މޭލޭގެ އެކި ތަންތަނުގައި ހުޅުޖަހަން ހިތްވަރުދިނުމާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު އަދާކުރެއްވި އައްބާސް އާދިލް ރިޒާއަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އައްބާސްގެ މައްޗަށް، ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާކޮށް ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

އައްބާސްގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

އައްބާސްގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު "ކްލަބްހައުސް" ގައި އޭނާ ދެއްކި ވާހަކައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން ޕެޓްރޯލާއި ވާބުރި ފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވުމުގެ އިތުރުން ހަމަ އެ މަހުގެ 23 ވަނަ ދުވަހު، އައްބާސް ބޭނުންކުރާ ޓުވިޓާ އެކައުންޓުން، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އެ ތަނުގައި ހުޅުޖަހަން ގޮވާލައި ޓްވީޓް ކުރުމުންނެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތު ވެއްޖެނަމަ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.