މާލޭގެ އެކި ތަންތަނުގައި ހުޅުޖަހަން ހިތްވަރުދިނުމާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި، އައްބާސް އާދިލް ރިޒާއަށް ކުރާ ދައުވާއަށް މިއަދަށް ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު އަދާކުރެއްވި އައްބާސަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ. ނަމަވެސް ޗިޓު އޭނާއަށް ރައްދު ނުކުރެވޭތީ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ވަނީ ބުނެފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އައްބާސް މިވަގުތު ހުންނެވީ މެލޭޝިއާގައެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އައްބާސްގެ މައްޗަށް، ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާކޮށް ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

އައްބާސްގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު "ކްލަބްހައުސް" ގައި އޭނާ ދެއްކި ވާހަކައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން ޕެޓްރޯލާއި ވާބުރި ފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވުމުގެ އިތުރުން ހަމަ އެ މަހުގެ 23 ވަނަ ދުވަހު، އައްބާސް ބޭނުންކުރާ ޓުވިޓާ އެކައުންޓުން، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އެ ތަނުގައި ހުޅުޖަހަން ގޮވާލައި ޓުވީޓް ކުރުމުންނެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތު ވެއްޖެނަމަ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.