ފީފާ އަންހެން ވޯލްޑް ކަޕަށް ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް، ބްރެޒިލްގެ ސުޕަމޮޑެލް އެޑްރީއާނާ ލީމާއަށް ފޭން އެމްބެސަޑަރުކަން ދިނުމުން ފީފާއަށް ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

ފީފާއިން ސުޕަމޮޑަލް ލީމާއަށް ފޭން އެމްބެސަޑަރުކަން ދީފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެމްބެސަޑަރުގެ ގޮތުގައި ލީމާ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފީފާގެ އިންސާނިއްޔަތުކަމުގެ މަސައްކަތްތައް ކޮށް، ފުޓުބޯޅަ ކުރިއެރުވުމުގެ އިވެންޓްތަކުގައިވެސް ބައިވެރިވާނެއެވެ. މިއަހަރުގެ ޖުލައި 20 ވަނަ ދުވަހު އޮސްޓްރޭލިއާގައި ފަށަން ތައްޔާރުވެފައިވާ ފީފާ އަންހެން ވޯލްޑް ކަޕް ޕްރޮމޯޓް ކުރުމުގައިވެސް ލީމާ ގިނަ މަސައްކަތްތަކެއް ކުރާނެއެވެ.

ލީމާއަށް އެމްބެސަޑަރުކަން ދިނުމާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައި ވަނީ "ލީމާއަކީ ފުޓުބޯޅައަށް ލޯބިކުރާ ފުޓުބޯޅައިގެ ވިންދު ހިނގާ،" މީހެއް ކަމަށެވެ. އޭގެ އިތުރުން އިންފަންޓީނޯ ވިދާޅުވެފައި ވަނީ ލީމާއަކީ އޯގާތެރި، ހިތްހެޔޮ، ގިނަ ބަޔަކު ގަޔާވާ ސިފަތެއް ހުންނަ މޮޑެލެއް ކަމުން، ފުޓުބޯޅައާއި ސަޕޯޓަރުން ގުޅުވައިދޭ ފާލަމެއްގެ ގޮތުގައި އޭނާއަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

އިންފަންޓީނޯގެ ވިސްނުން އެފަދަ ގޮތަކަށް ހުރި ނަމަވެސް، ކުރީގެ ފީފާ ކައުންސިލް މެންބަރު، މޯޔާ ޑޮޑް އެ ވިސްނުމާ ދެކޮޅެވެ. ޑޮޑް ވިދާޅުވެފައި ވަނީ އަންހެން ކުޅުންތެރިންގެ ތެރެއިން އެމްބެސަޑަރެއް ނުނަގައި، މޮޑެލެއް ނެގުން އެއީ ޖޯކެއް ކަމަށެވެ. ޑޮޑް ވިދާޅުވީ ކުޅުންތެރިންނާއި ފީފާގެ ފަރާތުން އިސްކަން ދޭން ޖެހެނީ ސިފަ ރީތި އަންހެނުންނަށް ނޫން ކަމަށާއި، ކުޅުންތެރިން ދަނޑުމަތީގައި ވާ ގުރުބާނީ ރަމްޒުކޮށްދޭން ޖެހޭ ކަމަށެވެ.

"އަންހެނަކު ފުޓުބޯޅަ ކުޅުނީމަ ދުނިޔެ އެ އަންހެން މީހާ ބަލައިގަންނަ ގޮތް އެބަ ތަފާތުވޭ. ލާ ހެދުމަކަށް، ހުންނަ ސިފައަކަށް ނުބަލައި މީހުން އެމީހެއްގެ އަގުވަޒަން ކުރާނީ ޖަހާ ޓެކުލްތަކާއި ގޯލުތަކަށް. އެހެންވީމަ އަންހެން އެމްބެސަޑަރަކު ނަގާއިރު، ރީތި ކަމަށް ނުބަލައި ދަނޑުމަތީގެ ހިދުމަތަށް ބަލަން ވޯލްޑް ކަޕް އަހަރު ފީފާއަށް އެނގެން ވާނެ،،" ޑޮޑް ވިދާޅުވިއެވެ.

ޑޮޑަކީ ކުރިން އޮސްޓްރޭލިއާ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާއަކީ މިއަހަރު އޮސްޓްރޭލިއާ އާއި ނިއު ޒީލޭންޑްގައި ހޯސްޓް ކުރާ އަންހެން ވޯލްޑް ކަޕްގެ ކޮމިޓީގައި ހިމެނޭ މީހެކެވެ. ޑޮޑަކީ 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރު ފީފާ ކައުންސިލް މެންބަރުކަންވެސް ކޮށްފައިވާ ކަނބަލެކެވެ.

ޑޮޑް ފީފާއަށް ފާޑުވިދާޅުވަމުން އިތުރަށް ވިދާޅުވެފައި ވަނީ ލީމާ ފީފާގައި ކުރާ މަސައްކަތަކީ ހަށިގަނޑުގެ ރީތިކަން ދައްކައިގެން، ސިއްހަތު ރަނގަޅުކޮށް ހުރުމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތެއްހެން ހީވާ ކަމަށެވެ.

ފީފާއިން ދާދިފަހުން ބޭއްވި ފީފާ އެވޯޑް ނައިޓްގައި ލީމާ ވަނީ ފެނިގެން ގޮސްފައެވެ. އެވޯޑު ހަފުލާގައި ފީފާ ފޭން އެވޯޑު އިއުލާނު ކޮށްފައި ވަނީ ލީމާއެވެ.