މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ޒޯން ބުރުގައި މިރޭ ކުޅުނު މެޗުތަކުން ށ. ފޯކައިދޫގެ އިތުރުން ލ. ގަމާއި ގދ. ވާދޫ، ވިލިމާލެ އަދި މާފަންނު މޮޅުވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރު ނިމި، މިހާރު ކުރިއަށްދަނީ ޒޯން ބުރެވެ.

ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މިރޭ ފުރަތަމަ ކުޅުނީ ޒޯން އެކެއްގެ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗެވެ. އެ ޒޯނުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ އިރު، ގްރޫޕް އެކެއްގައި މިރޭ ހދ. ނައިވާދޫން ހއ. އުތީމާ ދެކޮޅަށް ކުޅުނު މެޗުވީ 1-1 އިން އެއްވަރެވެ.

މިރޭގެ މެޗަށް ނުކުތް އިރު، އުތީމަށް ޒޯނު ސެމީއަށް ދެވެން އޮތީ ބޮޑު ތަފާތަކުން މޮޅުވެގެން އެކަންޏެވެ. މެޗުގައި އަހުމަދު އައިހަމް ޖެހި ގޯލުން އުތީމުން ރަނގަޅަށް ފެށި ނަމަވެސް، ނައިވާދޫން ވަނީ އަބްދުﷲ ވިސާމް ޖެހި ގޯލުން އެއްވަރުކޮށް، އެޓީމަށް ސެމީ ޔަގީން ކޮށްދީފައެވެ. ނައިވާދޫ ސެމީއަށް ދިޔައީ ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ދެން އެ ގްރޫޕުން ޒޯން ސެމީއަށް ދިޔައީ ހދ. ނޭކުރެންދޫއެވެ.

ޒޯން އެކެއްގެ ދެވަނަ ގްރޫޕްގެ ފަހު މެޗުގައި މިރޭ ފޯކައިދޫން ވަނީ ފިއްލަދޫ 4-3 އިން ބަލިކޮށް، ޒޯން ސެމީ ޔަގީން ކޮށްފައެވެ. މެޗުގައި ފޯކައިދޫގެ މުހައްމަދު ރިސްވާން (ފުކޭ) ދެ ގޯލު ޖެހި އިރު، އިބްރާހީމް މުޝީރާއި އަހުމަދު ޝަމާލްވެސް ގޯލު ޖެހިއެވެ. ފިއްލަދޫގެ ގޯލުތަކުގެ ތެރެއިން ދެ ގޯލު އާދަމް އަބްދުލް ރަހީމް ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު ހުސާމެވެ.

ފޯކައިދޫން ދެވަނަ ޓީމުގެ ގޮތުގައި ޒޯން ބުރުގެ ސެމީއަށް ދިޔަ އިރު، އެ ގްރޫޕުން ސެމީއަށް ދިޔަ އަނެއް ޓީމަކީ ށ. ކަނޑިތީމެވެ. ކަނޑިތީމަށް ގްރޫޕް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ޒޯން އެކެއްގެ މެޗުތަކަށްފަހު މިރޭ ދެން ކުޅުނީ ޒޯން ހައެއްގެ ދެ މެޗެވެ. ޒޯން ހައެއްގައި ލ. ގަމުން ގއ. މާމެންދޫ ކައިރިން 3-1 އިން މޮޅުވި އިރު، ގދ. ވާދޫން ވަނީ 4-0 އިން ގއ. ނިލަންދޫ ބަލިކޮށްފައެވެ.

ގަމާއި ވާދޫ ގްރޫޕްގައި ފުރަތަމަ ކުޅުނު މެޗުގައި އެއްވަރު ވެފައި އޮތް އިރު، މިރޭ ހޯދި މޮޅާއެކު ވަނީ ޒޯން ފައިނަލާ ގާތަށް ޖެހިލައިފައެވެ. ގަމުން މިރޭ ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖެހީ އަހުމަދު ހަލީމް (އަންމަޑޭ) އާއި އަލީ ޝާމިސް (ތޮއްޕެ) އެވެ. މެޗުގައި އަންމަޑޭ ދެ ގޯލު ޖެހި އިރު، މާމެންދޫގެ ގޯލު ޖެހީ ނަޒީފް ޝަރީފެވެ.

ވާދޫން ނިލަންދޫ ކޮޅަށް ގޯލު ޖެހީ އަޔާޒް އަހުމަދު (އަޔާ) އާއި އިބްރާހީމް ޝާއުފް އަހުމަދު އަދި މުހައްމަދު ނާއިލެވެ. އަޔާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

އެ ޒޯން ތާވަލަށް ބަލާ އިރު، ވާދޫ އާއި ގަންވެސް ވަނީ ކޮންމެ ޓީމެއް ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފައެވެ. މާމެންދޫން ދެ މެޗުން ތިން ޕޮއިންޓް ހޯދާފައިވާ އިރު، ކަޓާފައިވާ ނިލަންދުއަށް ދެ މެޗުން ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ގަމުން ދެން ކުޅެން އޮންނާނީ ނިލަންދުއާ ދެކޮޅަށެވެ. އަދި ވާދޫން ދެން ނުކުންނާނީ މާމެންދުއާ ދެކޮޅަށެވެ.

މާލޭ ޒޯނުގައި ފުރަތަމަ ކުޅުނު ދެ މެޗުވެސް އެއްވަރުވެފައި އޮތް އިރު، މިރޭގެ މެޗުތަކުން މޮޅުވީ މާފަންނާއި ވިލިމާލެއެވެ. މިރޭ ވިލިމާލެއިން މައްޗަންގޮޅި 8-4 އިން ބަލިކުރި އިރު، މާފަންނުން ވަނީ 7-3 އިން ހުޅުމާލެ ބަލިކޮށްފައެވެ.

މާލޭގެ ޓީމުތައް ހިމެނޭ ޒޯން އަށެއްގައި މިހާތަނަށް މައްޗަންގޮޅިއާއި ވިލިމާލެ ހަތަރު ޕޮއިންޓާއެކު އޮތް އިރު، ޕޮއިންޓަކާއެކު އޮތް ހުޅުމާލެއާއި ވިލިމާލެއަށްވެސް އަދި ޒޯން ފައިނަލަށް ފުރުސަތު އެބައޮތެވެ. މާލޭ ޒޯންގެ ފައިނަލަށް ދާ ޓީމުތައް ޔަގީންވާނީ ފަހު މެޗުތަކަށްފަހުއެވެ.

މިރޭ ވިލިމާލެއިން މައްޗަންގޮޅި ކޮޅަށް ގޯލުތައް ޖެހީ އަބްދުﷲ ޝައްފާން (ޝާކާ) އާއި އިސްމާއީލް ވަޖީހް (ވައްޖެ) އަދި ހަސަން އިބްރާހީމެވެ. ހަސަން އިބްރާހީމާއި ޝާކާވެސް ދެ ގޯލު ޖެހި އިރު، މެޗުގައި ވައްޖެ ހެޓްރިކް ހެދިއެވެ.

މައްޗަންގޮޅީގެ ގޯލުތައް ޖެހީ ހުސައިން ސަވީލާއި ރިލުވާން ވަހީދު (ރިލޭ)، އިސްމާއީލް ޒާން އާމިރު އަދި ހުސައިން ޝާވިންއެވެ.

މާފަންނުން ހުޅުމާލެ ކޮޅަށް ގޯލުތައް ޖެހީ ހުސައިން ސުހައިލް (ސޮކޭ) އާއި މުހައްމަދު ޔަފާއު އަދި ހުސައިން އަފްސަލް (އޮޒިލް) އެވެ. ސޮކޭ މެޗުގައި ހަތަރު ގޯލު ޖެހި އިރު، އޮޒިލް ވަނީ ދެ ގޯލު ޖަހައިފައެވެ. ހުޅުމާލޭގެ ތިން ގޯލުވެސް ޖަހައި މުސްތަފާ ވަނީ ހެޓްރިކް ހަދައިފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މިފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މުބާރާތުގެ ޒޯން ބުރުގެ އިތުރު މެޗުތައް މާދަމާ ރޭވެސް ކުރިއަށްދާނެއެވެ.