މާލޭގެ ކޮޓަރިއެއްގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގީރާ އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއު ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމުން އެއްބައި ހައިކޯޓުން އުނިކޮށްފިއެވެ.
އެ މައްސަލާގައި ރަފީއު ކުރިމިނަލް ކޯޓުގައި ކުށަށް އިއުތިރާފުވީ ހުސްވި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 18 ގައި ސިއްރުކޮށްގެން އެ ކޯޓުގައި ކުރިއަށްދިޔަ އިބްތިދާއީ އަޑުއެހުމުގައެވެ. އޭގެ ފަހުން އޭނާ ވަނީ އާންމުންގެ ކިބައިން މައާފަށް އެދި ބަޔާނެއްވެސް ނެރިފައެވެ.
އެ މައްސަލައިގައި އޭނާ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށް، އޭގެ ތެރެއިން އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ އެއް އަހަރާއި އެއްމަހާއި 28 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކަނޑައެޅިއެވެ.
މި މައްސަލަ ރަފީއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ، އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ ހިލާފަށް ދެގުނަ ބޮޑުކޮށް ކަމަށް ބުނެއެވެ.
އެހެންކަމުން ހައިކޯޓުގައި އޭނާ އެދިފައި ވަނީ އޭނާ ތަންފީޒު ކުރަންޖެހޭ އަދަބުގެ މިންވަރަކީ ހަތް މަހާއި ހަ ދުވަސް ކަމަށް ކަނޑައަޅުއްވައިދީ، އޭގެ ތެރެއިން ތަހުގީގުގެ ބަންދާއި، ހުކުމާއި ގުޅިގެން ޖަލުގައި ހޭދަކުރި ދުވަސްތައް އުނިކޮށްދެއްވުމަށެވެ.
މި މައްސަލަ ބެލުމަށްފަހު، ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ކުރިމިނަލް ކޯޓުންކުރި ހުކުމުގެ އަދަބު ކަނޑައެޅިބައި ބާތިލުކޮށް، އެ މައްސަލަ އިސްތިއުނާފުކުރާ ފަރާތުގެ އިއުތިރާފުން ސާބިތުވެފައިވާތީ، އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ މި ކުށުގެ އަދަބަކީ އެއް އަހަރު ދުވަހަށް ޖަލަށްލުން ކަމަށް ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު