ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅުގައި ހިމެނޭ ހޮސްޕިޓަލްތަކުގެ ތެރެއިން، ކުވެއިތު ފަންޑުގެ އެހީގައި ހެދުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހދ. ކުޅުދުއްފުއްޓާއި، ށ. މިލަންދޫގައި ހެދުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލާ ބެހޭގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ކުވެއިތު ފަންޑުން ހަދާ ހޮސްޕިޓަލުތަކަށް ފައިސާ ހަމަޖެހިފައިވާ ކަމަށާއި، އެ ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ހޮސްޕިޓަލްތައް މިހާރު ވަނީ ޓެންޑާ މަރުހަލާގައި ކަމަށާއި، ހަތް ހޮސްޕިޓަލެއްގެ އިވެލުއޭޝަން މަސައްކަތް ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހަފުތާތެރޭގައި އެވޯޑު ކޮށް، ނޯއޮބްޖެކްޝަން ކުވެއިތު ފަންޑަށް ފޮނުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ރާވާފައިވާ ފަސް ހޮސްޕިޓަލްގެ ތެރޭގައި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑު ސިޓީ ހިތަދޫގައި ތަރައްގީކޮށްފައިވާ ޓަޝަރީ ހޮސްޕިޓަލް ހިމެނެއެވެ.