ރާއްޖެއިން ބައެއް ގައުމުތަކަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުންނަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ބޭފުޅުން ހިމެނޭ ނަން ލިސްޓާއެކު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރއިްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހަށް އިއްވަވައިދެއްވީ، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއެވެ.

އެ ސިޓީފުޅު މަޖިލީހަށް އިއްވެވުމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާާޅުވީ، އެ މައްސަލަ އިތުރަށް ދީރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާ ކަމަށެވެ.

  • ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލީ ފާއިޒް، ސީޝެލްސް، މޮރިޝަސް، ގަތަރު، ސައުތު އެފްރިކާ އަދި ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް
  • އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަނަވާ ސަފީރު އަބްދުލްއަފޫރު މުހައްމަދު، ކެނެޑާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް
  • ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާމިނަތު ޝަބީނާ އިތިއޯޕިއާ އަދި ކެންޔާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް
  • ޖާމަނީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާއިޝަތު ޝާން ޝާކިރު، ސާރބިއާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް
  • ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު ތަސްމީން އަލީ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ އަދި ފިލިޕީންސްއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް
  • މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލީ ހުސައިންދީދީ ބުރޫނާއީއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް
  • އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބް ކަޒަކްސްތާނަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް