ކަކުލުގެ ލިގަމެންޓަށް އަނިޔާވެ ޗެލްސީގެ ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާ ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
އުމުރުން 38 އަހަރުގެ ޑިފެންޑަރު ސިލްވާގެ ކަކުލަށް އަނިޔާވީ ޗެލްސީން އެންމެފަހުން ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅެ، 2-0 އިން ބަލިވި މެޗުގައެވެ.
ސިލްވާއަށް ކުޅުމާ ދުރަށްދާން ޖެހިފައިވަނީ ކިހާ ދުވަހަކަށްކަމެއް ޗެލްސީން ބުނެފައި ނުވި ނަމަވެސް، އާންމުކޮށް ކަކުލުގެ ލިގަމެންޓަށް އަނިޔާވާ ކުޅުންތެރިން ދެ މަހެއްހައި ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހެއެވެ.
ސިލްވާއަށް އަނިޔާވުން ވެގެންދާނީ ޗެލްސީއަށް އިތުރު ބޮލުރިހުމަކަށެވެ. ޗެލްސީން ލީގުގައި އުނދަގޫ ހާލަތެއްގައި އޮތް އިރު، އެ ޓީމު މިހާރު އޮތީ އެފްއޭ ކަޕާއި ލީގު ކަޕުންވެސް ކަޓައިފައެވެ. ޗެލްސީއަށް މި ސީޒަނުގައި ހޯދެން އޮތީ ހަމައެކަނި ޗެމްޕިއަންސް ލީގު ތަށްޓެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޗެލްސީން ޑޯޓުމަންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ބަލިވެފައި އޮތް އިރު، އަންނަ ހަފުތާ އޮތް ރިޓާން ލެގުގައި ސިލްވާއަށް ނުކުޅެވޭނެކަން މިހާރު ވަނީ ޔަގީން ވެފައެވެ.
ސިލްވާއަކީ ޗެލްސީއަށް އެންމެ މުހިއްމު އެއް ޑިފެންޑަރެވެ. އެޓީމަށް ޖެނުއަރީގައި ގެންދިޔަ ކުޅުންތެރިންގެ ތެރެއިން ބެނޮއިޓް ބަޑިއެޝޭލީ ޗެމްޕިއަންސް ލީގުގެ ސްކޮޑަށް އިތުރު ކޮށްފައިވެސް ނުވާ އިރު، ސިލްވާ ގެއްލުން ވެގެންދާނީ ހުރިހާ ގޮތަކުންވެސް ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާއަށް ކުރިމަތިވާނެ ބޮޑު ޕްރެޝަރަކަށެވެ.
ސިލްވާ ވަނީ ކުރިއަށް އޮތް ސީޒަނަށް ޗެލްސީއާއެކު މަޑުކުރަން މިދިޔަ މަސް ތެރޭގައި އެއްބަސްވުންވެސް އާކޮށްފައެވެ. މިދިޔަ ދެ ސީޒަނެއްގެ ތެރޭގައި ސިލްވާއަކީ ޗެލްސީއަށް އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިޔާއެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ