ވިލިމާލެއާއި މާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް މާލޭ ސިޓީ ކައުންސިލުން ލުއިތަކެއް ދީފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ހަތަރު މަސްދުވަހަށް ވިލިމާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ކުލި މައާފުކޮށްދީ، ހަތަރު މަސްދުވަހަށް މާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކުގެ ކުލިން 30 ޕަސަންޓް ކުޑަކޮށްދިނުމާއެކު މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ އެއްބަސްވުން އިތުރު އެއްއަހަރަށް އާ ކުރަން ނިންމާފައިވާ ކަމަށެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެގޮތަށް ނިންމީ ވިލިމާލޭގެ ލޯކަލް މާރުކޭޓަކީ އަލަށް އެރަށުގައި ގާއިމުކުރި ތަނަކަށްވުމުން ގޮޅި ހިންގާ ފަރާތްތަކަށް ލުއި ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި މާލޭގައި މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ލުއި ދޭން ނިންމާފައިވަނީ ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި މާރުކޭޓު ހިންގާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"ވިލިމާލޭގައި އަލަށް ފަށާ ތަނެއްވީމަ އެސްޓަބްލިޝްވުމަށްދޭ ލުޔެއްގެ ގޮތުގައި ހަތަރުމަސް ރެންޓް ފްރީކޮށް މިދެވެނީ، މާލޭގައިވެސް ބޮޑު ހަރަދުތަކެއް ހިނގަމުންދާ އަދި ތަކެތީގެ އަގުބޮޑުވެގެންދާ ދުވަސްވަރެއްވީމަ ކޮންމެވެސް ވަރެއްގެ ލުޔެއްދިނުމަށް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ވިލިމާލެ އަދި މާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ލުއިތަކެއް ދޭން ނިންމާފައިވަނީ އެ ފަރާތްތަކުންވެސް އެގޮތަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު