ރޭ ދަންވަރުގެ ވަގުތެއްގައި ކަނޑުމަތީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނދައި ހުލިވެ އަޑިޔަށް ދިޔަ "އާގަލާ" ބޯޓުގެ މުދާތައް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.
އެ ބޯޓުގައި އަލިވާން ރޯވެ އަޑިއަށް ގޮސްފައިވަނީ މ. ތުވަރު ކައިރިއަށެވެ.
ކޯސްޓްގާޑުން މިއަދު ބުނީ "އާގަލާ" ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުން ފެންމައްޗަށް އެރި ބައެއް ތަކެތި އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އަދި މިތަކެތި އޮޔާ ދަނީ މ. އަތޮޅުކައިރިން އުތުރަށް. ވީމާ މި ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް ކޯސްޓްގާޑުން އިލްތިމާސްކުރަން. އަދި ރޭގަނޑު މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރު ކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން،" ކޯސްޓްގާޑުން ބުންޏެވެ.
އެމްއެންޑީއެފުން ރޭ ބުނެފައިވަނީ "އާގަލާ" ބޯޓުގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭދަންވަރު 2:47 ގައެވެ. އޭރު އެ ބޯޓުގައި 15 މީހުން ތިއްބެވެ. އެއީ ފަސް ދިވެހިންނާއި އިންޑިއާގެ ފަސް މީހުންނާއި ބަންގްލަދޭޝްގެ ފަސް މީހެއް ކަމަށެވެ.
އަލިފާން ރޯވުމުގެ ސަބަބުން 15 މީހުން ކަނޑަ ފުންމާލި ކަމަށާއި އޭގެ ތެރެއިން 14 މީހަކު ސަލާމަތްކުރުމަށްފަހު މ. މުއްޔަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކަނޑަށް ފުންމާލި 15 މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު