ދިވެހިރާއްޖެ އިން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ކަނޑައެޅި ސަފީރު، އެ ގައުމުގެ ރައީސް މަހްމޫދު އައްބާސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
ރާއްޖެއިން ފަލަސްތީނަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު ހަލީލު ވަނީ އިއްޔެގެ ވަގުތެއްގައި އުރުދުންގައި ހުންނަ ފަލަސްތީނުގެ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަފީރުކަމުގެ ފަތްކޮޅު މަހްމޫދޫ އައްބާސަށް އަރުވައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުހައްމަދު ހަލީލު ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށާއި ފަލަސްތީނުގެ ވެރިރަށަކީ ގުދުސް ކަމަށް ހަދަން ރާއްޖެއިން ކުރާ ވަކާލާތު ހުއްޓާނުލާނެ ކަމަށެވެ. ފަލަސްތީނާ މެދު ދިވެހިން ހިތުގައި އަބަދުވެސް ހާއްސަ ކަމެއް އޮންނަކަމަށް އޭނާ ވިދާޅުވިއެވެ.
މަހްމޫދު އައްބާސް ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް ރާއްޖެއިން ކުރާ މަސައްކަތް ބަލައި ގަންނަ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަން ރާއްޖެއިން ކުރާ މަސައްކަތް ވެސް ބަލައި ގަންނަ ކަމަށެވެ.
މީގެ ކުރިން 2011 ވަނަ އަހަރުވެސް ރާއްޖެއިން ވަނީ ފަލަސްތީނަށް ސަފީރަކު ކަނޑައަޅައިފައެވެ.
އެފަހަރު އެ މަގާމަށް އައްޔަންކުރެއްވީ މިހާރު އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލްއެވެ. ޑރ. ފަރަހަނާޒް އޭނާގެ ސަފީރުކަމުގެ ފަތްކޮޅު މަހްމޫދު އައްބާސަށް އެރުވުމުގެ ކުރިން އޭރުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެއާއެކު ޑރ. ފަރަހަނާޒްވެސް ވަނީ އޭރު ސަފީރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު