މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ޒޯން އަށެއް (މާލޭ ޒޯން) ގެ ފައިނަލުން ވިލިމާލެ އާއި މާފަންނު ޖާގަ ހޯދި އިރު، ޒޯން ހައެއްގެ ފައިނަލުގައި ލ. ގަމާއި ގދ. ވާދޫ ކުރިމަތިލާން ޖެހިއްޖެއެވެ.

ވަރުގަދަ އަތޮޅު ބުރު ނިމި، ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި މިހާރު ކުރިއަށް ދަނީ ޒޯން ބުރުގެ ފޯރިގަދަ މެޗުތަކެވެ. ޒޯން ބުރުގެ ކުޅުންވެސް ނިމުމަކާ ގާތްވެފައިވާ އިރު، މިހާރު ކުޅެވެމުންދަނީ ޒޯނުގެ ލީގު ބުރުގެ ފަހު މެޗުތަކެވެ. އެ މެޗުތައް ނިމުމާއެކު ދެން އޮންނާނީ ޒޯން ފައިނަލްތަކެވެ.

މިރޭ ތިން ޒޯނެއްގެ މެޗުތައް ކުޅެފައިވާ އިރު، ފުރަތަމަ ކުޅުނީ ޒޯން އެކެއްގެ ސެމީ ފައިނަލްތަކެވެ. އެ މެޗުތަކުން ށ. ކަނޑިތީމާއި ހދ. ނައިވާދޫން ވަނީ ޒޯން އެކެއްގެ ފައިނަލް ޔަގީންކޮށްފައެވެ.

އެއަށްފަހު މާލޭގެ ޓީމުތައް ހިމެނޭ ޒޯން އަށެއްގެ ލީގު ބުރުގެ ފަހު މެޗުތައް ކުޅެފައިވާ އިރު، އެ ޒޯނުގައި މާފަންނާއި ވިލިމާލޭގެ ކުރިމަތިލުންވީ 2-2 އިން އެއްވަރެވެ. އެ ނަތީޖާއާއެކު މާފަންނާއި ވިލިމާލެއަށް ވަނީ ފައިނަލްގެ ފުރުސަތު ލިބިފައެވެ. އެ ޒޯނުގައި މިރޭ ކުޅުނު އަނެއް މެޗުގައި މައްޗަންގޮޅިން 7-0 އިން ހުޅުމާލެ ބަލިކުރި ނަމަވެސް މައްޗަންގޮޅިއަށް ފައިނަލްގެ ފުރުސަތު ވަނީ ގެއްލިފައެވެ.

މިރޭގެ މެޗުތަކަށް ނުކުތް އިރުވެސް މައްޗަންގޮޅިއަށް އަމިއްލަ ބާރު ގެއްލިފައި އޮތް އިރު، އެޓީމުން މިރޭވި މޮޅާއެކު ލީގު ބުރު ނިންމާލީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ވިލިމާލެ އާއި މާފަންނަށްވެސް ފަސް ޕޮއިންޓް ލިބިފައިވާ އިރު، ހުޅުމާލެ މިފަހަރު ނިންމާލީ ޕޮއިންޓަކާއެކުގައެވެ.

މިރޭ ވިލިމާލެ އާއި މާފަންނު ވާދަކުރި މެޗުގައި ވިލިމާލޭގެ ގޯލުތައް ޖެހީ އަލީ ޝިޔާހް (ޝިޔަޅޭ) އާއި އިސްމާއީލް ވަޖީހު (ވައްޖެ) އެވެ. މާފަންނުގެ ދެ ގޯލު ޖެހީ މުހައްމަދު ޔަފާއު އަދި ހުސައިން ސުހައިލް (ސޮކޭ) އެވެ.

މައްޗަންގޮޅިން މިރޭގެ މެޗަށް ނުކުތީ ގޯލްކީޕަރަކަށް ރިލުވާން ވަހީދު (ރިލޭ) ބަހައްޓައިގެންނެވެ. ކުރިން ރާއްޖޭގެ ސީނިއާ ފުޓުބޯޅަ ގައުމީ ޓީމަށް ޑިފެންޑަރެއްގެ ގޮތުގައި ކުޅުނު އަދި މިހާރުވެސް ފުރަތަމަ ޑިވިޝަންގެ ކްލަބު ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލޭ، މިރޭގެ މެޗުގައި ގޯލު ބަލަހައްޓަން ހުރެފައި ކުރިއަށް ޖެހި ގޯލެއްވެސް ޖެހި އިރު، މެޗުގެ މޮޅު ކުޅުންތެރިޔާވެސް ލިބުނީ އޭނާއަށެވެ.

މެޗުގައި މައްޗަންގޮޅީގެ ހުސައިން ސަވީލް ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖަހައިދިނީ މުހައްމަދު ޝާހާއި މުހައްމަދު ފާރިޝް އާދަމް، އިސްމާއީލް ޒާން އާމިރު އަދި ހުސައިން ޝާވިންއެވެ.

ޒޯން ހައެއްގެ ފަހު ދެމެޗަށް މިރޭ ނުކުތް އިރު، އެއްވެސް ޓީމަކަށް ޒޯން ފައިނަލް ޔަގީނެއް ނުވެއެވެ. އެއީ ގދ. މާމެންދޫ އާއި ގދ. ވާދޫގެ އިތުރުން ލ. ގަމަށްވެސް ޒޯން ފައިނަލްގެ ފުރުސަތު އޮތުމުންނެވެ.

އެ ޒޯނުގެ ފައިނަލް ވާދޫން މިރޭ ޔަގީންކުރީ 1-0 ގެ ނަތީޖާއަކުން މާމެންދޫ ބަލިކޮށްގެންނެވެ. މެޗުގައި ވާދޫގެ ހަމައެކަނި ގޯލު ޖެހީ މުސައްނިފް މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަޔާޒް އަހުމަދު (އަޔާ) އެވެ.

ގަމުން މިރޭ ކުޅުނު މެޗުގައި އަހުމަދު ހަލީމް (އަންމަޑޭ) ގެ ދެ ގޯލާއި ޒައިދާން އަބްދުﷲ (ޒައިއްކޮ) ގެ ގޯލުން ގއ. ނިލަންދޫ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ޒޯން އަށެއްގެ ފައިނަލް ހޮނިހިރު ދުވަހުގެ ރޭ އޮންނަ އިރު، ޒޯން ހައެއްގެ ފައިނަލްވެސް އޮންނާނީ ހަމަ އެރޭގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވެއެވެ. މިހާރު އަތޮޅު ބުރުގެ ފޯރިގަދަ މެޗުތައް ނިމި، އަތޮޅު ޗެމްޕިއަނުން ކަނޑައެޅިފައި އޮތް އިރު، މިހާރު ކުރިއަށް ދަނީ ޒޯން ބުރުގެ މެޗުތަކެވެ. ޒޯން ބުރުގެވެސް ގިނަ މެޗުތަކެއް މިހާރު ކުޅެވިފައިވާ އިރު، ކުރިއަށް އޮތް ހަފުތާ ތެރޭގައި ޒޯން ބުރުގެ ފައިނަލް މެޗުތައް އޮންނާނެއެވެ. މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

ޒޯން 2 ގެ ފައިނަލް:

20:00 ރ. އިނގުރައިދޫ - ބ. އޭދަފުށި (ގްރައުންޑް 1)

ޒޯން 7 ގެ ފައިނަލް:

20:00 ސ. ފޭދޫ - ދަނޑިމަގު (ފުވައްމުލަށް) (ގްރައުންޑް 2)

21:00 ތ. ތިމަރަފުށި - ދ. ކުޑަހުވަދޫ/ ޒޯން 5 (ގްރައުންޑް 1)

21:00 ފ. މަގޫދޫ - ތ. ކިނބިދޫ/ ޒޯން 5 (ގްރައުންޑް 2)

22:00 ކ. ގާފަރު - ޅ. ކުރެންދޫ/ ޒޯން 3 (ގްރައުންޑް 1)

22:00 އއ. ބޮޑުފޮޅުދޫ - ކ. ދިއްފުށި/ ޒޯން 3 (ގްރައުންޑް 2)

23:00 މ. ދިއްގަރު - އދ. މަހިބަދޫ/ ޒޯން 4 (ގްރައުންޑް 1)

23:00 އދ. މާމިގިލި - މ. ނާލާފުށި/ ޒޯން 4 (ގްރައުންޑް 2)