Close
ފީފާ ދަ ބެސްޓް

ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީއަށް

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު، "ފީފާ ދަ ބެސްޓް" އެވޯޑު އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހޯދައިފިއެވެ.

މިއީ މެސީ "ފީފާ ދަ ބެސްޓް" ހޯދި ދެވަނަ ފަހަރެވެ. "ފީފާ ދަ ބެސްޓް" އެވޯޑަކީ 2017 ވަނަ އަހަރުން ފެށިގެން ފީފާއިން ދެމުން އަންނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ. ފީފާ "ދަ ބެސްޓް" އެވޯޑުގެ މަގާމަކީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ހެޑް ކޯޗުންގެ އިތުރުން ބައެއް ހާއްސަ ސަޕޯޓަރުންނާއި 200 މީޑިއާ ތަމްސީލުކުރާ ފަރާތްތަކެއްގެ ވޯޓުން ހޮވާ އެވޯޑެކެވެ.

ރެކޯޑު ހަތް ފަހަރަށް ޝަރަފުވެރި ބެލޮންޑިއޯ ހޯދާފައިވާ މެސީ، މީގެ ކުރިން 'ފީފާ ދަ ބެސްޓް" އެވޯޑު ހާސިލުކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ. އޭގެ އިތުރުން އޭނާ ވަނީ ގަދަ ތިނެއްގެ ތެރޭގައި، 2017، 2018ގެ އިތުރުން 2021 އަދި 2022 ވަނަ އަހަރުވެސް ހިމެނިފައެވެ.

މެސީއަށް ނިމިދިޔައީ ކާމިޔާބު އަހަރެކެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީއާއެކު މެސީ ވަނީ ލީގު ކާމިޔާބުކޮށްފައެވެ. އެ ކްލަބަށް އޭނާ 26 މެޗުން ހަ ގޯލު ޖަހައިދީ 14 އެސިސްޓް ފުރިހަމަކޮށްފައިވާ އިރު، މި ސީޒަނުގެ މިހާތަނަށް މެސީ ވަނީ ޕީއެސްޖީއަށް ކުޅުނު 20 މެޗުގައި 12 ގޯލު ޖަހައި 12 އެސިސްޓް ފުރިހަމަ ކޮށްދީފައެވެ.

މެސީއަށް މިދިޔަ އަހަރު ހާއްސަވީ ކެރިއަރުގައި އެންމެ ބޭނުންވި ވޯލްޑް ކަޕް ތަށި ލިބުމުންނެވެ. ގަތަރު ވޯލްޑް ކަޕް 2022 ގެ ޗެމްޕިއަންކަން އާޖެންޓީނާއިން ހޯދީ މެސީގެ ކެޕްޓަން ކަމުގެ ދަށުގައެވެ. އާޖެންޓީނާ އިން ވޯލްޑް ކަޕް ހޯދާފައި ވަނީ 36 އަހަރުގެ އިންތިޒާރަކަށް ފަހުއެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާގެ ކެޕްޓަން މެސީއަށް ހާއްސަވެފައި އޮތް އިރު، އެއީ އޭނާގެ ކެރިއަރުގައި ހޯދި ފުރަތަމަ ވޯލްޑް ކަޕެވެ. ގަތަރު ވޯލްޑް ކަޕްގައި މެސީ ހަތް ގޯލް ޖަހައި، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވެއެވެ.

މިރޭގެ "ފީފާ ދަ ބެސްޓް" ހަފުލާގައި ބްރެޒިލްގެ ލެޖެންޑް ޕެލޭއަށް ހާއްސަ ވަގުތުކޮޅެއް ހުސްކޮށްފައިވާ އިރު، ޕެލޭގެ ހަނދާނުގައި ހާއްސަ ވީޑިއޯއެއްވެސް ދައްކާފައިވެއެވެ. އޭގެ އިތުރުން ފީފާގެ ރައީސް ޖިއާނީ އިންފަންޓޯނީ ވަނީ ޕެލޭއަށް ހާއްސަ ބަސްތަކެއް އަމާޒުކޮށް، ޕެލޭގެ ހަނދާން ފުޓުބޯޅައިން ނެތިގެން ނުދާނެ ކަމަށް ވިދާޅުވެފައެވެ. މިރޭގެ ހަފުލާގައި ޕެލޭގެ އާއިލާއިންވެސް ވަނީ ބައިވެރިވެފައެވެ.

މިރޭގެ ހަފުލާގައި ހޮވި ބައެއް އިތުރު މަގާމުތައް

  • އެންމެ މޮޅު އަންހެން ގޯލްކީޕަރު - މެރީ އާޕްސް (މެންޗެސްޓާ ޔުނައިޓެޑް/ އިންގްލެންޑް)
  • އެންމެ މޮޅު ފިރިހެން ގޯލްކީޕަރު - އެމިލިއާނޯ މާޓިނޭޒް (އެންޓޮން ވިލާ/ އާޖެންޓީނާ)
  • އެންމެ މޮޅު އަންހެން ކޯޗު - ސަރީނާ ވީގްމަން/ އިންގްލެންޑް
  • އެންމެ މޮޅު ފިރިހެން ކޯޗު - ލިއޮނަލް ސްކޮލާނީ/ އާޖެންޓީނާ
  • އެންމެ މޮޅު ގޯލު، ޕުސްކާސް އެވޯޑު - މާސިން އޮލެސްކީ
  • ފޭސް އެވޯޑު - އާޖެންޓީނާ ސްޕޯޓަރުން
  • ފެއާޕްލޭ އެވޯޑު - ލޫކާ ލުޗޮސްވީލީ

އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އެލީޒިއާ ޕުޓޭއާސް ވަނީ މިދިޔަ ސީޒަނުގައިވެސް ބާސެލޯނާއާ އެކު ސްޕެނިޝް އަންހެން ލީގު ކާމިޔާބުކޮށް، މޮޅު ކުޅުމެއް ދައްކައިފައެވެ. އޭނާއެކު އެވޯޑަށް ވާދަކުރީ އެމެރިކާގެ އެލެކް މޯގަން އާއި އިންގްލެންޑްގެ ބެތު މީޑެވެ.

މިފަހަރުގެ ފީފާ ފިރިހެން އެންމެ މޮޅު ކުޅުންތެރިންނަށް މެސީއާއެކު ވާދަކުރީ ފްރާންސް އަދި ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭގެ އިތުރުން ރެއާލް މެޑްރިޑާއި ފްރާންސްގެ ފޯވަޑް ކަރިމް ބެންޒެމާއެވެ. އެ ތިން ކުޅުންތެރިންވެސް ވަނީ ފީފާއިން ހޮވި ގަދަ 11 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

އެންމެ މޮޅު ފިރިހެން 11 ކުޅުންތެރިން

  • ތީބޯ ކޯޓުއާ - ގޯލްކީޕަރު
  • އަޝްރަފް ހަކީމީ - ޑިފެންޑަރު
  • ވާޖިލް ވެން ޑައިކް - ޑިފެންޑަރު
  • ޖާއޯ ކާންސެލޯ - ޑިފެންޑަރު
  • ކަސެމީރޯ - މިޑްފީލްޑަރު
  • މޮޑްރިޗް - މިޑްފީލްޑަރު
  • ކެވިން ޑި ބްރޭނާ - މިޑްފީލްޑަރު
  • ލިއޮނަލް މެސީ - ފޯވަޑް
  • ކަރިމް ބެންޒެމާ - ފޯވަޑް
  • އާލިން ހާލަންޑް - ފޯވަޑް
  • ކިލިއަން އެމްބާޕޭ - ފޯވަޑް