ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި ގިނަ ދާއިރާތަކަކުން މަޝްވަރާކުރައްވައިފިއެވެ.

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ.ގެ ފަސް ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު ގަތަރަށް ކުރައްވާ ދަތުރުފުޅުގައި ދޯހާގައި ހުންނަ ނެޝަނަލް ކޮންވެންޝަން ސެންޓަރުގައި އިއްޔެ ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްއާ އެކު ރައީސް ސޯލިހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އދ.ގެ އެކިއެކި އެހީދޭ ޖަމިއްޔާ ޖަމާއަތްތައް މެދުވެރިވެގެން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ، ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުންތަކާއި ރާއްޖޭގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އދ. އަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައިފައެވެ. އެގޮތުން އެޖެންޑާ 30 ގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ މުހިންމު އިދާރާތަކުގެ ގާބިލުކަން އިތުރުކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ. އިން މުހިންމު ދައުރެއް އަދާކޮށްދެމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތަކަށް ކަންކަން ކުރުމަށްޓަކައި، އދ.ގެ ކަމާބެހޭ ޖަމިއްޔާ ޖަމާއަތްތަކާއި ޕަބްލިކް ސެކްޓާ ގްރޫޕްތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި އުމްރާނީ ވަސީލަތްތައް ގާއިމުވެފައި ހުރިގޮތުން ހުރި ފަރަގުތައް ކުޑަކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށްޓަކައި، ކުރެވެންހުރި އިންވެސްޓްމަންޓްތައް ބެލުން ހިމެނެއެވެ. އަދި އެންމެ ދާއިރާއަކަށް ރާއްޖޭގެ އިގްތިސޯދު ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށްޓަކައި ދެމެހެއްޓެނިވި ވިޔަފާރީގެ ދާއިރާއާއި މަސްވެރިކަން ފުޅާކޮށް އިތުރުގޮތްތައް ހޯދުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރާއްޖެއަކީ އދ.އިން ނަގަހައްޓާ އެންމެހާ ހަމަތަކުގައި ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭ ގައުމެއްކަމަށް ވިދާޅުވެފައެވެ.

އދ. ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނަތާ މިހާރު ވަނީ 57 އަހަރުވެފައެވެ.