ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓޮން، 35އ ގެ މަރުގެ މައްސަލައިގައި ގދ. ތިނަދޫ/ މަނާރު، މުހަައްމަދު ނިޒާމު 45އ ގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ ހިމެނޭހެން ތިން ދައުވާއެއް އުފުލައިފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ވަގުތެއްގައި ފިއުލް ޕަވާ ކުންފުނީގެ "ހޭދަކުރި" ދޯނީގައި ލިޓޮން އަދި ނިޒާމު ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު ކަނޑުމައްޗަށް ގެއްލިގެން ރިޕޯޓުކޮށްފައި ވަނިކޮށް ނިޒާމް ވަނީ މާލޭގައި އުޅެނިކޮށް ހައްޔަރުކޮށްފައެވެ. އެކަމަކު ލިޓަން އަދިވެސް ނުފެނެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ނިޒާމުގެ މައްޗަށް ތިން ދައުވާއެއް ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. އެ ކުށް ސާބިތުވެއްޖެނަމަ ނިޒާމުގެ މައްޗަށް 10 އަހަރަށް ޖަލަށްލާން ނުވަތަ ގިސާސް ހިފަން ހުކުމްކުރާނެއެވެ.
"މުހައްމަދު ލިޓޮން މަރާލާފައިވަނީ މުހައްމަދު ލިޓޮންއަށް ނޭނގި ހުއްޓައި ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް އޭނާ ކޮށްޕާ ވައްޓާލައިގެން. މިކަން ހިނގާފައިވަނީ 28 ޑިސެމްބަރު 2022 ދުވަހުގެ 19:00 އާއި 20:30އާ ދެމެދުގެ ވަގުތެއްގައި" ޕީޖީ އޮފީހުން ބުންޏެވެ.
ނިޒާމުގެ މައްޗަށް ދެން ކޮށްފައިވަނީ ވައްކަންކުރުމުގެ ކުށުގެ ދައުވާއާއި ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާއެވެ.
ވައްކަންކުރުމުގެ ކުށުގެ ދައުވާ ދައުވާކުރީ "ހޭދަކުރި" ދޯނީގައި ހުރި ލިޓޮންގެ 51،000 ރުފިޔާ ނިޒާމް ވަގަށް ނަގާފައިވާތީއެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާނެއެވެ.
ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އުފުލީ ލިޓޮން ގެއްލުނު މައްސަލައިގެ ތަހުގީގު ތެރެއިން ނިޒާމު ދިރިއުޅޭ ގެ ކަމަށްވާ މއ. ޝާދީވިލާ ބަލައިފާސްކުރުމުގެ ތެރެއިން 3.2 ގްރާމް ޑައިމޯފިން ފެނިފައިވާތީއެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 25 އަހަރަށް ޖަލައި 25،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމާނާކުރާނެއެވެ.
"މުހައްމަދު ނިޒާމު މަސްތުވާތަކެތި ގަނެފައިވަނީ ހޭދަކުރި ދޯނިން ވަގަށް ނެގި ފައިސާއިން ކަމަށް ތުހުމަތުކުރެވޭ" ޕީޖީ އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު