އެމްޑީޕީގެ ރަނިން މޭޓެއް ހިމެނޭގޮތަށް، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނޫން ކެންޑިޑޭޓަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ވެރިކަމަށް ގެންނަން މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް، އެމްޑީޕީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން މިއަދު ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފިރިހެން މެންބަރަކު ނެރެން ޖެހިއްޖެ ހާލަތެއްގައި އެކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާން ޖެހޭނީ ފިރިހެން ސެކިއުރިޓީ އޮފިސަރުން ކަމަށް، މަޖިލިސް ގަވާއިދަށް ގެންނަ އިސްލާހަށް، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި ގަރާރުގެ ބަހުސްގެ ތެރެއިން އެކަން ފާހަގަ ކުރެއްވީ، ރައީސް ނަޝީދުގެ ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ހެންވޭރު ހުނޅަގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ހަސަން ލަތީފު ވިދާޅުވީ، "ކިހިނެއްތޯ ވާނީ އެހެން ޕާޓީއެއްގެ މެންބަރަކު އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ގޮތުގައި ހުންނަވައިފަ، އެމްޑީޕީގެ ރަނިންމޭޓަކާ އަދި އެމްޑީޕީ ހިއްސާވާ ސަރުކާރެއް އުފައްދައި އަޅުގަނޑުމެންގެ ބަސްބުނެވޭނެ އަޅުގަނޑުމެންގެ މަޝްވަރާއާއި ލަފާދެވޭނެ ކަހަލަ ސަރުކާރެއް އޮވެ ރައްޔިތުންނަށް ހިދުމަތްކުރަން ތިބުން،" ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތް ކުރައްވައި ހަސަން ލަތީފް ވިދާޅުވީ، އަޅުގަނޑުމެން ކެންޑިޑޭޓެއް ހޮވައިފިން ކަމަށާއި، އެ ކެންޑިޑޭޓް ފާހަގަ ކުރައްވާ އެންމެ ބޮޑު ނުކުތާއަކީ، ކޯލިޝަން ސަރުކާރެއް އުފެއްދުމުގެ ގާބިލުކަން ހުރި ވާހަކަ ކަމަަށެވެ.

ނަމަވެސް އެމަނިކުފާނަށް ކޯލިޝަން އުފެއްދެވޭތަން ނުފެންނަ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންނަކަށް ނުފެނޭ އެ ކޯލިޝަން އުފެއްދެވޭތަނެއް، އެހެންވެއްޖެއްޔާ އަޅުގަނޑުމެން އެމްޑީޕީއަށް އެ ބިރުވެރިކަން، ސަރުކާރަށް އައުމުގެ ފުރުސަތު ކިހާވަރަކަށްތޯ އޮތީ، ކޯލިޝަނަކާ ނުލައި އެކަނިމާއެކަނި ނުވަތަ އެމްޑީއޭ ކަހަލަ ކުޑަ ޕާޓީއަކާއެކު،"

އެހެންކަމުން އެ ކޯލީޝަން ނުއުފެއްދި އެމްޑީޕީއަށް ސަރުކާރަށް އާދެވެން ނެތްކަމށްވެސް ހަސަންލަތީފު ވިދާޅުވިއެވެ.

ނަމަވެސް "އަޅުގަނޑުމެން ދޫކޮށްލަންޖެހޭ އެއްޗެއް ދޫކޮށްލައިގެންވެސް އެހެން ޕާޓީތަކާ އެކު އެމްޑީޕީގެ ސަރުކާރެއް، މިހާރު އޮތް ސަރުކާރުގެ 40 ޕަސެންޓް އޮތް އިރު، އެއަށްވުރެން ރަނގަޅު ޕަސެންޓޭޖަކާ އެކީގައި އެމްޑީޕީއަށް ސަރުކާރަށް އާދެވިފައި، އެމްޑީޕީގެ ސިޔާސަތުތަކާއި އަސާސްތަކާއި އުސޫލުތައް ހިފެހެއްޓޭނެ ސަރުކާރެއް އުފެއްދުން އެއީ މާ މުހިއްމުކަމެއް،" ކަމަށްވެސް ވިދާޅުވިއެވެ.

ހަސަން ލަތީފު އިތުރަށް ވިދާޅުވީ، ނަމެއްގައި ރައީސުލްޖުމްހޫރިއްޔާއެއްގެ މަގާމުގައި މީހަކު ހުރުމަށްވުރެން، އެމްޑީޕީގެ އަސާސްތަކާއި އުސޫލު ތަކާއި، ސިޔާސަތުތައް ދެމެހެއްޓޭނެ ގޮތަކަށް ރާއްޖެ ހިންގައިގެން ނޫންގޮތަކަށް އެމްޑީޕީއަށް، އަދި ދިވެހި ރައްޔިތުންނަށްވެސް ކުރިއެރުމެއް ނެތް ކަމަށެވެ.

އެހެންކަމުން އެކަމާމެދު ޕާޓީގެ މެންބަރުން ވިސްނަން ޖެހޭ ކަމަށްވެސް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވިއެވެ.