އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުގައި ބްރިސްޓަލް ސިޓީ ބަލިކޮށް، މެންޗެސްޓާ ސިޓީން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އިނގިރޭސި ދެވަނަ ޑިވިޝަނުގެ ބްރިސްޓަލް ސިޓީ ދަނޑުގައި ސިޓީން ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗު ޑޮމިނޭޓްކޮށް ސިޓީން ރޭ ކުޅެފައިވާ އިރު، ފަށައިގެން ހަތްވަނަ މިނެޓުގައި ލީޑު ނެގިއެވެ. ރިޔާދު މަހަރޭޒް ހުރަސްކުރި ބޯޅައަށް ކުރިއަށް އަރައި ފޮޑެން ޖެހި ގޯލުން ސިޓީން ލީޑު ނެގި އިރު، ފޮޑެންގެ ދެވަނަ ގޯލު ފެނުނީ ދެވަނަ ހާފުގައެވެ.

ދެވަނަ ހާފަށް ނުކުމެ، މެޗުގެ 74 ވަނަ މިނެޓުގައި ފޮޑެން ސިޓީގެ ދެވަނަ ގޯލު ޖެހީ ޖޫލިއަން އަލްވަރޭޒްގެ ޕާހަކުންނެވެ. ދެވަނަ ގޯލު ޖެހުމަށް ފޮޑެން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ބްރިސްޓަލްގެ ޑިފެންޑަރު މެކްސް އޯލެއަރީ ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

ސިޓީން މެޗުގެ ފަހުކޮޅުގައި ގިނަ ޕާސްތަކެއް ޖަހައިގެން ކުޅެފައިވާ އިރު، ތިންވަނަ ގޯލަކީ ކެވިން ޑި ބްރޭނާގެ ހިތްގައިމު ގޯލެކެވެ. އޭރިއާ ބޭރުން ޖާގަ ހޯދައި ޑި ބްރޭނާ ޖެހި ބޯޅަ ވައްދާލީ ގޯލުގެ ސީދާ ތިރީ ކަނަށެވެ.

ރޭގެ މެޗަށް ބްރިސްޓަލްއިން ނުކުތީ ރަނގަޅު ފޯމެއްގައި އޮވެގެންނެވެ. އެޓީމު ރޭގެ މެޗަށް ނުކުތް އިރު، އެންމެފަހުން ބަލިވެފައި އޮތީ މިދިޔަ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކުޅުނު 12 މެޗުގައިވެސް ބްރިސްޓަލް އޮތީ ބަލި ނުވެއެވެ.

ބްރިސްޓަލްގެ ފަރާތުން ރޭގެ މެޗުގައި ފެނުނު ހަމައެކަނި ނުރައްކާތެރި ހަމަލާ އުފެއްދީ އެލެކްސް ސްކޮޓެވެ. އޭނާ ފޮނުވާލި ބޯޅަ ސިޓީގެ ގޯލު ބެލެހެއްޓި ސްޓެފަން އޯޓޭގާ ވަނީ މަތަކޮށްފައެވެ.

އެފްއޭ ކަޕްގެ އިތުރު މެޗުތަކެއްވެސް ރޭ ކުޅެފައިވާ އިރު، ބްރައިޓަން އާއި ފުލްހަމްވެސް ވަނީ ކުއާޓާ ޔަގީން ކޮށްފައެވެ. ބްރައިޓަންއިން 1-0 އިން ސްޓޯކް ސިޓީ ބަލިކުރި އިރު، ފުލްހަމްއިން ވަނީ 2-0 ގެ ނަތީޖާއަކުން ޕްރިމިއާ ލީގުގެ ލީޑްސް ބަލިކޮށްފައެވެ. އޭގެ އިތުރުން ރޭ ދެން އެފްއޭ ކަޕްގައި ކުޅުނު މެޗުގައި ދެވަނަ ޑިވިޝަންގެ ބްލެކްބާން ރޯވާސްއިން ވަނީ ލެސްޓާ ސިޓީ ކަޓުވާލައިފައެވެ. އެމެޗުން ބްލެކްބާން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.