ހުޅުމާލޭގެ "ޖޫސް ޓައިމް" ކެފޭއަށް ވަދެ، އެތަނަށް ގެއްލުންދިން މައްސަލައިގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އެކަކު މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭގައި ހިންގާ އެ ކެފޭއަށް ގެއްލުން ދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ކެފޭއަށް ވަދެ، ގެއްލުން ދޭ މަންޒަރު ފެންނަ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މޫނު ނުފެންނަހެން ހެލްމެޓު އަޅައިގެން ތިބި ދެ ފިރިހެނަކު ކެފޭގެ ތެރެއަށް ވަދެ، މަރުތޭލަކުން ގެއްލުން ދޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި ކެފޭގެ ވަތްގަނޑުން އެއްޗެއް ނަގައި، ޖީބަށް ލާ ތަންވެސް ފެނެއެވެ.
އެ ކެފޭއަށް ގެއްލުން ދިނުމަށްފަހު، އެމީހުން ސައިކަލަކަށް އަރައިގެން ދާ މަންޒަރު ވެސް އެހެން ވީޑިއޯއަކުން ފެނެއެވެ. އެ ކެފޭއަށް ވަދެ އެ ދެ މީހުން ގެއްލުން ދިން އިރު، އެ ސަރަހައްދުގައި މީހުން ވެސް ތިއްބެވެ. އެމީހުން ދުއްވި ސައިކަލް މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ފުލުހުން މީގެ ކުރިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޖޫސް ޓައިމަށް ވަދެ ގެއްލުން ދިން މައްސަލައާ ގުޅިގެން ހުޅުމާލޭގެ އެޕާޓުމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެތަނުގެ ތެރެއިން މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނުމާ ގުޅިގެން އަންހެނަކު ހިމެނޭހެން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ހަތް މީހުންގެ ތެރޭގައި އެ ކެފޭއަށް ގެއްލުންދިން މީހުން ހިމެނޭތޯ ފުލުހުންގެ މީޑިއާއާ "ވަން" އިން މިއަދު ސުވާލުކުރުމުން ބުނީ އެ ހަތް މީހުންގެ ތެރޭގައި އެމީހުން ހިމެނޭތޯ ޗެކް ކުރުމަށްފަހު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
ފުލުހުން ބުނީ އެ ހަތް މީހުން ހައްޔަރުކުރީ އެމީހުން ތިބި އެޕާޓުމަންޓުގެ ތެރެއިން މަސްތުވާތަކެއްޗާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެތި ފެނުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު