މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ޒޯން ބުރުގައި ރޭ ކުޅުނު މެޗުތަކުން ރ. އިނގުރައިދޫ، ދ. ކުޑަހުވަދޫ، ކ. ގާފަރާއި ދިއްފުށީގެ އިތުރުން އދ. މާމިގިއްޔާއި މަހިބަދޫ އަދި ޏ. ފުވައްމުލަކު ދަޑިމަގު މޮޅުވެއްޖެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ އަތޮޅު ބުރު ނިންމައި، މިހާރު ކުރިއަށްދަނީ ޒޯން ބުރުގެ މެޗުތަކެވެ. ޒޯން ބުރުގައި 8 ޒޯނެއްގެ މެޗުތައް މިހާރު ހުޅުމާލޭ ރެހެންދި ޓާފް ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ ޖުމުލަ 8 މެޗެއް ކުޅެފައެވެ. އެއީ ޒޯން ތިނެއްގެ ދެމެޗާއި، ޒޯން ހަތަރެއް ދެމެޗު، ޒޯން ފަހެއްގެ ދެމެޗުގެ އިތުރުން ޒޯން ދޭއްގެ މެޗަކާއި ޒޯން ހަތެއްގެ މެޗެވެ.
ޒޯން ތިނެއްގައި ހަތަރު ޓީމުން ވާދަކުރަމުން އަންނަ އިރު، ރޭ ވަނީ ހަތަރު ޓީމުވެސް ކުޅެފައެވެ. އެ ޒޯނުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ކ. ގާފަރުން ވަނީ އއ. ބޮޑުފޮޅުދޫ 4-2 އިން ބަލިކޮށްފައެވެ. އަދި އެ ޒޯނުގައި ރޭ ކުޅުނު އަނެއް މެޗުގައި ޅ. ކުރެންދޫ އަތުން ކ. ދިއްފުށި މޮޅުވީ 5-1 އިންނެވެ.
އަތޮޅު ޗެމްޕިއަންކަން ގެއްލުނު ގާފަރުން ރޭގެ މެޗުގައި ކާމިޔާބުކުރި ގޯލުތައް އެޓީމަށް ޖަހައިދިނީ އަލީ މާއިސް (މައްޓު) އާއި ނާއިހު މުފީދުގެ އިތުރުން އިބްރާހީމް ރިމާހެވެ. މެޗުގައި ރިމާހް ދެ ގޯލު ޖެހި އިރު، ބޮޑުފޮޅުދޫގެ އެއް ގޯލަކީ ގާފަރުގެ ސާމިން މުހައްމަދު ނަސީރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެޓީމުގެ އަނެއް ގޯލަކީ ރުހުޝާން ޖަމީލް ޖަހައިދިން ގޯލެކެވެ.
ދިއްފުއްޓަށް ރޭގެ މެޗުގައި ޝައިހާން ފާއިޒް ދެ ގޯލު ޖަހައިދިން އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ އަހުމަދު މާޒިންނާއި ރިލުވާން ރަޝީދެވެ. ކުރެންދޫގެ އަބްދުﷲ ވާހިދު (ވާޑު) އަތުން މެޗުގައި ބައިކޮޅަށް ގޯލެއް ވަދެފައިވާ އިރު، ކުރެންދޫން ޖެހި ގޯލު ޖެހީ އަލީ އިބްރާހީމެވެ.
ޒޯން ފަހެއްގައި ރޭ ދެމެޗު ކުޅެފައިވާ އިރު، ދ. ކުޑަހުވަދޫން 4-2 އިން ފ. މަގޫދޫ ބަލިކުރިއެވެ. އަދި ތ. އަތޮޅުގެ ފައިނަލްގައި ކުޅުނު ދެޓީމުގެ ކުރިމަތިލުމުގައި ތ. ތިމަރަފުށިން ވަނީ ބަދަލު ހިފައި، 8-0 އިން ތ. ކިނބިދޫ ބަލިކޮށްފައެވެ.
ކުޑަހުވަދޫން މަގޫދޫ ކޮޅަށް ގޯލު ޖެހީ މާއިޒް ވަހީދާއި އަބްދުﷲ މުގުސިތު އަދި ހާރޫން ރަޝީދެވެ. މާއިޒް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. މަގޫދޫގެ ދެގޯލު ޖެހީ މޫސާ މާހިލް މިގުދާދެވެ. ތިމަރަފުށިން ކިނބިދޫ ކޮޅަށް ޖެހި އަށް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ އިބްރާހިމް ހަމްދާން (ހަމްދެ)އެވެ. އޭގެ އިތުރުން އަލީ ޝިފާއު (ރޮނާ) ހެޓްރިކެއް ހެދިއިރު، އަނެއް ގޯލު ޖެހީ އަހުމަދު ހައިލަމެވެ.
ޒޯން ހަތަރެއްގައި ރޭ އދ. މާމިގިލިން ވަނީ 3-1 އިން މ. ދިއްގަރު ބަލިކޮށްފައެވެ. އެ ޒޯނުގެ އަނެއް މެޗުން އދ. މަހިބަދޫން ވަނީ މ. ނާލާފުށި އަތުން 4-0 އިން މޮޅުވެފައެވެ.
ނާލާފުށި ކޮޅަށް މަހިބަދޫގެ ގޯލުތައް ޖެހީ ޝުއައިދު ސައީދާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އަދި އާދަމް ފަހުމާނެވެ. ޝައައިދު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ދިއްގަރާއި މާމިގިލި ވާދަކުރި މެޗުގައި މާމިގިލީގެ ގޯލުތައް ޖެހީ ހައިޝަމް އަރީފް، އަހުމަދު ނިޒާމް (ނިޒާމްބެ) އަދި އިބްރާހިމް ރިޒުހާން (ރިޒްކޮ) އެވެ. ދިއްގަރުގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު މިދުހަތު މަހުމޫދެވެ.
ޒޯން ދޭއްގައި ރ. އިނގުރައިދުއާއި ބ. އޭދަފުށި އެކަނި، އަދި ޒޯން ހަތެއްގައި ޏ. ފުވައްމުލަކު ދަޑިމަގާއި ސ. ފޭދޫ އެކަނި ވާދަކުރަމުންދާތީ އެ ދެ ޒޯންގައިވެސް ކުޅޭނީ ދެ ލެގުގެ ފައިނަލެކެވެ.
ރޭ ދެ ޒޯނުގެ ފައިނަލްގެ ފުރަތަމަ ލެގުވެސް ކުޅެފައިވާ އިރު، އިނގުރައިދޫން އޭދަފުށި ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ޒޯން ހަތެއްގައި ސ. ފޭދޫގެ މައްޗަށް ދަނޑިމަގު ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
އިނގުރައިދޫން އޭދަފުށި ބަލިކުރި މެޗުގައި އިނގުރައިދޫގެ އައިހަމް އަހުމަދު ވަނީ ދެ ގޯލު ޖަހައިފައެވެ. އަނެއް ގޯލު ޖެހީ ހަސަން މަމްދޫހެވެ. އޭދަފުށީގެ ހަމައެކަނި ގޯލު ޖެހީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. ދަނޑިމަގުން ފޭދޫ ބަލިކުރީ މުހައްމަދު ޔަތޫފް ގާސިމްގެ ދެގޯލާއި މުހައްމަދު ސާދު ނިޒާރު ޖެހި ގޯލުންނެވެ. ފޭދޫގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.
20:00 ހއ. އުތީމު - ހދ. ނައިވާދޫ/ ޒޯން 1 (ގްރައުންޑް 1)
20:00 ށ. ފޯކައިދޫ - ހއ. ފިއްލަދޫ/ ޒޯން 1 (ގްރައުންޑް 2)
21:00 ގދ. ވާދޫ - ގއ. ނިލަންދޫ/ ޒޯން 6 (ގްރައުންޑް 1)
21:00 ގއ. މާމެންދޫ - ލ. ގަން/ ޒޯން 6 (ގްރައުންޑް 2)
22:00 - މާފަންނު - ހުޅުމާލެ/ ޒޯން 8 (ގްރައުންޑް 1)
22:00 - ވިލިމާލެ - މައްޗަންގޯޅި/ ޒޯން 8 (ގްރައުންޑް 2)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް