މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުން ފަދަ މަސައްކަތްތައް ކުރުމުގެ ސަބަބުން އެސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ތަފާތު އެކި އުދަނގޫ ވަމުންދާތީ އާއި ސިއްހީގޮތުން އެ ފަރާތްތައް ނުރައްކަލަކަށް ހުށަހެޅިފައިވާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭއިން މިއަދުކުރި އިއުލާނެއްގައި "ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު" ގެ ދަށުން ކުނި ގުދަންކުރުން ނުވަތަ ޓްރީޓްކުރުން ނުވަތަ ރީސައިކަލް ކުރުމުގެ މަސައްކަތްތައް ކުރަންވާނީ ތަންފީޒީ އިދާރާއަކުން ހުއްދަ ހޯދައިގެން ކަމަށެވެ. ހުއްދަ ނެތި އެ ބާވަތުގެ މަސައްކަތް ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމަށްވެސް އީޕީއޭއިން ބުންޏެވެ.

"އެހެންކަމުން އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން މިއަދުން ފެށިގެން 30 ދުވަސްތެރޭ އެފަދަ މަސައްކަތް ކުރުމުގެ ހުއްދައަކަށް އަދި ކުދި މެނޭޖުކުރުމުގެ ގަވާއިދުގެ ދަށުން ފޯމު މިއެޖެންސީއަށް ހުށަހެޅުމަށް ދަންނަވަމެވެ،" އީޕީއޭއިން ބުންޏެވެ.

ރައްކާތެރިކަމެއް ނެތި މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި އެ ސަރަހައްދުގައި ހިނގާބިނގާވެ އުޅޭ މީހުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އީޕީއޭއިން ބުންޏެވެ.

އެފަދަ މަސައްކަތްތަކަކީ ކުނީގެ މިންވަރު މަދުކުރުމަށް ކުރެވޭ ކަމަކަށްވީ ނަމަވެސް އެ މަސައްކަތްތައް ކުރަންވާނީ އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމާއެކު، ނަގަންޖެހޭ އެންމެހާ ހުއްދަތައް ނަގައިގެން ކަމަށްވެސް އީޕީއޭއިން ބުންޏެވެ.

އިންސާނުންގެ ސިއްހަތާއި އިންސާނުން ދިރިއުޅޭ ވެށި އެންމެ އެކަށީގެންވާ ގޮތުގައި ރައްކާތެރި ކުރެވޭނީ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށާއި އެފަދަ މަސައްކަތްކުރާ އެންމެންގެ ފަރާތުން އެއްބާރުލުން ދިނުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ވެސް އީޕީއޭއިން ބުންޏެވެ.