ގޯލްޑަން ފުޓްސަލް ޗެލެންޖް

ގާފަރު، ދިއްގަރު އަދި ކުޑަހުވަދޫން ޒޯން ޗެމްޕިއަންކަން ހޯދައިފި

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ޒޯން ތިނެއްގެ ޗެމްޕިއަންކަން ކ، ގާފަރުން ހޯދި އިރު، ޒޯން ހަތަރެއްގެ ޗެމްޕިއަންކަން މ. ދިއްގަރު އަދި ޒޯން ފަހެއްގެ ޗެމްޕިއަންކަން ދ. ކުޑަހުވަދޫން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ކުޅުން މިރޭ ނިމިފައިވާ އިރު، މިރޭ ކުޅުނީ އެންމެ ފަހު ޒޯންތަކުގެ ފައިނަލްތަކެވެ. މިރޭ ކުޅުނު މެޗުތައް ފުރަތަމަ ތާވަލު ކޮށްފައި އޮތީ ރޭ ކުޅުމަށް ނަމަވެސް، ވިއްސާރަވުމުގެ ސަބަބުން މެޗުތައް މިރެއަށް ފަސްކުރީއެވެ.

މިރޭ ފުރަތަމަ ކުޅުނީ ޒޯން ހަތަރެއްގެ ފައިނަލް މެޗެވެ. ދިއްގަރުން ފައިނަލްގައި ނުކުތީ އދ. މާމިގިއްޔާ ދެކޮޅަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، އެއްވަރުވެފައި އޮތުމުން ނަތީޖާ ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ 1-1 އިން އެއްވަރުވެފައި އޮތުމުން، ދިއްގަރުން ތަށި ނެގީ ޖެހި ޕެނަލްޓީ ޝޫޓްއައުޓް 5-4 އިން ކާމިޔާބު ކޮށްގެންނެވެ.

މެޗަށް ދިއްގަރުން ނުކުތީ ކެޕްޓަން އިބްރާހީމް ރިއްފަތާ ނުލައެވެ. އަމިއްލަ ސަބަބަކާ ހެދި ރިއްފަތަށް މިރޭގެ މެޗު ކުޅެވޭ ގޮތް ނުވުމާއެކު ދިއްގަރުގެ ކެޕްޓަން ބޭންޑްގައި މެޗަށް ނުކުތީ އަހުމަދު މިދުހަތު މަހުމޫދެވެ.

މެޗު ރަނގަޅަށް ފަށައި، ދިއްގަރުން ވަނީ ފުރަތަމަ ހާފުގައި ލީޑު ނަގައިފައެވެ. ދިއްގަރަށް ލީޑު ނަގައިދިނީ ނޫހު މައްސޫދެވެ. އެ ގޯލާއެކު ދިއްގަރުން ހަމަޖެހިލި ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން މާމިގިލީގެ ކޯނަރެއްގައި ނަތީޖާ ހަމަހަމަ ކުރިއެވެ. ހިޝާމް ސަލީމް (ކޮކީ) ނެގި ކޯނަރު ބައިކޮޅަށް ވަނީ ނޫހު ފައިގައި ޖެހިފައެވެ.

ނާކާމިޔާބުވި ޕެނަލްޓީތަކަށް ބަލާ އިރު، ދިއްގަރުގެ މުހައްމަދު އަލީ ޖެހި ޕެނަލްޓީ މާމިގިލީ ކީޕަރު މަތަކުރިއެވެ. އަނެއްކޮޅުން މާމިގިލީގެ ހައިޝަމް އަރީފް ޖެހި ޕެނަލްޓީ ބޭރަށް ގޮސް ނަތީޖާ ހަމަހަމަވި އިރު، ހަވަނަ ޕެނަލްޓީގައި މާމިގިލި ބަލިވީ އިބްރާހީމް ރިޒުހާން (ރިޒްކޮ) ފޮނުވާލި ޕެނަލްޓީ ދިއްގަރު ގޯލްކީޕަރު މަތަކުރުމުންނެވެ.

ޒޯން ހަތަރެއްގެ އެންމެ މޮޅު ކުޅުންތެރިޔަކީ ދިއްގަރުގެ މުހައްމަދު އަލީއެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ މާމިގިލީގެ ކޮކީއެވެ.

މިރޭ ދެން ކުޅުނީ ގާފަރާއި އއ. ބޮޑުފޮޅުދޫ ވާދަކުރި ޒޯން ތިނެއްގެ ފައިނަލް މެޗެވެ. މެޗު ގާފަރުން 1-0 އިން ކާމިޔާބުކޮށް ޒޯން ތަށި އުފުލާލި އިރު، މެޗުގައި ހަމައެކަނި ގޯލު ޖެހީ ގާފަރުގެ ކެޕްޓަން ސާމިން މުހައްމަދު ނަސީރެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ފައިނަލް މެޗުގައި މޮޅަށް ކުޅެ، ޒޯން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ މާއިސް (މައްޓު) އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅުގެ އިތުރުން ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ގާފަރަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. އިބްރާހީމް ރިމާހް (ރިމޭ) އާއި މައްޓުގެ އިތުރުން ނާއިހު މުފީދަށް ލިބުނު ފުރުސަތުތަކުގެ ބޭނުންވެސް އެޓީމަށް އެންމެ ރަނގަޅަށް ހިފިފައެއް ނުވެއެވެ.

މިރޭ އެންމެފަހުން ކުޅުނު ޒޯން ފަހެއްގެ ފައިނަލްގައި ދ. ކުޑަހުވަދޫން ވަނީ މިދިޔަ ދެ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ތިމަރަފުށި ބަލިކޮށްފައެވެ. ކުޑަހުވަދޫން ތިމަރަފުށި ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ތ. އަތޮޅުގެ ޗެމްޕިއަންކަންވެސް ގެއްލުނު ތިމަރަފުށިން މިރޭގެ ފައިނަލަށް ނުކުތީ އެ ބަލި ހަނދާން ނައްތާލައި، ޒޯންގެ ތަށި ހޯދުމަށެވެ. މިދިޔަ އަހަރު ޒޯން ފަހެއްގެ ފައިނަލްގައިވެސް ތިމަރަފުއްޓާއި ކުޑަހުވަދޫ ވާދަކުރި އިރު، މިރޭ ފައިނަލްގައި ފުރަތަމަ ލީޑު ނެގީ މިދިޔަ އަހަރު ޒޯން ފަހެއްގެ ޗެމްޕިއަން ތިމަރަފުއްޓެވެ.

ތިމަރަފުއްޓަށް ލީޑު ނަގައިދިނީ އިބްރާހީމް ހަމްދާން (ހަމްދެ) އެވެ. އެ ގޯލަށް މާ ގިނައިރެއް ނުވެ، ފުރަތަމަ ހާފުގައި ހާރޫން އިބްރާހީމް (ހާންޑޯ) ވަނީ ކުޑަހުވަދުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފު ވެގެންދިޔައީ ފޯރިގަދަ ހާފަކަށެވެ. ކުޑަހުވަދޫން ހިތްވަރާއެކު ކުރިއަށް ޖެހި މަސައްކަތް ކުރަމުން ދިޔަ އިރު، ދެވަނަ ހާފުގައި ހަމަލާތައް ފެނުނީ ގިނަކޮށެވެ. ހަމްދެއަށް ދެ ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔަ އިރު، ކުޑަހުވަދޫން ޖުމައިލް ޖަމީލް (ޖުމްބެ) ގެ ނުރައްކާ ފާހަގަކުރެވުނެވެ.

ކުރިއަށް ޖެހި ކުޅެމުންދިޔަ ކުޑަހުވަދޫގެ ދެވަނަ ގޯލުވެސް މެޗުގައި ޖެހީ ހާންޑޯއެވެ. އޭނާގެ ދެވަނަ ގޯލަކީ އަރިމަތިން ކުރިއަށް ޖެހި، ހަނި އޭންގަލެއްގައި އޮވެ އަރިމަތިން ވައްދާލި ގޯލެކެވެ.

ޒޯން ފަހެއްގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކުޑަހުވަދޫގެ ޖުމްބެއެވެ. އެންމެ ގިނަ ގޯލު ޖެހީ ތިމަރަފުށީގެ ހަމްދެއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ދެން އޮތީ ފައިނަލް ބުރުގެ ކުޅުމެވެ. ފައިނަލް ބުރު ފަށާނީ ގަދަ 16 ގެ މެޗުތަކުންނެވެ. ގަދަ 16 ގައި ކުޅޭނީ ޒޯން ޗެމްޕިއަން ޓީމުތަކާއި ޒޯން ރަނަރަޕް ޓީމުތަކެވެ. ގަދަ 16 ގެ އަށް މެޗުވެސް އޮންނާނީ ބުދަ ދުވަހުގެ ރޭގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވެއެވެ. މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.