މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ޒޯން އެކެއްގެ ސެމީ ފައިނަލްގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ، ހދ. ނައިވާދޫ އާއި ށ. ކަނޑިތީމު ޒޯން ފައިނަލަށް ދަތުރުކޮށްފިއެވެ.

ޒޯން އެކެއްގެ ސެމީ ފައިނަލް ދެމެޗުވެސް މިރޭ އެއް ގަޑިއެއްގައި ކުޅެފައިވާ އިރު، ހުޅުމާލޭ ރެހެންދި ދަނޑު އެކެއްގައި ކުޅުނު މެޗުގައި ހދ. ނައިވާދޫން ނުކުތީ ށ. ފޯކައިދުއާ ދެކޮޅަށެވެ.

މެޗުގައި ނައިވާދޫން ވަނީ ރަނގަޅަށް ކުޅެ، 4-0 ގެ ނަތީޖާއަކުން ފޯކައިދޫ ބަލިކޮށް ފައިނަލް ޔަގީންކޮށްފައެވެ.

ނައިވާދޫގެ ގޯލުތައް ޖަހައިދިނީ އިސްމާއީލް ވަހީދާއި އަބްދުﷲ ވިސާމްގެ އިތުރުން ޔާމީން މުހައްމަދު (ޔާންޓެ) އާއި އަހުމަދު ހަމީދު (އަންމަޑޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނައިވާދޫގެ ގޯލު ބެލެހެއްޓި އަބްދުﷲ ސާމިންއެވެ.

ރެހެންދި ދަނޑު ދޭއްގައި މިރޭ ކުޅުނު ޒޯން އެކެއްގެ ސެމީގައި ށ. އަތޮޅުގެ ރަނަރަޕް، ކަނޑިތީމުން ވަނީ 2-1 ގެ ނަތީޖާއަކުން ހދ. ނޭކުރެންދޫ ބަލިކޮށްފައެވެ. ކަނޑިތީމަށް މެޗުގައި ދެ ގޯލުވެސް ޖަހައިދިނީ މިހާތަނަށް އައި އިރު، ތަފާތު މޮޅު ކުޅުމެއް މުބާރާތުގައި ދައްކަމުން އަންނަ އިބްރާހީމް ނަދާދު (ކުޑައްޓޭ) އެވެ. ނޭކުރެންދޫގެ ގޯލު ޖެހީ އެޓީމުގެ ކެޕްޓަން މުހައްމަދު ވިލްފެވެ.

މުބާރާތުގެ ޒޯން އެކެއްގެ ފައިނަލްގައި ހދ. ނައިވާދޫ އާއި ށ. ކަނޑިތީމު ވާދަކުރާ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:00 ގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މިފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.