ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޝާހިދު އިންޑިއާއަށް ވަޑައިގެންނެވީ ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަށް ވަނަ ރައިސީނާ ޑަޔަލޮގުގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށާއި އެ ކޮންފަރެންސް މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

އިންޑިއާއަށް ވަޑައިގެންނެވުމާއެކު އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް ވެރިންނެވެ.

މިއަހަރުގެ ކޮންފަރެންސް އަމާޒުކޮށްފައިވަނީ، "ހާޓް އޮފް ދަ މެޓަރ: ލައިފް (ލައިފްސްޓައިލް ފޯ އެންވަޔަރަމަންޓް) ފޯ އަވަރ ކޮމަން ފިއުޗާ" އާ ގުޅުވައިގެންނެވެ. އެ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެއެވެ.

މިނިސްޓަރު ޝާހިދު ވަނީ މިދިޔަ މަހުގެ ތެރޭގައި ސްރީލަންކާއަށް ވެސް ވަޑައިގަންނަވައިފައެވެ. ޝާހިދު އޭރު ލަންކާއަށް ވަޑައިގެންނެވީ އެގައުމުގެ ފޮރިން މިނިސްޓަރު އަލީ ސަބްރީގެ ދައުވަތަކަށް އެގައުމުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.