ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އެ ކޯޓު ހިންގުމާ ވަގުތީ ގޮތުން މިހާރު ހަވާލުކުރައްވާފައިވަނީ ފަނޑިޔާރު ހުސައިން ޝަހީދާ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނި ގޮތުގައި ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިވަގުތު ތިއްބެވި ފަނޑިޔާރުންނަށް ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 56،000 ރުފިޔާ ލިބޭނެ އެވެ.
ހައި ކޯޓުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ޖޭއެސްސީން މިހާރު ވަނީ ހުޅުވާލައިފަ އެވެ.