާ އިރު، ގޯލްކީޕަރު އަބްދުﷲ މާނިއު މިހާތަނަށް އިތުބާރު ކުޅުމެއް ދައްކާފައިވެއެވެ.

ށ. ކަނޑިތީމަށް އަތޮޅު ތަށްޓާއި ޒޯން ތަށި ގެއްލުނު ނަމަވެސް، އެޓީމުގެ ނަމަކީ ފެންވަރު ދަށްކޮށްލެވޭނެ ނަމެއް ނޫންކަން ފެނިގެން ހިނގައްޖެއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ކަނޑިތީމުގެ ތަފާތު ކުރީ މުބާރާތްތަކުންވެސް ފެނުނު އިރު، އެޓީމަކީ "އެކުވެފައިވާ" ޓީމެކެވެ. ކެޕްޓަން އިބްރާހީމް ނަދާދު (ކުޑައްޓޭ) ލީޑު ކުރަމުން އަންނަ ކަނޑިތީމު ޓީމުން މުހައްމަދު ޝާނާއި އަހުމަދު ރިޒާންގެ ކުޅުމަށް ކުޑަހުވަދޫން ސަމާލުވާން ޖެހޭނެކަން ޔަގީންނެވެ.

ދަޑިމަގު ޒޯން ބުރުގައި ދެ މެޗު ކުޅެ، ޒޯން ހަތެއްގެ ތަށި ނެގިއިރު، ޓީމުގެ ފެންވަރު ސާފެވެ. ޓީމަކީ ފުޓްސަލްގެ ތަރިންގެ ޓީމެކެވެ. ފުޓްސަލްގައި ފެންވަރު ރަނގަޅު ސްކޮޑެއްގައި ދަނޑިމަގުގައި އޮވެ، މިރޭ އޭދަފުށްޓާ ދެކޮޅަށް ނުކުންނާނީ އުންމީދުގައިކަން ޔަގީނެވެ. މުހައްމަދު ސާދު ނިޒާރުގެ ކެޕްޓަންކަމުގައި އޭނާގެ ލީޑާޝިޕް ދަނޑުމަތިން ފެނިގެންދާ އިރު، ސާދުގެ ފޯމަކީ ދަޑިމަގުގެ އެންމެ ބޮޑު ހިތްވަރެވެ. އޭގެ އިތުރުން އިބްރާހީމް އަރީޝް ފަދަ ކުޅުންތެރިންގެ ފޯމު މިރޭ ދަޑިމަގަށް މުހިއްމުވާނެއެވެ.

ބ. އޭދަފުއްޓަކީ ފުޓުބޯޅައިގެ، ފުޓްސަލްގެ ރަށެކެވެ. ތަރިން ގިނައެވެ. ބ. އަތޮޅު ޗެމްޕިއަން އޭދަފުއްޓަށް ޒޯން ތަށި ގެއްލުނު ނަމަވެސް، މިރޭގެ ޗެލެންޖް އެޓީމުންވެސް ފަސޭހަ ނުކޮށްލާނެކަން ޔަގީނެވެ. ޓީމުގެ އެންމެ މުހިއްމު ހަތިޔާރަކީ އިޝާން އިބްރާހީމް (ސައްޓު)އެވެ. އެންމެ ތަޖުރިބާކާރު، މެޗުގެ ނަތީޖާ އަނބުރާލަން އެންމެ ކުޅަދާނަ އެންމެ ކުޅުންތެރިޔާއެވެ. ކޮންމެ ވަގުތެއްގައިވެސް ނުރައްކާ ކުރާނެ ފެންވަރު ކުޅުންތެރިއެކެވެ. އޭގެ އިތުރުން އޭދަފުށީގެ ގޯލް ބަލަހައްޓަމުންދާ އަބްދުﷲ ނާސިހު (ރާޖު) އަކީ ރާއްޖޭގެ އެންމެ މޮޅު އެއް ފުޓްސަލް ގޯލްކީޕަރުކަން އޭނާ ދަނީ ސާބިތުކޮށްދެމުންނެވެ. ދަނޑިމަގުން ސަމާލުވާން ޖެހޭ އިތުރު ކުޅުންތެރިންގެ ތެރޭގައި އަހުމަދު އަޝްރަފު ޔޫސުފް (ސޮބީ) އާއި އަބްދުﷲ ފާސިރު ހިމެނޭނެއެވެ.