އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވާނެކަމުގެ އިޝާރާތެއް ކުރީގެ ބަންޑާރަ ނައިބު (އެޓާނީ ޖެނެރަލް) ޑރ. މުހައްމަދު މުނައްވަރު ކުރައްވައިފިއެވެ.

މިފަދަ އިޝާރާތެއް ޑރ. މުނައްވަރު ކުރެއްވީ، އޭނާގެ ޓުވިޓާ އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަނީ 2023 ކުރިއަށް ލުމަށްފަހު އޭނާގެ ނަން ޖައްސަވައިފައެވެ.

އެނގިފައިވާ ގޮތުގައި ޑރ. މުނައްވަރު މިހާރު ވަނީ ކެމްޕެއިން މަރުކަޒެއްވެސް މިއަދު ހުޅުވައިފައެވެ. އޭނާގެ ކެމްޕެއިންގެ ލޯގޯއަކަށް ބޭނުންކުރަނީ "ދޮންދީނި" އެވެ.

އެމްޑީޕީގެ ރައީސްކަންވެސް ކުރެއްވި، ޑރ. މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާއިރު އެމަނިކުފާނު ވަނީ ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ މިހާރުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

ޑރ. މުނައްވަރު މިފަހުން ގެންދަވަނީ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ޗާގޮސް މައްސަލައިގައި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް އޭނާ ފާޑުވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރި ނަމަވެސް އެމަނިކުފާނަށް އާރަށް މައްސަލައިގައި އިއްވި 11 އަހަރުގެ ޖަލު ހުކުމާއެކު އެ ފުރުސަތު މިވަގުތު އެމަނިކުފާނަށް ވަނީ ގެއްލިފައެވެ. ނަމަވެސް މަތީ މަރުހަލާގައި އެމަނިކުފާނު މިނިވަންވެވަޑައިގެންފިނަމަ އެ ފުރުސަތު އަލުން ލިބޭނެއެވެ.