އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ތައާރުފުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަވަމުންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ މަސައްކަތްތެރިންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ވައުދެއް ކަމަށެވެ. ހާއްސަކޮށް، ވަޒީފާ ގެއްލޭ މީހުންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންކަމުން، ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން، ބައްޓަން ކުރެވޭ ނިޒާމެއްގެ ދަށުން، އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ތައާރުފުކުރުމުގެ މަސައްކަތް ސަރުކާރުން މި އަންނަނީ ކުރަމުން. އެކަމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން، ބޭރުގެ ފަންނީ އެހީއާއެކު، ކަމާބެހޭ ގާނޫނުގެ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް މިހާރު މި އަންނަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމާ ގުޅޭ ބިލް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެ މަނިކުފާނުގެ ސަރުކާރުން ހަތަރު އަހަރުގެ ތެރޭގައި، މަސައްކަތްތެރިންގެ ހާލަތު ރަނގަޅުކޮށް އަދި މަސައްކަތްތެރިންގެ އާއިލާތަކަށް ފާގަތި ކުރިމަގެއް ހޯދައިދީފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ކުރި އެންމެ މުހިންމު ކަމަކީ މިނިމަމްވޭޖު ތައާރަފުކުރުން ކަމަށެވެ. މިނިމަމްވޭޖަކީ ގާނޫނުގައި ހިމެނިފައި އޮތަސް، އެކަން ތަންފީޒު ކުރުމަށް ކުރީގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި އޮތް ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނުގެ ސަރުކާރުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ސާވިސް ޗާޖްގެ ފައިދާ ހަމަހަމައަށް ލިބިދިނުމަށް ގާނޫނު އިސްލާހުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެމުން އަންނަ އިރު، ވަޒީފާ ހޯދައިދިނުމަށްވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު އުފެއްދި ނޭޝަނަލް ޖޮބް ސެންޓަރަކީ އެކަމުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އެ މަރުކަޒުގެ އެއް ބޭނުމަކީ ވަޒީފާ ހޯދަން ބޭނުންވާ މީހުންނާއި ވަޒީފާ ދޭ މީހުން ގުޅުވައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.