މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ޒޯން ހަތެއްގެ ޗެމްޕިއަންކަން ފުވައްމުލަކު ދަނޑިމަގުން ހޯދި އިރު، ޒޯން ދޭއްގެ ޗެމްޕިއަންކަން ރ. އިނގުރައިދޫން ހޯދައިފިއެވެ.
ވަރުގަދަ އަތޮޅު ބުރު ނިމި، ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި މިހާރު ކުރިއަށް ދަނީ ޒޯން ބުރުގެ ފޯރިގަދަ މެޗުތަކެވެ. ޒޯންތަކުގެ ލީގު ބުރު ނިމި، ބާކީ ހަމައެކަނި ފައިނަލްތައް މިރެ އާއި މާދަމާ ރޭ އޮތް އިރު، ރޭވެސް ވަނީ ދެ ފައިނަލެއް ކުޅެފައެވެ.
ރޭ ކުޅުނީ ދެ ޓީމު ކުޅޭ ޒޯން ހަތަކާއި ޒޯން ދޭއްގެ ފައިނަލްގެ ދެވަނަ ލެގުގެ މެޗުތަކެވެ. ޒޯން ދޭއްގައި ރޭ އިނގުރައިދޫ އާއި ބ. އޭދަފުށި ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިނގުރައިދޫއެވެ. ފުރަތަމަ ލެގުގެ މެޗުވެސް ކާމިޔާބުކޮށްފައި އޮތް އިނގުރައިދޫން ރޭގެ މެޗު ދެ ގޯލުގެ ތަފާތަކުން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ، އެގްރިގޭޓް 5-1 ގެ ނަތީޖާއަޖުންނެވެ.
ރޭގެ މެޗުގައި އިނގުރައިދޫގެ ލަނޑުތައް ޖެހަލީ އަހުމަދު އައިހަމް (އައިހު) އަދި އިސްމާއީލް މާއީލްއެވެ. ޒޯން ދޭއްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށްވެސް ހޮވުނީ އިނގުރައިދޫގެ އައިހުއެވެ.
ރޭ ކުޅުނު ޒޯން އަށެއްގެ ފައިނަލްގައި ވާދަކުރީ ސ. ފޭދޫ އާއި ދަނޑިމަގެވެ. އެ މެޗު 4-3 އިން ކާމިޔާބުކޮށް، ދަނޑިމަގުން ޗެމްޕިއަންކަން ހޯދީ އެގްރިގޭޓް 7-4 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ދަނޑިމަގުގެ މުހައްމަދު ސާދު ނިޒާރު ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އަބްދުﷲ ރަޝީދެވެ. ރޭގެ މެޗުގައި ފޭދޫން ގޯލުތައް ޖެހީ ހަސަން ލައުހު އާއި އަލީ ނާފިއު (ކަޅޭ)ގެ އިތުރުން ހުސައިން ސާމު ސައީދެވެ.
މުބާރާތުގެ ގަދަ 16 އަށް ކޮންމެ ޒޯނަކުންވެސް ދެޓީމު ދާއިރު، ރޭގެ ފައިނަލްތަކުން ބަލިވި ޓީމުތައްވެސް ގަދަ 16 އިން ފެނިގެންދާނެއެވެ.
ޒޯން ތިނެއްގެ ލީގުގެ ބުރުގެ ފަހު މެޗުތައްވެސް ރޭ ކުޅެފައިވާ އިރު، ފައިނަލް ޔަގީންވެފައި އޮތް ކ. ގާފަރުން ރޭ ނުކުތީ ކަޓާފައި އޮތް ޅ. ކުރެންދުއާ ދެކޮޅަށެވެ. އެމެޗު ގާފަރުން 2-0 އިން ކާމިޔާބުކޮށް، ގާފަރު ވަނީ ޒޯން ބުރުގެ ފައިނަލްގެ ކުރިން ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ.
ރޭ ގާފަރުގެ ގޯލުތައް ޖެހީ އަޒްޔާން އިބްރާހީމާއި ނާއިހު މުފީދެވެ.
އެ ޒޯނުގެ ފައިނަލްގެ ދެވަނަ ޖާގައަށް ރޭ ކުރިމަތިލީ އއ. ބޮޑުފޮޅުދޫ އާއި ކ. ދިއްފުއްޓެވެ. އެ މެޗަށް ނުކުތް އިރު، އެއްވަރުކޮށްލައިގެންވެސް ދިއްފުއްޓަށް ފައިނަލަށް ދެވެން އޮތެވެ. އެހެން ނަމަވެސް، ބޮޑުފޮޅުދޫ ފެނުނީ މާ ވަރުގަދަ ކޮށެވެ. ބޮޑުފޮޅުދޫން ރޭ ދިއްފުށި ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ.
ބޮޑުފޮޅުދޫގެ ޖާދުﷲ އަހުމަދު ހެޓްރިކް ހެދި އިރު، އަނެއް ގޯލުތައް ޖެހީ މުހައްމަދު ޝިރުހާނާއި ރުހުޝާން ޖަމީލް އަދި އަލީ ޝާނީޒެވެ. ދިއްފުށީގެ ހަމައެކަނި ގޯލު ޖެހީ ރިލުވާން ރަޝީދެވެ.
ރޭ ޒޯން ހަތަރެއްގެ ފަހު ދެމެޗަށް ނުކުތް އިރު، އދ. މާމިގިލި އޮތީ ފައިނަލް ޔަގީން ކޮށްފައެވެ. މާމިގިލިން ރޭ މ. ނާލާފުށި ކައިރިން ބަލިވީ 4-3 ގެ ނަތީޖާއާކުންނެވެ. އަހުމަދު ރަފާހާއި ޝަފްރާޒް އަބްދުލް ސައްތާރުވެސް، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ނާލާފުއްޓަށް ޖަހައިދިން އިރު، އެޓީމު ކަޓައިގެން ދިޔައީ މޮޅަކާއެކުގައެވެ. މެޗުގައި މާމިގިލީގެ ގޯލުތައް ޖަހައިދިނީ ހިސާމް ސަލީމް (ކޮކީ)އެވެ. ކޮކީ މެޗުގައި ހެޓްރިކް ހެދިއެވެ.
ރޭ އެ ޒޯނުގެ ފައިނަލް ފަހު ޖާގައަށް ކުޅުނު މެޗު ފެނުނީ ފޯރިގަދަ ކޮށެވެ. އެއީ މ. ދިއްގަރާއި އދ. މަހިބަދޫ ވާދަކުރި މެޗެވެ. ރޭގެ މެޗަށް ނުކުތް އިރު، ދެޓީމުވެސް ތާވަލުގައި ހުރިހާ ގޮތަކުން ހަމަހަމަވެފައި އޮތް އިރު، މޮޅަކާއެކު ދެޓީމަށްވެސް ފައިނަލްގެ ފުރުސަތު އޮތެވެ.
ފޯރިގަދަ މެޗު ދިއްގަރުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ދިއްގަރުގެ މުހައްމަދު އަލީ (މޯޑު) މެޗުގައި ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖަހައިދިނީ އަހުމަދު މިދުހަތު މަހުމޫދު (މުރޭ) އެވެ. މަހިބަދޫގެ ދެގޯލަކީވެސް ސުއައިދު ސައީދު ޖެހި ދެ ގޯލެވެ.
ރޭ ދެން އިތުރަށް ކުޅުނީ ޒޯން ފަހެއްގެ ދެމެޗެވެ. ރޭގެ މެޗުތަކަށް ނުކުތް އިރުވެސް އެ ޒޯނުގެ ފައިނަލްގެ ޖާގަތައް ދ. ކުޑަހުވަދޫ އާއި ތ. ތިމަރަފުއްޓަށް ޔަގީންވެފައި އޮތް އިރު، ރޭ ލީގު ބުރުގައި އެ ދެޓީމު ކުރިމަތިލީ ޓީމަށް ބަދަލުތަކަކާ އެކުގައެވެ. އެ މެޗު ތިމަރަފުށިން 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، ގޯލުތައް ޖެހީ އާދަމް ނާސިހު (އާދަންނާ) އާއި އިބްރާހީމް ހަމްދާން (ހަމްދެ) އެވެ.
އެ ޒޯނުގައި ރޭ ކަޓައިފައި އޮތް ދެޓީމު ކުޅުނު މެޗުގައި، ތ. ކިނބިދޫން ވަނީ ރޭ 2-8 އިން ފ. މަގޫދޫ ބަލިކޮށްފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވެއެވެ. މިހާރު އަތޮޅު ބުރުގެ ފޯރިގަދަ މެޗުތައް ނިމި، އަތޮޅު ޗެމްޕިއަނުން ކަނޑައެޅިފައި އޮތް އިރު، މިހާރު ކުރިއަށް ދަނީ ޒޯން ބުރުގެ މެޗުތަކެވެ. ޒޯން ބުރުގެވެސް ގިނަ މެޗުތަކެއް މިހާރު ކުޅެވިފައިވާ އިރު، ކުރިއަށް އޮތް ހަފުތާ ތެރޭގައި ޒޯން ބުރުގެ ފައިނަލް މެޗުތައް އޮންނާނެއެވެ. މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތިން ޒޯނެއްގެ ފައިނަލް މިރޭ އޮންނާނެއެވެ. އެއީ ޒޯން އެކެއްގެ ފައިނަލްގައި ހދ. ނައިވާދޫއާއި ށ. ކަނޑިތީމު ވާދަކުރާ މެޗުގެ އިތުރުން ޒޯން ހައެއްގެ ފައިނަލްގައި ލ. ގަމާއި ގދ. ވާދޫ ވާދަކުރާ މެޗު އަދި ޒޯން އަށެއްގެ ފައިނަލްގައި ވިލިމާލެއާއި މާފަންނު ވާދަކުރާ މެޗެވެ.
މިރޭގެ ހުރިހާ މެޗެއްވެސް ގްރައުންޑް އެކެއްގައި ކުޅެވިގެންދާ އިރު، ޒޯން އެކެއްގެ ފައިނަލް އޮންނާނީ މިރޭ 8:00 ގައެވެ. ޒޯން ހައެއްގެ ފައިނަލް އޮންނާނީ މިރޭ 9:00 ގައެވެ. އަދި މާލޭ ޒޯނުގެ ފައިނަލް އޮންނާނީ މިރޭ 10:00 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް