ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުން އެކަމަށް ބޭނުންވާ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް، ރިޔާސީ އިންތިހާބުގެ ގާނޫނުގައި އޮތް މުއްދަތު އިތުރުކުރުމަށްޓަކައި ރިޔާސީ އިންތިހާބާބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ބިލު ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.
މި ބިލުން އިސްލާހު ހުށަހަޅާފައި ވަނީ ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ރ) އަށެވެ. މިހާރު އެ މާއްދާގައި އޮންނަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރާ އިއުލާންގައި، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އެ ކޮމިޝަނަށް ހުށަހެޅުމަށް މަދުވެގެން 10 ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށެވެ.
އެ މާއްދާއަށް އިސްލާހު ހުށަހަޅާފައިވަނީ، އިލެކްޝަނަށް ހުށަހެޅުމަށް އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށެވެ.
ބިލުގައި ބުނެފައިވަނީ، ސަރުކާރުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްޓަކައި ރިޔާސީ އިންތިހާބުގެ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށްޓަކައި ކަމަށެވެ.
ޚަބަރު
ޚަބަރު