ތުރުކީއަށް މިފަހުން އައި ބިންހެލުންތަކުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން އެ ގައުމަށް ފޮނުވުމަށް ނިންމި ފަސް ލައްކަ މަސްދަޅުގެ ފުރަތަމަ ބެޗު މިއަދު އެ ގައުމަށް ފޮނުވައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ތުރުކީއަށް ފޮނުވި އެހީއަކީ މިމަހުގެ ހަވަނަ ދުވަހު އެ ގައުމަށް ކުރިމަތިވި ހާދިސާއާ ގުޅިގެން، އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމުގެ ދަށުން ފޮނުވި އެހީއެއް ކަމަށެވެ.
ސަރުކާރުގެ ފަރާތުން އެ މަސްދަޅުތަކުގެ ފުރަތަމަ ބެޗު ތުރުކީ ސަރުކާރާ ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ އަހުމަދު ލަތީފެވެ. ތުރުކީން އެތަކެއްޗާ ހަވާލުވެވަޑައިގަތީ ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ކޮންސިއުލޭޓްގެ ބޭފުޅުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ، ޓާކިޝް އެއާލައިންގެ ފްލައިޓަކުން މަސް ދަޅުތައް ފަސް ބެޗެއް ބަހާލައިގެން ގެންދާއިރު، މި މަހުގެ ދިހަ ވަނަ ދުވަހަށް ތުރުކީއަށް އެ ތަކެތި ގެންދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ޖިއޮލޮޖިކަލް ސާވޭ އޮފް ޑެންމާކް އެންޑް ގްރީންލޭންޑުން މީގެ ކުރިން ބުނެފައިވަނީ، ތުރުކީގެ ދެކުނަށް ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ކަމަށެވެ. އޭގެ ފަހުންވެސް ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް ތުރުކީއަށް އައިސްފައިވާ ކަމަށެވެ. ފުރަތަމަ ބިން ހެލުމަށްފަހު ތުރުކީގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ލޮޅުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މިމަހުގެ ހަވަނަ ދުވަހު ތުރުކީއަށާއި ސީރިއާގެ ބައެއް ހިމެނޭހެން އައި ބިންހެލުމުގައި ދެގައުމުން 50،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 1.5 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
ބިންހެލުމާ ގުޅިގެން އުރުދުޣާން ވަނީ ތުރުކީގައި ތިން މަސް ދުވަހަށް ކުއްލި ހާލަތުވެސް އިއުލާންކުރައްވައިފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ އެ ގައުމުގެ ދިހަ ސިޓީއަކަށެވެ.
ސަރުކާރުން ވަނީ ތުރުކީގެ އިތުރުން ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު ސީރިއާގެ ފަރާތްތަކަށް އެހީވުމަށްވެސް ފަސް ލައްކަ މަސްދަޅު ފޮނުވަން ނިންމައިފައެވެ. ނަމަވެސް އެތަކެތި ފޮނުވާނެ ތާރީހެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު