ދުނިޔެ

އަދުގެ ދުނިޔެ: އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ޗައިނާ އާއި އީރާނުގެ އެހީތެރިކަން ޕާކިސްތާނަށް

އިމާދު ލަތީފު

ދެކުނު އޭޝިޔާ ނުވަތަ ސާކު ސަރަހައްދުގައިވާ ދެވަނައަށް އެންމެ ބޮޑު އިގްތިސާދަކީ ޕާކިސްތާނެވެ. ޕާކިސްތާނު ވުޖޫދުވިފަހުން އެގައުމަށް ކުރިމަތިލާންޖެހުނު އެންމެ ބޮޑު ތަދުމަޑުކަން މިހާރު އެގެންދަނީ ތަޖުރިބާކުރަމުންނެވެ. ތަފާސްހިސާބުތަކުން އެނގޭގޮތުގައި ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުރިމަތިލާން ނުޖެހޭވަރުގެ އިގްތިސާދީ ހީނަރުކަމެއް މިހާރު އެއޮތީ ކުރިމަތިވެފައެވެ. ގައުމުގެ ފޮރިން އެކްސްޗޭންޖް ރިޒާރވް ސުމަކަށް ތިރިވެއްޖެއެވެ. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކް ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބޮޑެތި ލޯނު ނެގުމަށް ޕާކިސްތާން ހުށައަޅައިފައިވާއިރު އެކިކަހަލަ ޝަރުތުތައް ކުރިމަތިކޮށް ލޯނު ދިނުން ލަސްކުރެވޭތޯ ހުޅަނގުގެ ގައުމުތަކުން ބާރުއަޅާ މަންޒަރުވެސް އެބަފެނެއެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާތަކަކީ ހުޅަނގުގެ މުށުތެރޭގައިވާ ސިޔާސީ ބޮޑުބަޑިތަކެކެވެ. އެތަންތަނުގެ ބޭނުން ނާޖާއިޒުގޮތުގައި ހިފުމުގެ މަގުސަދަކީ ހުރިހައިގޮތަކުންވެސް ޕާކިސްތާނު ބަނގުރޫޓުކޮށް އިނދަޖައްސައިލުން ކަމަށްވެދާނެއެވެ. ސްރީލަންކާއަށް ކުރިމަތިވި ހާލަތަށްވުރެ ޕާކިސްތާނުގެ ހާލަތު ވަކި ރަނގަޅުކަމަކަށް ނުފެނެއެވެ. މިހާލަތުގައި ޕާކިސްތާނުގެ ރަހުމަތްތެރި ބައެއް ގައުމުތަކުން އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން މަސައްކަތް ކުރާތީވެސް އެބަފެނެއެވެ. ޕާކިސްތާނު ބަނގަރޫޓުނުވެ ސަލާމަތްވާނެ މަގު ތަނަވަސްކޮށްދިނުމުގައި އެހީވާކަމަށް ފެންނަނީ ޗައިނާ އާއި އީރާން އަދި އުޒްބެކިސްތާނުންނެވެ. އެހެންނަމަވެސް އެވަރަކުން އަދި ނުފުދޭނެއެވެ. އައިއެމްއެފްގެ ލޯނުވެސް ބޭނުންވާނެއެވެ.

ލޯނު ދިނުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޝަރުތުތައް ވަރަށް ގިނައެވެ. އެކަންކަން ފުރިހަމަކުރުމަށް ޕާކިސްތާނުން ވަރަށް ބޮޑު ގުރުބާނީތަކެއް ވަމުންދާ މަންޒަރު އެބަފެނެއެވެ. އައިއެމްއެފްއަކީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި މަރުކަޒުވެގެންވާ އިދާރާއެކެވެ. އެތަނުން އަންގާފައިވެއެވެ. ޓެކްސް ބޮޑުކުރާށެވެ. ދަނޑުވެރިކަމާއި މަސްވެރިކަމާއި އެނޫންވެސް ބައެއް ސިނާއަތްތަކަށްދޭ އިނާޔަތްތައް ކަނޑާލައި ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން ކުޑަކުރާށެވެ. މި އެންގުންތަކާ ގުޅިގެން ސަރުކާރުންވަނީ ވަރަށް ގިނަ މުދަލުގެ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފައެވެ. ތެލާއި ގޭހުގެ އަގުވެސް ބޮޑުތަނުން ވަނީ މައްޗަށް ޖައްސައިފައެވެ. ނަތީޖާއެއްގެ ގޮތުން އަސާސީ ވަރަށް ގިނަތަކެތީގެ އަގުވަނީ ފަގީރުންނަށް ގަނެވޭވަރަށްވުރެ މާ މައްޗަށް އުފުލިފައެވެ.

އައިއެމްއެފްގައި ޕާކިސްތާނުން އެދިފައިވަނީ ގާތްގަޑަކަށް ހަތް ބިލިޔަން ޑޮލަރުގެ ލޯނެކެވެ. އެ އިދާރާއިން ކުރިމަތިކުރި ގިނަގުނަ ޝަރުތުތަކަށް ދީލާލައި ގައުމުގެ އިގްތިސާދަށް ބޮޑެތި ބަދަލުތައް ގެނައިކަމަށްވިޔަސް އައިއެމްއެފްގެ ލޯނު ދެންވެސް އަވަސްވާނެ ކަމަކަށް ނުފެނެއެވެ. މިއަހަރު ނިމޭއިރުވެސް މި ލޯނު ލިބުން އެކަށީގެނެއް ނުވެއެވެ. އެހާތަނަށް ޕާކިސްތާނުގެ އިގްތިސާދު ހަމަޖައްސާނީ ކޮންގޮތަކުން ބާވައެވެ. އެެއީ ރަހުމަތްތެރި ބައެއް ގައުމުތަކުގެ މަދަދާއެކު ކުރެވިދާނޭ ކަމެކެވެ. ހުސްވި ހަފުތާގައި ޗައިނާއިންވަނީ ޕާކިސްތާނަށް 700 މިލިއަން ޑޮލަރު ދީފައެވެ. މިއީ ހަމައެކަނި ފޮރިން އެކްސްޗޭންޖް ރިޒާރވަށް ދިރުމެއް ދިނުމުގެ ބޭނުމުގައި ތަނަވަސްކޮށްދިން ލޯނެކެވެ. މިއީ ހަގީގަތުގައި އެކަމަށް ބޭނުންވާ މިންވަރުގެ ތެރެއިން ވިހި އިންސައްތައެވެ.

ޗައިނާއަކީ ކުރިންވެސް ޕާކިސްތާނަށް އެންމެ ގިނައިން ލޯނުދޫކުރާ ގައުމެވެ. ބޭރުގެ ބޭންކުތަކަށް ނުވަތަ އިދާރާތަކަށް ޕާކިސްތާނުން ދަރާފައިވާ ދެރުންތަކުގެ ގާތްގަޑަކަށް ތިރީސް އިންސައްތައަކީ ޗައިނާއަށް ދައްކަންޖެހޭ ދަރަންޏެވެ. އެހެން އެކަންއޮތަސް ޕާކިސްތާނުގެ މާލީ ވަޒީރު އިސްހާގު ދާރު ގަބޫލުކުރައްވާ ގޮތުގައި ޗައިނާއިން އެދިނީ ކޮޅަށް ތެދުވެގެން ހުރުމަށް މިވަގުތަށް ކޮންމެހެންވެސް ބޭނުންވާ ވެކްސިނުގެ ޑޯޒެކެވެ. ޗައިނާގެ ލޯނަކީ ދަރަނީގެ ދަންތުރައިގައި ޕާކިސްތާނު އިތުރަށް ތާށިވުމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޗައިނާގެ އިތުރަށް ދެން ޕާކިސްތާނުގެ ތުރާތަކަށް ލުޔެއް ދިނުމަށް އަތުކުރި އޮޅާލައިގެން އޮތީ އަވަށްޓެރި އީރާނެވެ. ދެގައުމުގެ ވިޔަފާރި ފުޅާކޮށް ޕާކިސްތާނަށް ބޭނުންވާ މުދާ ފޮނުވައިދިނުމަށް ސަރަހައްދީ އިމުގައި ވަސީލަތްތަކެއްވެސް އީރާނުން ވަނީ ގާއިމުކޮށްފައެވެ.

އީރާނުގެ އުންމީދަކީ ދެގައުމުގެ ވިޔަފާރީގެ މިންވަރު އަހަރަކު ފަސް ބިލިޔަން ޑޮލަރާ ހަމައަށް އުފުލައިލުމެވެ. އީރާނުން މިކަމަށްޓަކައި ދޭންޖެހޭ ލުއިތައް ދެމުންދާއިރު މެދުތެރޭ އޭޝިއާގެ ގައުމެއް ކަމަށްވާ އުޒްބެކިސްތާނުންވެސް ވަނީ މިދިޔަ ހުކުރު ދުވަހު އެއްބިލިޔަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީވެސް މިދަނޑިވަޅުގައި ޕާކިސްތާނަށް ބޭނުންވާ ހަކަތައިގެ ބާވަތްތައް ފޯރުކޮށްދިނުމަށް އަމާޒު ހިފެވޭ އެއްބަސްވުމެކެވެ. ކުރިން މިދެންނެވި ގައުމުތަކުގެ އިތުރުން ސައޫދީ އަރަބިޔާއިންވެސް ވަނީ ޕާކިސްތާނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެފައެވެ. ސައޫދީ އަރަބިޔާއަކީ މީގެކުރިން ޕާކިސްތާނަށް ކުރިމަތިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެންމެ ބޮޑަށް އެހީތެރިވަމުން އައި ގައުމެވެ. އެހެންނަމަވެސް ފަހަކަށް އައިސް ބްލޭންކް ޗެކްދިނުން ވަނީ ހުއްޓާލައިފައެވެ.