Close
ޚަބަރު

ފޯނެއްގެ އަގު އަދާކުރަން ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މައްސަލައިގައި 3 މީހުން ހޯދަނީ

އިބްރާހިމް ޒަކީ

ފޯނަކަށް، އަގު އަދާކުރުމުގެ ގޮތުން ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމު ކޮށްފިއެވެ.

އެ ތިން މީހުންގެ ހަރާތްތައް ފެންނަ ވީޑިއޯއާއެކު ފުލުހުން އާއްމު ކުރި ބަޔާނެގެއްގައި ވަނީ، އެ ތިން މީހުންނަކީ މާލޭ އަޅިވިލާ މަގުގައި ފްރީޑަމް މޯބައިލް ސާވިސް އިން ސާވިސްކުރި ފޯނަކަށް، އަގު އަދާކުރުމުގެ ގޮތުން ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވާފައިވާކަމަށް ތުހުމަތުކުރެވޭ ތިން މީހުން ކަމަށެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުން އަންނަ ތަހުގީގަކާ ގުޅިގެން އެ ތިން މީހުން ހޯދަމުން އަންނައިރު، މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ދެ މަންޒަރު ހިމެނޭ އެ ވީޑީއޯގެ އެއް މަންޒަރުން ފެންނަނީ، އަތު ގުޅާލައިގެންދާ އަންހެނަކާއި ފިރިހެނެކެވެ. އަނެއް ވީޑީއޯއިން ފެންނަނީ ފިރިހެނަކު އެކަނި ހިނގާފައި ދަނިކޮށެވެ.

ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.