މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ލޯފަން މީހުންނަށް އަމިއްލަޔައަ ކެންޑިޑޭޓުގެ ނަމާ ދިމާގައި ފާހަގަ ޖެހުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
އިންތިހާބުތަކުގައި ވޯޓުގެ ސިއްރުކަން ހިފެހެއްޓުން ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ބްލައިންޑް އެސޯސިއޭޝަނުން މިއަދު ވަނީ ފާޅުކޮށްފައެވެ.
އީސީގެ ނައިބު ރައީސް ހަބީބު އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލޯފަން މީހުންނަށް އެމީހުން ބޭނުންވާ ކެންޑިޑޭޓަކަށް ފާހަގަ ޖެހުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"ރިޔާސީ އިންތިހާބު 2023 ގައި، ލޯފަން ބޭފުޅުންނަށް، އެ ބޭފުޅަކު އިހުތިޔާރުކުރާ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި އެ ބޭފުޅަކު އަމިއްލަފުޅަށް ފާހަގަ ޖެހުމުގެ ފުރުސަތު ލިބިގެންދާނެ،" ހަބީބު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ބައްދަލުކުރުމަށް ފަހު، މަޖިލީހުގެ އިދާރާގައި ބްލައިންޑް އެސޯސިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެސޯސިއޭޝަންގެ ނައިބު ރައީސް ހުސެއިން ޝަރީފް ބުނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ސިއްރުން ވޯޓުލުމުގެ ހައްގުން އެ ފަރާތްތައް ވަނީ ޒަމާނުއްސުރެ މަހުރޫމްވެފައި ކަމަށެވެ.
އޭނާ ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު ވޯޓުލާނެ ނިޒާމެއް ގާއިމުކޮށްދޭނެ ކަމަށް އީސީން ބުންޏަސް އެކަން އަދި މިހާތަނަށް ހަގީގަތަކަށްވެފައިނުވާ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ލޯފަން މީހުންނަށް ވޯޓުލެވޭނެ ގޮތާ ބެހޭ ނަމޫނާއެއް ވެސް އޭނާ ވަނީ ނޫސްވެރިންނަށް ދައްކާލައިފައެވެ.
ވޯޓު ކަރުދާހާ އެއް ސައިޒަކަށް؛ ހާޑް މެޓީރިއަލްއަކުން ތައްޔާރުކޮށްފައިވާ އެ ސާމްޕަލްގައި، ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލަށް ހެޔޮ ފާހަގަ ޖަހާ ގޮތަށް ގޮޅިތައް ކަފާފައިވެއެވެ. އެކަމުގެ ބޭނުމަކީ ލޮލަށް ނުފެންނަ މީހުން އޭގެ މަތީގައި އަތް ޖައްސަައިގެން، ބޭނުންވާ ކެންޑިޑޭޓެއްގެ ނަންބަރާ ދިމާލުގައި ފާހަގަ ޖެހުމެވެ.
ހުސައިން ވިދާޅުވީ އެފަދަ ކަރުދާހެއް ތައްޔާރުކުރުމަކީ މާ ބޮޑު ހަރަދެއް ދާނެ ކަމެއް ނޫން ކަމަށާއި ނަމަވެސް ދައުލަތަށް އެ ހަރަދު ކުރެވެން ނެތް ނަމަ، އެ ޖަމިއްޔާ އިން ފައިސާ ހޯދައިގެން ވެސް އެކަން ކުރަން ތިބީ ތަައްޔާރަށް ކަމަށެވެ.
ހުސެއިންގެ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެކަން އެގޮތަށް ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އޭނާގެ ވާހަކައަށް ބަލާއިރު އެކަން ކުރަން ވަރަށް ފަސޭހަ ވާނެ ކަމަށާއި "އަޅުގަނޑަށް ފެންނަ ތަނުގައި މިކަން އަޅުގަނޑުމެން ނުކުރަންވީ އެއްވެސް ސަބަބެއް ވެސް ނެތް،" ކަމަށް ނަޝީދު ވިދާޅުވިއެެވެ. އަދި އެކަން އެގޮތަށް ކޮށްދިނުމަށް ހުރިހާ އިދާރާއަކުން ބާރު އެޅުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު