މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ޒޯން އެކެއްގެ ޗެމްޕިއަކަން ހދ. ނައިވާދޫން ހޯދި އިރު، ޒޯން ހައެއްގެ ޗެމްޕިއަންކަން ގދ. ވާދޫ އަދި ޒޯން އަށެއް (މާލެ ޒޯން)ގެ ޗެމްޕިއަންކަން މާފަންނުން ހޯދައިފިއެވެ.

ވަރުގަދަ އަތޮޅު ބުރު ނިމި، ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި މިހާރު ކުރިއަށް ދަނީ ޒޯން ބުރުގެ ފޯރިގަދަ ފައިނަލް މެޗުތަކެވެ. ރޭ ވަނީ ތިން ޒޯނުގެ ފައިނަލްތައް ކުޅެ، ތަށި ދީފައެވެ.

ޒޯން އެކެއްގެ ފައިނަލުގައި ރޭ ށ. ކަނޑިތީމާއި ހދ. ނައިވާދޫ ވާދަކުރި އިރު، އެ މެޗު ވެގެންދިޔައީ ގިނަ ގޯލުތަކެއް ފެނުނު ފައިނަލް މެޗަކަށެވެ. ނައިވާދޫން މޮޅަށް ކުޅުނު މެޗުގައި އެޓީމުން ކަނޑިތީމު ބަލިކުރީ 6-2 ގެ ނަތީޖާއަކުންނެވެ.

ފައިނަލް މެޗުގައި މޮޅު ކުޅުމެއް ދައްކައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޒޯނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ނައިވާދޫގެ އަބްދުﷲ ވިސާމް ވަނީ ހެޓްރިކް ހަދައިފައެވެ. އޭގެ އިތުރުން ޒޯނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ ޝާފިއު (ޝާއްޕެ) ފައިނަލް މެޗުގައި ހިލޭ ޖެހުމުން ދެ ގޯލު ޖެހި އިރު، ނައިވާދޫގެ އަނެއް ގޯލު ޖެހީ މުހައްމަދު އަސްލަމެވެ.

މެޗުގައި ކަނޑިތީމުގެ ގޯލުތައް ޖެހީ އަހުމަދު ނިމާލާއި އާދަމް ތައުފީގެވެ.

ރޭ ކުޅުނު ޒޯން ހައެއްގެ ފައިނަލުގައި ލ. ގަމާއި ގދ. ވާދޫގެ ވަރުގަދަ ކުރިމަތިލުމެއް ފެނިގެން ގޮސްފައިވާ އިރު، އެ މެޗުގައި ވާދޫން ފަހަތުން އަރައި ގަން ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ޒޯން ހައެއްގެ އެންމެ ގިނަ ގޯލު ޖެހި އަހުމަދު ހަލީމް ގަމަށް ގޯލެއް ޖަހައިދީފައި ވަނިކޮށް، ދެވަނަ ހާފަށް ނުކުމެ ވާދޫން ނަތީޖާ އަނބުރާލިއެވެ.

ވާދޫގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް ޝައުފް މުހައްމަދާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުސައްނިފް މުހައްމަދު އަދި މުހައްމަދު ނާއިލެވެ. ޒޯން ހައެއްގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވާދޫގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) އެވެ.

ރޭ އެންމެފަހު މެޗަކަށް ކުޅުނީ ޒޯން އަށެއްގެ ފައިނަލް މެޗެވެ. ޒޯން އަށެއްގެ ފައިނަލްގައި މާފަންނުން ވިލިމާލެ ބަލިކުރީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި މާފަންނުން މެޗު ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ހުސައިން އަފްސަލް (އޮޒިލް) ގެ ގޯލުން މާފަންނުން ލީޑު ނަގައިފައި ވަނިކޮށް، ދެވަނަ ހާފު ފެށިގެން ފަސް ސިކުންތުގެ ތެރޭގައި އިސްމާއީލް ވަޖީހު (ވައްޖެ) ވަނީ ވިލިމާލެއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގައި ވިލިމާލޭގެ ދެވަނަ ގޯލު އިސްމާއީލް ވިފާގު ޖަހައިދިން އިރު، މާފަންނުން ދެވަނަ ގޯލު ޖެހީ ޒޯނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން ސުހައިލް (ސޮކޭ) އެވެ.

ޕެނަލްޓީގައި މާފަނުންގެ އެންމެ މުހިއްމު ރޯލެއް އަދާކުރީ ކީޕަރު އިބްރާހީމް ނާޖިހެވެ. އޭނާ ވަނީ ވިލިމާލޭގެ ކެޕްޓަން އަބްދުﷲ ޝައްފާން (ޝާކާ) ޖެހި ޕެނަލްޓީ މަތަކޮށް، މާފަންނުގެ ފަސްވަނަ ޕެނަލްޓީ ކާމިޔާބުކަމާއެކު ވައްދާލައިފައެވެ.

ރޭގެ ޒޯން ފައިނަލްތަކުން ބަލިވި ޓީމުތަކަށްވެސް ގަދަ 16 ޔަގީންވެފައިވާ އިރު، ރޭވެސް ތިން ޒޯނެއްގެ ފައިނަލް މެޗުތައް އޮންނާނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވެއެވެ. މިހާރު އަތޮޅު ބުރުގެ ފޯރިގަދަ މެޗުތައް ނިމި، އަތޮޅު ޗެމްޕިއަނުން ކަނޑައެޅިފައި އޮތް އިރު، މިހާރު ކުރިއަށް ދަނީ ޒޯން ބުރުގެ ފައިނަލް މެޗުތަކެވެ. މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

ޒޯން 4 ގެ ފައިނަލް:

20:00 އދ. މާމިގިލި - މ. ދިއްގަރު (ގްރައުންޑް 1)

ޒޯން 3 ގެ ފައިނަލް:

20:00 ކ. ގާފަރު - އއ. ބޮޑުފޮޅުދޫ (ގްރައުންޑް 1)

ޒޯން 5ގެ ފައިނަލް:

20:00 ތ. ތިމަރަފުށި - ދ. ކުޑަހުވަދޫ (ގްރައުންޑް 1)