ޚަބަރު

ހުކުރު މިސްކިތުގެ މަހާނަ ގާތަކަށް ގެއްލުންވާތީ ގަސްތައް ހުޅުމާލެއަށް ބަދަލުކުރަނީ

މުހައްމަދު އިޝާން

1

ހުކުރު މިސްކިތުގައި ހުރި ގަސްތަކުގެ ސަބަބުން މަހާނަ ގާތަކަށް ގެއްލުންވާތީ، އެ ގަސްތައް ހުޅުމާލެއަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެ މިސްކިތުގެ ދެކުނު ފަރާތަށްވާ ގޮތަށް ހުރި ގަސްތަކުގެ ސަބަބުން ގަބުރުސްތާނުގެ މާހަނަ ގާތަކަށް އެކި ވަރުގެ ގެއްލުން ލިބެމުންދާ ކަމަށެވެ. އެހެންވެ އެ މިސްކިތުގައި ހުރި ގަސްތައް ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރު ޕާކަށް ބަދަލުކުރަން ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"މަހާނަ ގާތަކަށް އެކި ވަރުގެ ގެއްލުން ލިބެމުންދާތީ މި ގަސްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މި މަރުކަޒާއި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ގަސްތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވާ ޕާކްއަށެވެ..،" ހެރިޓޭޖުން ބުންޏެވެ.

މާލެ ހުކުރު މިސްކިތް ބަލަހައްޓަމުން އަންނަނީ ހެރިޓޭޖް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އެ މިނިސްޓްރީން އަންނަނީ ދޭތެރެ ދޭތެރެއިން މިސްކިތް މަރާމާތުކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތް ވެސް ކުރަމުންނެވެ.

ރާއްޖޭގައި ހުރި އާސާރީ ބިނާތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ބިނާއަކީ ހުކުރު މިސްކިތެވެ. އެ މިސްކިތް ބިނާކުރީ މީލާދީން 1656 ވަނަ އަހަރެވެ. ހުކުރު މިސްކިތަށް މިހާރު ވަނީ 364 އަހަރަށްވުރެ ގިނަ އަހަރުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟