އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ވައުދުތައް ސަރުކާރުން ފުއްދަމުން ނުދާ ކަމަށްބުނެ، ވައުދުތައް ފުއްދަން ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ އިތުރު ގަރާރުތަކެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް، ޖެނުއަރީ މަހުގެ 28 ގައި ބޭއްވި ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަމުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހާ ދެކޮޅަށް ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ މަޖިލީހަށް ގަރާރުތަކެއް ހުށަހަޅުއްވަން ފައްޓަވައިފައެވެ.

އޭގެ ތެރެއިން ބައެއް ގަރާރުތަކުގެ ބަހުސް މަޖިލިސް ތަޅުމުގައި މިހާރުވެސް ކުރިއަށްދާ އިރު، މިއަދުވެސް ވަނީ އިތުރު ގަރާރުތަކެއްގެ ފުރަތަމަ ކިޔުން އިއްވައިފައެވެ.

އެގޮތުން، އެމްޑީޕީން ވެފައިވާ މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ ވައުދުތަކެއް ނުފުއްދާ ކަމަށްބުނެ ރައީސް ނަޝީދަށް ތާއީދުކުރާ ފެކްޝަންގެ ދެ މެމްބަރަކު ހުށަހެޅުއްވި ދެ ގަރާރުގެ ފުރަތަމަ ކިޔުން ވަނީ މިއަދުގެ ޖަލްސާގައި އިއްވައިފައެވެ.

އޭގެ ތެެރެއިން އެއް ގަރާރަކީ، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިއާދަކޮށް، ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލާ ހުށަހަޅާ ގަރާރެވެ.

އަނެއް ގަރާރަކީ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ހުށަހެޅުއްވި، އެމްޑީޕީ ވެރިކަމެއް އޮވެމެ، އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތު ފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލައި ހުށަހަޅާ ގަރާރެކެވެ.

މިހާރު މަޖިލިސް ތަޅުމުގައި ބަހުސް ކުރިއަށްދާ ގަރާރުތަކުގެ ތެރޭގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި ގަރާރު ހިމެނެއެވެ.

އޭގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ހުށަހަޅުއްވާފައިވާ، ރާއްޖޭގައި ގާއިމުކުރެވިފައިވާ ސަރަހައްދީ ބަނދަރުތައް ބޭނުންކޮށްގެން ސަރަހައްދީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، އެ މަސައްކަތް ހަލުވިކުރުމަށް ގޮވާލާ ގަރާރާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާ ގަރާރުވެސް ހިމެނެއެވެ.