މަތީ ތައުލީމު ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފިއެވެ.
ހިރިލަންދޫ ސްކޫލުގެ 71 އަހަރު ފުރުން ފާހަގަކުރުމަށް މިހާރު އެރަށުގައި ބާއްވަމުން އަންނަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ގައުމީ ޔުނިވަސިޓީ އާއި މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީ އާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަ އިއްޔެއިން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ލެކްޗަރާއަކަށް އިތުރުގަޑިއާއެކު ކުރިން 18،680 ރުފިޔާ ލިބުނު އިރު، ގެނެވުނު ބަދަލުތަކާއެކު އިތުރު ގަޑިއާ ނުލައި 29،900 ރުފިޔާ މިހާރު ލިބޭނެ ކަމަށެވެ. މިއީ 59 ޕަސަންޓްގެ ކުރިއެރުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސީނިއާ ލެކްޗަރާއަކަށް މިހާރު އިތުރުގަޑިއާ އެކު 20،831 ރުފިޔާ ލިބޭއިރު، އެ މުސާރަ އިތުރު ގަޑިއާ ނުލައި 34000 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށާއި އެސިސްޓަންޓް ޕްރޮފެސަރެއްގެ މުސާރަ 23،500 ރުފިޔާއިން 39،400 ރުފިޔާއަށް އަދި އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ 26،000 އިން 45،000 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށެވެ.
ރައީސް ވަނީ މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގެ މެނޭޖުމެންޓް ލެވެލްގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތައް ގެނެސްދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޑީންއަކަށް ލިބެމުންދިޔަ 30،000 ރުފިޔާ 38،000 އަށް ބޮޑުކޮށްފައިވާ ކަމަށާއި ރަޖިސްޓްރާގެ މުސާރަ 32،0000 އިން 42،0000 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށާއި ޑެޕިއުޓީ ވައިސް ޗާންސެލާގެ މުސާރަ 39،000 އިން 48،000 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"767 މުވައްޒަފަކަށް މި ބަދަލު އަންނާނެ. އަޅުގަނޑުމެން 62 މިލިއަން ރުފިޔާ މިކަމަށް އެބަ ހޭދަކުރަން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރު މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ބަދަލު ގެނެސްފައި ވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުދައްރިސުންގެ މުސާރައަށެވެ. މިގޮތުން މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައެވެ.
މި އަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ އަންނަ މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.