ރާއްޖޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މެލޭޝިއާއިން ހޯދައިފިއެވެ.

މެލޭޝިއާއިން ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގައި ސިންގަޕޫރު ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. މުބާރާތުގައި މެލޭޝިއާ ލީގު ބުރުގައި ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވީ އަފްގާނިސްތާން އަތުން އެކަންޏެވެ. މެލޭޝިއާ ފައިނަލަށް ދަތުރުކުރީ ސެމީގައި ރޭ ރާއްޖެ ތިން ސެޓުން ބަލިކޮށްގެންނެވެ. ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމަށް މީގެ ކުރިން ކޯޗުކޮށްދިން ސުންޓޮން ފޮސީޓާ ކޯޗުކޮށްދޭ ސިންގަޕޫރުން ފައިނަލަށް ދިޔައީ ސެމީގައި ލީގު ބުރުގެ އެއްވަނަ އަފްގާނިސްތާން ކަޓުވާލައިފައެވެ.

މިއަދުގެ މެޗުގައި މެލޭޝިއާއިން ސެޓުތައް ގެންދިޔައީ 25-20، 25-23 އަދި 25-16 އިންނެވެ.

މެޗު ފަށައިގެން މެލޭޝިއާގެ ފަރާތުން ދަށް ފެށުމެއް ފެނިގެން ގޮސްފައިވާ އިރު، ސިންގަޕޫރުން ވަނީ ލީޑުގައި ކުޅެފައެވެ. ސިންގަޕޫރުން ފަސް ޕޮއިންޓްގެ ލީޑެއްގައި ފުރަތަމަ ކޮޅުގައި ކުޅުނު ނަމަވެސް، ފަހުން ސިންގަޕޫރުން ވަނީ މެޗު ތެރެއަށް ވަދެ ނަތީޖާ އަނބުރާލައިފައެވެ. ސެޓުގެ މެދު ތެރެއިން ނެގި ލީޑާއެކު ފުރަތަމަ ސެޓު ސިންގަޕޫރުން ނިންމާލީ 20-25 އިން ސެޓު ގެންގޮސްގެންނެވެ.

ދެވަނަ ސެޓު ފަށައިގެން ސިންގަޕޫރުން ރަނގަޅަށް ކުޅެ، ލީޑު ނެގިއެވެ. ސެޓުގެ ބޮޑު ބައެއްގައި ސިންގަޕޫރުން ލީޑު ކޮށްފައިވާ އިރު، މެލޭޝިއާއިން ވަނީ އެއްވަރު ކުރެވޭތޯ ބުރަކޮށް މަސައްކަތެއް ކޮށްފައެވެ. އެ މަސައްކަތް ކާމިޔާބުކޮށް ދެ ފަހަރެއްގައި މެލޭޝިއާއިން އެއްވަރު ކުރި ނަމަވެސް، އެޓީމަށް ލީޑު ނެގޭ ގޮތެއް ނުވިއެވެ. މެލޭޝިއާއިން ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، ދެވަނަ ސެޓުވެސް މެލޭޝިއާއިން ވަނީ ފަހަތުން އަރައި، ރަނގަޅު ނަތީޖާއަކާ އެކު 23-25 އިން ގެންގޮސްފައެވެ.

މެލޭޝިއާއިން ތިންވަނަ ސެޓު ފެށީ ވަރަށް ޖޯޝާއެކު ރަނގަޅު ފޯމެއްގައެވެ. ސެޓުގައި މެލޭޝިއާ ޔަގީންކަމާއެކު ފެނިގެން ގޮސްފައިވާ އިރު، ސެޓު ފަށައިގެން ސިންގަޕޫރުން ފުލުފުލުގައި ހެދި ގޯސްތަކެއްގެ ފައިދާނަގައި، މެލޭޝިއާއިން ލީޑުގައި ކުޅުނެވެ. އެ ލީޑާއެކު ސެޓު ގެންގޮސް ތަށި ޔަގީންކުރީ 25-16 އިންނެވެ.