މިދިޔަ ފެބްއުއަރީ މަހުގެ ހަތަރުވަަނަ ދުވަހުގެރޭ، މާލެއިން ގެއްލިގެން ހޯދަމުންދާތާ 12 ދުވަސްފަހުން ފެނުނު ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ) އަށް ވީގޮތެއް ހޯދިފައި ނުވަނީ، އޭނާއަށް ދިމާވެފައިވާ ސިއްހީ މައްސަލައެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެފިއެވެ.

ހުސްވި ފެބްރުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ އެ ރަށު، ރިހިވެލި/ ހަސަން އަލީ (ހަސަންފުޅުބެ) އާއި، އާސިރު އިސްމާއީލް ގެއްލުނު މައްސަލަ ބެލުމަށް މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުންގެ އިސްބޭފުޅުން ހާޒިރު ކޮށްގެން މިއަދު ކުރިއަށް ގެންދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި، އާސިރު ގެއްލިގެން ފުލުހުން ކުރި މަސައްކަތުގެ މައުލުމާތު ކޮމިޓީއާ ހިއްސާ ކޮށްދެއްވީ، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.

އާސިރު ހޯދުމަށްކުރި މަސައްކަތުގެ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރެއްވުމަށްފަހު، ޝުޖާއު ވިދާޅުވީ، އެއާޕޯޓު ފުލުހުންނަށް އާސިރު ފެނުނީ، އެއާޕޯޓުގައި ހުރި ގޮނޑިއެއްގައި އިންދާ ކަމަށެވެ.

"ދެން އެތަން އަޅުގަނޑުމެން ބަލައިލިއިރު އޭނަ އެ އިން ތަނަކީވެސް ކެމެރާއަކަށް އަރާ ތަނެއް ނޫން، އެތަން ފެންނާނެ އެއްވެސް ކެމެރާއެއް އެތާކު ނެތް، އެ ހިސާބުން އަޅުކަނޑުމެންގެ ވިކްޓިމް ސަޕޯޓުގެ އޮފިސަރުންގެ އެހީތެރިކަމާއެކު އަދި ފެމިލީއަށް ރިޕޯޓު ކޮށްގެން، ވޭތެދިޔަ ދުވަސްތަކުގައި އޭނާ ވީތަނެއް ހޯދަން، ވޭތުވެދިޔަ ދުވަސްތަކުގައި އޭނާ އުޅުނީ ކޮންތާކުތޯ ބަލަން އަޅުގަނޑުމެން މަސައްކަތްކުރިން،"

ނަމަވެސް އެއްވެސް ވަރަކަށް އޭނާ ވާހަކަނުދައްކާތީ، އެކަން ކުރެވިފައި ނުވާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އެކަމާ ގުޅިގެން ކަމާބެހޭ ކޮންސަލްޓަންޓަކަށް އޭނާ ދެއްކުމުން، މިވަގުތު އޭނާއާ އެ ވާހަގަ ދެއްކުން ރަނގަޅު ނޫންކަމަށް ލަފާދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އޭނާގެ ސިއްހީ މައްސަލަތައް އެގޮތަށް ހުރީމަ އަޅުގަނޑުމެން ވިސްނީ ކަމާބެހޭ ކޮލްސަލްޓަންޓަކަށް އޭނާ ދައްކަން، އެގޮތުން އޭޑީކޭގެ ކަމާބެހޭ ކޮންސަލްޓަންޓަކަށް އޭނާ ދެއްކީމަ އަޅުގަނޑުމެންނަށް، ލަފާދީފަ ވަނީ މިވަގުތު އޭނާއާ އެވާހަކަތައް ދެއްކުން ރަނގަޅު ނޫންކަމަށް، އެހެން ނަމަވެސް އަޅުގަނޑުމެން އަދިވެސް މަސައްކަތް އެބަކުރަން އިތުރު ބޭފުޅަކާ ވާހަކަދައްކައިގެން އޭނާއަށް ހަމަޖެހޭ ވަގުތަކުން އަޅުގަނޑުމެންނަށް އެ މައުލޫމާތު އޭނާގެ ފަރާތުން ލިބޭތޯ،"

ޝުޖާއު ވިދާޅުވީ، އޭނާ ފެނުނުއިރު ލައިގެން ހުރީވެސް ގެއްލުނު ދުވަހު ލައިގެން ހުރި އަންނައުނު ކަމަށެވެ. އަދި ގެއްލުމުގެ ކުރިން އާސިރުގެ އުޅުމާއި، ގެއްލުމުގެ ފަހުން އޭނާގެ ފަރާތުން ފެންނަ ކަންތައްތަކުގައި ތަފާތުތަކެއް ހުންނަކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ފުލުހުން މިހާރު ހަދަމުން އަންނަ އެސެސްމެންޓުން އިތުރު މައުލޫމާތު ސާފުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މިހާރުވެސް އޭނާއާ މުއާލާން ކުރަން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އޭނާގެ ފަރާތުން އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށްވެސް ވިދާޅުވިއެވެ.