މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ، އެންމެފަހުގެ ދެފަހަރުގެ ޗެމްޕިއަން ތ. ތިމަރަފުއްޓާއި އެންމެފަހުގެ ރަނަރަޕް ކ. ގާފަރު އަދި ދ. ކުޑަހުވަދޫން ޒޯން ފައިނަލް ޔަގީންކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރު ނިމި، މިހާރު ކުރިއަށްދަނީ ޒޯން ބުރެވެ. ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މިރޭ ފުރަތަމަ ކުޅުނީ ޒޯން ހަތަރެއްގެ ދެ މެޗެވެ. އެ ޒޯނުގައި މިރޭ މ. ދިއްގަރުން 4-0 އިން އެ އަތޮޅު ނާލާފުށި ބަލިކުރި އިރު، އދ. މާމިގިލިން ވަނީ 3-1 އިން އދ. މަހިބަދޫ ބަލިކޮށްފައެވެ.

މިރޭގެ ނަތީޖާތަކާއެކު މާމިގިއްޔަށް ވަނީ ޒޯން ފައިނަލް ޔަގީންވެފައެވެ. ދެ މެޗުން މާމިގިއްޔަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ފައިނަލްގެ ދެވަނަ ޖާގަ ޔަގީންވާނީ ގްރޫޕްގެ ފަހު ދެ މެޗުގެ ތެރެއިން މަހިބަދޫއާއި ދިއްގަރުން ވާދަކުރާ މެޗުގެ ނަތީޖާއިންނެވެ. ދިއްގަރާއި މަހިބަދުއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، އެ ދެޓީމަށްވެސް ފައިނަލްގެ ފުރުސަތު އެބައޮތެވެ. ގްރޫޕުން މިހާތަނަށް ޕޮއިންޓެއް ނުލިބި އޮތީ ނާލާފުއްޓަށެވެ. އެޓީމު ވަނީ ކަޓައިފައެވެ.

މިރޭ ދިއްގަރުން ކުޅުނު މެޗުގައި ގޯލުތައް ޖަހައިދިނީ އިބްރާހީމް ރިއްފަތުގެ އިތުރުން އަހުމަދު މިދުހަތު މަހުމޫދެވެ. ރިއްފަތު ވަނީ މެޗުގައި ހެޓްރިކް ހަދައި، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. މަހިބަދޫއާއި މާމިގިލި ވާދަކުރި މެޗުގައި ހިސާމް ސަލީމް (ކޮކީ) ދެ ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖަހައިދިނީ އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. މަހިބަދޫގެ ހަމައެކަނި ގޯލު ޖެހީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑު) އެވެ.

މިރޭ ދެން ކުޅުނީ ޒޯން ފަހެއްގެ ދެ މެޗެވެ. އެ ޒޯނުގައި މިރޭ ކުޅުނު މެޗުތަކަށް ނުކުތް އިރު، ދ. ކުޑަހުވަދޫއާއި ތ. ތިމަރަފުށި އޮތީ ފުރަތަމަ ކުޅުނު މެޗުތަކުން މޮޅުވެފައެވެ. އެހެންކަމުން މިރޭގެ މެޗުތަކުން މޮޅުވެ، ދެޓީމަށްވެސް ފައިނަލް ޔަގީން ކުރެވެން އޮތެވެ.

މިރޭ ތ. ތިމަރަފުށިން ކުޅުނު މެޗުގައި މިރޭ ފ. އަތޮޅު ޗެމްޕިއަން މަގޫދޫ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އަލީ ޝިފާއު (ރޮނާ) ދެ ގޯލު ޖެހި އިރު، ތިމަރަފުށީގެ އަނެއް ގޯލު ޖެހީ އާދަމް ނާސިހު (އާދަންނާ) އެވެ. އެ ޒޯންގެ އަނެއް މެޗުގައި ކުޑަހުވަދޫން 3-0 އިން ތ. ކިނބިދޫ ބަލިކުރި އިރު، ކުޑަހުވަދޫގެ ގޯލުތައް ޖެހީ މޮޅަށް ކުޅުނު ޖުމައިލް ޖަމީލް (ޖުމްބެ) އާއި ހާރޫން އިބްރާހީމް (ހާންޑޯ) އަދި މާޔިޒް ވަހީދެވެ.

ކ. ގާފަރުން ޒޯން ތިނެއްގައި މިރޭ ކުޅުނު މެޗުގައި 3-1 އިން ކ. ދިއްފުށި ބަލިކުރި އިރު، ގާފަރަށް ވަނީ ދެ މެޗުން ދެ މޮޅާއެކު ޒޯން ފައިނަލް ޔަގީންކޮށްފައެވެ. ކ. އަތޮޅުގެ ފައިނަލްގައި ވާދަކުރި ދިއްފުއްޓާއި ގާފަރު މިރޭ ކުޅުނު މެޗުވެސް ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، ގާފަރުން ވަނީ ދިއްފުށި ކައިރިން ފައިނަލް މެޗުގެ ބަދަލު ހިފައިފައެވެ. ގާފަރުން މެޗުގައި ޖެހި ތިން ގޯލުވެސް ނާއިހު މުފީދު (ނާހު) ޖަހައިދިން އިރު، ދިއްފުށީގެ ގޯލް ޖަހައިދިނީ އަހުމަދު މާޒިންއެވެ.

އެ ޒޯނުގައި ރޭ އއ. ބޮޑުފޮޅުދޫއާއި ޅ. ކުރެންދޫ ވާދަކުރި މެޗު 3-3 އިން އެއްވަރުވެގެން ނިމުމާއެކު ގްރޫޕްގެ ފަހު ދެ މެޗަށްދާ އިރު، ބޮޑުފޮޅުދޫއާއި ކުރެންދޫގެ އިތުރުން ދިއްފުއްޓަށްވެސް އަދި ޒޯން ފައިނަލަށް ފުރުސަތު އެބައޮތެވެ. އެ ޒޯނުގައި ގާފަރުން ދެން ނުކުންނާނީ ކުރެންދޫއާ ދެކޮޅަށެވެ. ދިއްފުށިން ނުކުންނާނީ ބޮޑުފޮޅުދޫއާ ދެކޮޅަށެވެ.

މިރޭ ބޮޑުފޮޅުދޫގެ ގޯލުތައް ޖަހައިދިނީ ރުހުޝާން ޖަމީލާއި ޖާދުﷲ އަހުމަދުގެ އިތުރުން އަލީ ޝާނީޒެވެ. ކުރެންދޫގެ ގޯލެއް ބޮޑުފޮޅުދޫގެ ހުސައިން ނަވާޒް އަތުން ބައިކޮޅަށް ވަން އިރު، އެޓީމުގެ އަނެއް ދެ ގޯލު ޖަހައިދިނީ މުހައްމަދު ނަބީހާއި މުހައްމަދު ރަފްހާނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މިފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މުބާރާތުގެ ޒޯން ބުރުގެ އިތުރު މެޗުތައް މާދަމާ ރޭވެސް ކުރިއަށްދާނެއެވެ.

20:00 ހދ. ނައިވާދޫ - ށ. ފޯކައިދޫ / ޒޯން 1، ސެމީ ފައިނަލް (ގްރައުންޑް 1)

20:00 ށ. ކަނޑިތީމު - ހދ. ވައިކަރަދޫ / ޒޯން 1، ސެމީ ފައިނަލް (ގްރައުންޑް 2)

21:00 ހުޅުމާލެ - މައްޗަންގޮޅި / ޒޯން 8 (ގްރައުންޑް 1)

21:00 ވިލިމާލެ - މާފަންނު / ޒޯން 8 (ގްރައުންޑް 2)

22:00 ލ. ގަން - ގއ. ނިލަންދޫ (ގްރައުންޑް 1)

22:00 ގދ. ވާދޫ - ގއ. މާމެންދޫ (ގްރައުންޑް 2)