ހުޅުމާލޭގެ "ޖޫސް ޓައިމް" ކެފޭއަށް ވަދެ، އެތަނަށް ގެއްލުންދިން މައްސަލައާ ގުޅިގެން ހުޅުމާލޭގެ އެޕާޓުމެންޓެއް ބަލައި ފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފިއެވެ.
ޖޫސްޓައިމް އަށް ވަދެ ބަޔަކު ގެއްލުންދިނީ މި މަހުގެ 17 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ހުޅުމާލެ ޖޫސް ޓައިމްއަށް ބަޔަކު ވަދެ ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނުމާ ގުޅިގެން އަންހެނަކު ހިމެނޭހެން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އެންމެނަކީވެސް ދިވެހިން ކަމަށާއި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ހުޅުމާލޭގައި ހިންގާ އެ ކެފޭއަށް ވަދެ، ގެއްލުން ދޭ މަންޒަރު ފެންނަ ވީޑިއޯ ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. މޫނު ނުފެންނަހެން ހެލްމެޓު އަޅައިގެން ތިބި ދެ ފިރިހެނަކު ކެފޭގެ ތެރެއަށް ވަދެ، މަރުތޭލަކުން ގެއްލުން ދޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި ކެފޭގެ ވަތްގަނޑުން އެއްޗެއް ނަގައި، ޖީބަށް ލާ ތަންވެސް ފެނެއެވެ.
އެ ކެފޭއަށް ގެއްލުން ދިނުމަށްފަހު، އެމީހުން ސައިކަލަކަށް އަރައިގެން ދާ މަންޒަރު ވެސް އެހެން ވީޑިއޯއަކުން ފެނެއެވެ. އެ ކެފޭއަށް ވަދެ އެ ދެ މީހުން ގެއްލުން ދިން އިރު، އެ ސަރަހައްދުގައި މީހުން ވެސް ތިއްބެވެ. އެމީހުން ދުއްވި ސައިކަލް މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު