މިއަހަރުގެ ފިތުރު އީދަށްފަހު ހަތަރު ބުރީގެ މާރުކޭޓެއް ހެދުމުގެ މަސައްކަތް ފަށާނެކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވީ މިހާރު ބޭނުންކުރަމުން އަންނަ މަސް މާރުކޭޓް، ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލް މާރުކޭޓް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެ ހުރިހާ މާރުކޭޓެއްގެ ހިދުމަތް އެއް ތަނަކުން ލިބޭނެގޮތް ކައުންސިލުން ހަމަޖައްސައިދޭނެ ކަމަށެވެ.
"މާލޭގެ މިހާރު ހުރި ލޯކަލް މާރުކޭޓު އީދަށް ފަހު، ބަންދުކޮށް އެ ހިދުމަތް އެހެން ތަނަކަށް ބަދަލުކުރެވޭނެ. އަދި އެ ތާނގައި ހަތަރު ބުރީގެ އެންމެ ޒަމާނީ އިމާރާތެއް ބިނާކުރެވޭނެ. މި އިމާރާތުގެ ޖާގަ ތަނަވަސް ވާނެ. ޚިދުމަތްތައް ފަސޭހަ ވެފައި އަވަސްވާނެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުން އެ މައްސަލައަށް ހައްލު ލިބިގެން ނުދާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނީ ގުޅިފަޅުން 280 ހެކްޓަރުގެ ބިން ހިއްކައިގެންނާއި ފުށިދިއްގަރު ފަޅުން 900 ހެކްޓަރުގެ ބިން ހިއްކައިގެން އަދި ގިރާވަރު ފަޅުން 200 ހެކްޓަރުގެ ބިން ހިއްކައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ބިންތައް ހިއްކައި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ މީހުންނަށް ދޭންވީ. ގޯތި ބޭނުންވާ މީހުންނަށް ގޯތި، ފްލެޓް ބޭނުންވާ މީހުންނަށް ފުލެޓް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ހައުސިން މަޝްރޫއުތައް މިހާރު ކުރިއަށް ގެންދަނީ ރައްޔިތުންނަށް މާލީ ގޮތުން ބުރަ ބޮޑު ގޮތަކަށް ކަމަށާއި އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން ވަނީ ހައުސިން ލޯން ސްކީމަތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރެގިއުލޭޓްކޮށްގެން، ބޭންކުތަކުން ލިބޭނެ ގޮތް ހަމަޖައްސައި، ހައުސިން ސަބްސިޑީ ސްކީމް ތައާރަފުކޮށްގެންކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު