Close
ޚަބަރު

6 ދާއިރާއެއްގެ އިސްމެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރިފާ ހަލީލު

ހަ އަތޮޅެއްގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ވަކިވަކިން ކޮށްފައިވާ އިއުލާންތަކެއްގައި ބުނެފައިވަނީ، ށ. ބ. ވ. މ. ނ. އަދި ގއ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މިކަމަށް އެދި އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އިސް މެޖިސްޓްރޭޓު ކަމަށް ހޮވޭ ފަރާތެއްގެ އަސާސީ މުސާރައަކީ 23،150 ރުފިޔާއެވެ. ހެލްތު އިންޝުއަރެންސާއި ފޯނު އެލަވެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ދެވޭނެ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން ބުނީ މި މަގާމަށް ކުރިމަތިލާ ފަރާތަކީ އެ އަތޮޅެއްގެ ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓް ކަމުގެ މަގާމު އަދާކުރަމުން ގެންދާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލާ މީހުން ނެގުމުގައި އަމަލުކުރަނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ.