މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ރޭ ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ އެ މިނިސްޓްރީން 18 މޭ 2022 ގައި ގެޒެޓްކުރި "ދިވެހި ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ގުޅޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށް އެކަނި ކަމަށެވެ.

ޕްރޮޕޯސަލް ފޮތާއި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ދެވޭ މައުލޫމާތު ކަރުދާސް މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ. އަދި މަލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ 10:00 ގައި އިސްލާމިކް މިނިސްޓްރީގެ މީޓިން ރޫމް އެކެއްގައި އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކުން އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީގެ ގޮތުގައި ނަގާ 10،000 ރުފިޔާ އިސްލާމިކް މިނިސްޓްރީއަށް ދައްކަން ޖެހެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "1444 ވަނަ އަހަރު ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައި ކަމަށެވެ.

ހައްޖަށް މީހުން ގެންދިއުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ، އަންނަ މަހުގެ 14 ވަނަ ދުވަހުގައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެފައިވާ ގޮތުގައި މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ލިބިފައިވަނީ 1،000 ކޯޓާއެވެ. ނަމަވެސް އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށެވެ.